12 އޯގަސްޓް 2023 - 12:28

ރިޔާސީ އިންތިހާބު ކާމިޔާބުވިޔަސް، މި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ އެއްވެސް މަސައްކަތެއް ހުއްޓާނުލާނެ ކަމަށް، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފުރަތަމަ އަތޮޅެއްގެ ގޮތުން، އުތުރަށް ފެއްޓެވި ދަތުރުގައި ހދ. ހަނިމާދޫގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ރަށަކަށް އަންނަ އެއްވެސް ތަރައްގީއެއް އަދި މިހާރު ހިނގަމުންދާ އެއްވެސް މަސައްކަތެއް ހުއްޓާލުމަކީ ތަރައްގީގެ ފިކުރުގައި ކުރާނެ ކަންކަމެއް ނޫން ކަމަށެވެ.
ޕީޕީއެމް/ޕީއެންސީއަކީ ތަރައްގީގެ ފިކުރުގެ ޕާޓީކަމަށް، މާލޭގެ މޭޔަރުކަން ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނެތިން ރަށަށް އަންނަ އެއްވެސް ތަރައްގީއެއް އަދި މިހާރު ހިނގަމުންދާ އެއްވެސް މަސައްކަތެއް ހުއްޓާލާކަށް. ތަރައްގީގެ ފިކުރުގައި ކުރާނެ ކަންކަމެއް ނޫން. މި ޕާޓީއަކީ ތަރައްގީގެ ފިކުރުގެ ޕާޓީ. މި ރަށުގައި އެއާޕޯޓުގެ މަސައްކަތް އެބަ ކުރިއަށްދޭ. އެކަން ރަނގަޅަށް ގެންދެވޭނަމަ، ރަށަށް ފައިދާވާ ގޮތަށް ގެންދެވޭނަމަ ވަރަށް ފައިދާވާނެ." އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އިންޓަނޭޝަނަލް ފެންވަރަށް ހަނިމާދޫގެ އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތް ފެށިއަސް، އެކަން ކުރަމުންދަނީ މި ސަރުކާރުގެ އެހެން މަޝްރޫއުތައް ކުރިއަށްދާ ގޮތަށް ލަހުން ކަމަށެވެ.
ނަމަވެސް، އެންމެން މަސައްކަތްކޮށްގެން ހަނިމާދުއަށް ބޭނުންވާ ތަރައްގީ ގެނެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އޭނާ އިންތިހާބުކޮށްފި ނަމަ، މިހާރަށް ވުރެ ރަނގަޅަށް މަޝްރޫއު ކުރިއަށްގެންދާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.
މުއިއްޒު ވިދާޅުވީ އިދިކޮޅު ކޯލިޝަން ގުޅިގެން ކުރާ މަސައްކަތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރެވޭނެ ކަމަށެވެ.
އުތުރަށް ފެއްޓެވި ކެމްޕޭން ދަތުރުގައި މުއިއްޒާ އެކު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.