މިނިވަންކަން ގެއްލިދާނެތީ މުއިއްޒަށް ވޯޓު ދޭން ތޯރިގް އެދިވަޑައިގެންފި
މިނިވަންކަން ގެއްލިދާނެތީ މުއިއްޒަށް ވޯޓު ދޭން ތޯރިގް އެދިވަޑައިގެންފި

އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ސަރުކާރުން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމަކީ ނުރައްކަލެއް ކަމަަށާއި އެކަމުން ސަލާމަތްވުމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދޭން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ރޭ ގޮވާލައްވައިފި އެވެ.

މިނިވަންކަން ގެއްލިދާނެތީ މުއިއްޒަށް ވޯޓު ދޭން ތޯރިގް އެދިވަޑައިގެންފި
މިނިވަންކަން ގެއްލިދާނެތީ މުއިއްޒަށް ވޯޓު ދޭން ތޯރިގް އެދިވަޑައިގެންފި

މަހިބަދޫގައި ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ތޯރިގް ވިދާޅުވީ މި ސަރުކާރު އިންތިހާބުގައި ބަލިކުރަން ޖެހޭ މުހިންމު ސަބަބަކީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުން ކަމަށެވެ. ހަމައެކަނި ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން ވެސް ސަރުކާރު ބަދަލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ އިންޑިއާ ސަރުކާރާއި މި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތްތައް ކުރެއްވި ކަމަށާއި އޭގެ ތެރޭގައި ވަރަށް ނުރައްކާ އެއްބަސްވުންތައް އެބަހުރި ކަމަށެވެ.

"އުތުރުތިލަފަޅު އެއްބަސްވުން. އުތުރުތިލަފަޅު އެއްބަސްވުމަކީ އިންޑިއާގެ އަސްކަރީ ބޭސްއަކަށް ހަދަން ދީފައި އޮތް ތަނެއް. އެ އެއްބަސްވުމުގައި އޮތީ 15 އަހަރަށް ކުއްޔަށް ދީ، އޮޓަމެޓިކުން 10 އަހަރު އިތުރު ކުރެވޭ ގޮތަށް، ވެރިކަން ކުރާ ރަށާ ދުރުގައި އެހެން ގައުމެއްގެ މިލިޓަރީ ބޭސްއެއް އެ އޮތީ ހަދާފައި. ދިވެހި ސިފައިންގެ ބާރެއް އެ ތަނުގައި ނުހިނގާނެ،" ތޯރިގް ތުހުމަތު ކުރެއްވި އެވެ.

"މިއީ އަޅުގަނޑުމެން މިނިވަންކަމަށްޓަކައި އެހެންވީމާ ލާން ޖެހޭ ވޯޓެއް."

އުތުރުތިލަފަޅު އެއްބަސްވުމުގެ އިތުރުން ރާއްޖޭގެ ކަނޑުއަޑީގެ ކުރެހުންތައް ކުރަހަން އިންޑިއާއާ ހަވާލުކުރި އެއްބަސްވުމަށް ވެސް ތޯރިގް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިންޑިއާ އެކަން ކުރުމުގެ ތެރެއިން ހއ. އާއި ހދ. އަތޮޅުން މައުދަނެއް ފެނިއްޖެ ނަމަ އެ ދެ އަތޮޅު ދިވެހިންނަށް ގެއްލޭނެ ކަމަށެވެ. އިންޑިއާ އިން އެތަން ހިސޯރުކުރާނެ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރުތަކާ އެކު އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބޭ ތިބުމަށް ވެސް ތޯރިގް ފާޑުވިދާޅުވި އެވެ.

"މި ސަބަބުތަކަށްޓަކައި ސެޕްޓެމްބަރު 9 ވަނަ ދުވަހު ރައީސް ޔާމީން އެންޑޯޒްކޮށްފައިވާ ކެންޑިޑޭޓް މުއިއްޒު އިންތިހާބުކޮށްދޭން އަޅުގަނޑުމެން މި އެދެނީ،" ތޯރިގު ވިދާޅުވި އެވެ.

އުތުރުތިލަފަޅު އެއްބަސްވުމާއި އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން ތޯރިގްގެ ސީރިއަސް ތުހުމަތުތަކެއް ކުރައްވާފައިވާއިރު، ސަންގު ޓީވީން ބޭއްވި ރިޔާސީ ބަހުސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިލިޓަރީ ހަރަކާތެއްގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ނެތް ކަމަށް ވިދާޅުވެފަ އެވެ.

އުތުރުތިލަފަޅު އެއްބަސްވުމުގައި ވެސް ގައުމުގެ މިނިވަންކަމަށް އަސަރުކުރާ ފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި އެތަން އިންޑިއާގެ ކުންފުންޏަކުން ތަރައްގީ ކޮށްދެނީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. އުތުރުތިލަފަޅު އޮންނާނީ ރާއްޖޭގެ ބައެއްގެ ގޮތުގައި ކަމަށާއި އެ ތަނުގައި ހިނގާނީ ދިވެހި ސިފައިންގެ ބާރު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.