ލޯކަނު އީމާންވުމަކުން އީމާންވުމަކީ އިސްލާމްދީން ނަފުރަތު ކުރާ ކަމެއް
ލޯކަނު އީމާންވުމަކުން އީމާންވުމަކީ އިސްލާމްދީން ނަފުރަތު ކުރާ ކަމެއް

ހެޔޮލަފާ އިންސާނަކަށް ވާން ބޭނުން ނަމަ ފުރިހަމަވާން ޖެހޭ އަސާސީ ކަންތައްތަކެއް ވެ އެވެ. ސައްހަ އީމާންތެރިއަކަށް އަދި އަޅުވެރި މީހަކަށްވާން ޖެހެ އެވެ. މި ކަމަށްޓަކައި އިސްލާމީ ޝަރީއަތާއި މަންހަޖަށް ތަބާވާން ޖެހެ އެވެ. ރިވެތި އަހުލާގުގެ ވެރިއަކަށް ވާން ޖެހެ އެވެ. މި ކަންކަން ފުރިހަމަވާނީ ބިމުގެ ހަލީފާއެއްގެ ގޮތުން މުޖުތަމައު އިސްލާހުކޮށް، މުޖުތަމައު ކުރިއަރުވައި މުޖުތަމައުގެ ހައްގުގައި ޖިހާދު ކުރާނެ މީހަކަށް ވެސް ވެގެންނެވެ. މި ހުރިހާ ކަމެއް އިންސާނާގެ ކިބައިގައި ތަރައްގީ ވެގެން ދިއުމަށްޓަކައި ބުއްދީގެ ބޭނުން ހިފައި އިލްމު ހާސިލު ކުރުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ.

އިސްލާމްދީނަކީ ބުއްދި އާއި އިލްމުގެ ދީނެވެ. އިންސާނާގެ އީމާންކަމާއި އަގީދާ ފުރިހަމަ ވެވެނީ އިލްމާއި ބުއްދީގެ އެހީގަ އެވެ. ލޯކަނު އީމާންވުމަކުން އީމާންވުމަކީ އިސްލާމްދީން ނަފުރަތު ކުރާ ކަމެކެވެ. ﷲ އަށް އީމާންވުމަށްޓަކައި ﷲ ގެ ސިފަފުޅުތައް ދެނެގަންނަން ޖެހެ އެވެ. އެ އަށް ފަހު އީމާންކަން ބިނާކުރަން ޖެހެނީ ޔަގީންކަމުގެ މައްޗަށެވެ. ހީކުރުންތަކުގެ މައްޗަކަށް ނޫނެވެ. އެ ކަމުގައި ބަރޯސާވާން ޖެހެނީ ކޮޕީ ކުރުމަކަށް ނޫނެވެ. ވަރުގަދަ ހެއްކާއި ބުރުހާނުގެ މައްޗަށެވެ. ތަފާތު ދީންތަކާއި މިއްލަތްތަކުގެ އަހުލުވެރިން ދައްކާ ވާހަކަ ތެދު ކަމުގައި ވާ ނަމަ އެ ކަމަށް ހެއްކާއި ދަލީލު ގެންނަން އެދިވަޑައިގަންނަވަން މާތްﷲ ކީރިތި ރަސޫލާ ﷺ އަށް އަންގަވަ އެވެ (އަލްބަގަރާ 111).

ﷲ އިރާދަ ކުރެއްވި ނަމަ ތިމަންމެން އަދި ތިމަންމެންގެ ކާބަފައިން ވެސް ޝަރީކެއް ނުކުޅައީމުހޭ ބުނާ މުޝްރިކުންނަށް ރައްދު ދެއްވުމުގެ ގޮތުން ކީރިތި ގުރުއާނުގައި މާތްﷲ އަންގަވަނީ “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައި މީހުން، އަހުރެމެންނަށް ނެރެ ދައްކައިދޭނެ އެއްވެސް އިލްމެއް ތިޔަބައިމީހުންގެ ކިބައިގައި ވޭ ހެއްޔެވެ؟ ތިޔަބައި މީހުން ތަބާ ވަނީ ހީއަކަށް ކަމުގައި މެނުވީ ނުވެ އެވެ. އަދި ތިޔަބައިމީހުން ދޮގު ހަދާ ބަޔަކު ކަމުގައި މެނުވީ ނުވެ އެވެ” (އަލްއަންއާމް 148). އަދި މުޝްރިކުން ތަބާވަނީ ހަމައެކަނި ހީއަކަށް ކަމަށާއި ހީއަކީ ހައްގުގެ ބަދަލުގައި އެއްވެސް ކަމެއް ފުއްދައިދޭނެ އެއްޗެއް ނޫން ކަން މާތްﷲ ބަޔާން ކުރައްވަ އެވެ (އައްނަޖްމު 28).

