12 އޯގަސްޓް 2023 - 12:58

ޖިއްދާ (އޮގަސްޓް 12) - ލިވަޕޫލް ދޫކޮށް މިދިޔަ މަހު ސައުދީ އަރަބިއްޔާގެ އަލް އަހްލީ އަށް ބަދަލުވި ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯގެ ހެޓްރިކަކާ އެކު 3-1 އިން އަލް ހަޒްމު ބަލިކޮށް، ސައުދީ ޕްރޯ ލީގުގެ އާ ސީޒަން ފަށައިފި އެވެ.

ޔޫރަޕްގައި ކުޅޭ މަޝްހޫރު ތަރިން މި ސީޒަނަށް ސައުދީ ލީގު ޓީމުތަކާ ގުޅެމުން އަންނައިރު، އަހްލީ އިން ވަނީ ފިރްމީނޯގެ އިތުރުން ވެސް ގިނަ ކުޅުންތެރިންތަކެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޗެލްސީ އަށް ކުޅުނު ސެނެގާލް ގޯލްކީޕަރު އެޑުއާޑް މެންޑީ އާއި ނިއުކާސަލް އަށް ކުޅުނު ފްރާންސްގެ ވިންގާ އެލެކްސެންޑާ ސެއިންޓް މެކްސިމިން އަދި މެންޗެސްޓާ ސިޓީ އަށް ކުޅުނު އަލްޖީރިއާ ވިންގާ ރިޔާދު މާރޭޒް އަދި އޭސީ މިލާނާއި ބާސެލޯނާ އަށް ކުޅުނު އައިވަރީ ކޯސްޓް މިޑްފީލްޑަރު ފްރޭންކް ކޭސީ އެވެ.

އަހްލީގެ މި ފަސް ކުޅުންތެރިން ވެސް ވަނީ ރޭގެ މެޗުގައި ސްޓާޓް ކޮށްފަ އެވެ. ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ފިރްމީނޯ އެވެ.
މެޗުގެ ފުރަތަމަ ގޯލު ހަވަނަ މިނިޓުގައި ފިރްމީނޯ ކާމިޔާބު ކުރިއިރު، ލީޑު ފުޅާ ކުރީ ހަތަރު މިނިޓު ފަހުން މާރޭޒްގެ އެހީތެރިކަމާ އެކު އެވެ. ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ހަޒްމުން ފަރަގު ކުޑަ ކޮށްފައި ވަނިކޮށް ފިރްމީނޯ އޭނާގެ ހެޓްރިކް ފުރިހަމަކުރީ 72 ވަނަ މިނިޓުގަ އެވެ.
ލީގު ފަށަން ރޭ ކުޅުނު މެޗުގައި ކުޅުނު ދެ ކްލަބަކީ ވެސް ދެވަނަ ޑިވިޝަނުން ޕްރޮމޯޓްވި ދެ ޓީމެވެ. ހަޒްމު އާއެކު ސައުދީ އަރަބިއްޔާގެ އެންމެ ކާމިޔާބު އެއް ޓީމު ކަމުގައިވާ އަހްލީ ވެސް ރެލިގޭޓްވީ މިދިޔަ އަހަރު އެވެ. އަހްލީ އަލުން ޕްރޮމޯޝަން ހޯދީ ނިމުނު ސީޒަންގައި ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.
ސައުދީ ލީގު މަޝްހޫރުކަން ހޯދީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، މެންޗެސްޓާ ޔުނައިޓެޑުން ރިލީޒް ހޯދައިގެން އައް ނަސްރާ ގުޅުނު ހިސާބުންނެވެ. އެއަށް ފަހު ގިނަ ކުޅުންތެރިންނެއް ވަނީ މި ސީޒަނަށް އެ ލީގާ ގުޅިފަ އެވެ.
ރޮނާލްޑޯ އާއެކު ކުޅެން މި ސީޒަނުގައި ސަޑިއޯ މާނޭ އާއި އެލެކްސް ޓެލޭސް އަދި ސެކޯ ފޮފާނާ އާއި ބާސެލޯ ބްރޮޒޮވިޗް ގެނެސްފައި ވާއިރު، ޗެމްޕިއަން އަލް އިއްތިހާދުން ވަނީ ކަރީމް ބެންޒެމާ އާއި އެންގޯލޯ ކަންޓޭ އަދި ފަބީނިއޯ ގެނެސްފަ އެވެ.
ދެން އެންމެ ބޮޑު ހަރަދެއް ކުރީ އަލް ހިލާލް އަދި އަލް އިއްތިފާގުންނެވެ. ކަލިދޫ ކުލިބާލީ އާއި ރުބެން ނެވޭސް އަދި ސާޖެގް މިލިންކޮވިޗް ސަވިޗް އަދި މެލްކޮމް ގެނައީ އަލް ހިލާލުންނެވެ. އިއްތިފާހުން ގެނައީ މޫސާ ޑެމްބެލޭ އާއި ޖޯޑަން ހެންޑަސަން އެވެ.
ސައުދީގައި މިއަހަރު ކުރިއަށްދާ ޔުއާފާ އަރަބް ކްލަބް ޗެމްޕިއަންސް ކަޕްގެ ފައިނަލަށްގައި މިރޭ ހިލާލް އާއި ނަސްރު ބައްދަލުކުރާނެ އެވެ.