މި ގޮތަށް ޔަގީންކަން ބޭނުންވާ ކަންކަމުގައި ހީއަށް ތަބާވުމަށް ކީރިތި ޤުރުއާން އިންކާރު ކުރާއިރު، ހަގީގަތާއި ދުރުން ހަވާނަފްސަށާއި ހަމައެކަނި އިހުސާސްތަކަށް ތަބާވުން ވެސް ޤުރުއާނުގައި ވަނީ އިންކާރު ކޮށްފަ އެވެ. (އައްނަޖްމު 23) މީގެ އިތުރުން، ހައްގު ހޯދަން މަސައްކަތް ނުކޮށް ލޯކަނު ތަބާވުމަކުން ތަބާ ވުމަކީ ނުވަތަ ލޯކަނު ކޮޕީ ކުރުމަކީ އިސްލާމްދީން ވަރަށް ބޮޑަށް އިންކާރު ކުރާ ކަމެކެވެ. އެހެނީ އޭރުން ތިމާގެ އަމިއްލަ ބުއްދި އެއްފަރާތް ކުރެވި އެހެންމީހުންގެ ބުއްދީގެ ބޭނުން ހިފެނީ އެވެ. ތިމާގެ މައިންބަފައިން ވިއަސް ނުވަތަ ވެރިން ވިއަސް ނުވަތަ ބާރާއި ނުފޫޒު ހުންނަ އެހެން ބަޔަކުވިއަސް ނުވަތަ އާންމުންގެ ތެރެއިން ކިތަންމެ ގިނަ ބަޔަކު ވިޔަސް އެ ބަޔަކު ނުވަތަ މީހަކު ބުނާ ބަހެއް ތިމާގެ އަމިއްލަ ސިކުނޑިން ވިސްނުމަށް ފަހު ނޫނީ ގަބޫލު ނުކުރުމަށް ނުވަތަ ތަބާ ނުވުމަށް އިސްލާމްދީން ބާރު އަޅަ އެވެ.

ތިމާގެ އަމިއްލަ ވިސްނުމާއި ﷲ ގެ ހަޒުރަތުން އައިސްފައިވާ ހިދާޔަތު އެއްފަރާތްކޮށް، މައިންބަފައިން ވަކި ގޮތެއްގައި ތިބީތީވެ އެގޮތަށް ތަބާވުން އެއީ ނުރަނގަޅު ނިންމުމެއްކަން ބަޔާންކުރާ އާޔަތްތައް ކީރިތި ޤުރުއާނުގައި ވެ އެވެ. (މިސާލަކަށް އައްޒުހުރުފު 22-24، އަލްބަގަރާ 170) ހަމަ އެފަދައިން ވެރިންނާއި ބޮޑުންގެ ބަސް ތެދުކޮށް އެ މީހުންނަށް ތަބާވުމުގައި ވެސް ތިމާގެ އަމިއްލަ ބުއްދި އާއި ﷲގެ ހަޒުރަތުން އައި ހިދާޔަތު އެއްކިބާކޮށްފި ނަމަ ގިޔާމަތް ދުވަހުން ނަރަކައިގެ އަޒާބުގައި އެ ދެބައިމީހުންގެ އަމަލުތަކާއި ބަސްތައް ހުންނާނެ ގޮތުގެ ތަސައްވުރެއް އައުރާފު ސޫރަތުގެ 38 ވަނަ އާޔަތުގައި ވެ އެވެ. އޭގެ ތެރެއިން ބަޔަކު ނަރަކަ އަށް ވަންނަ ކޮންމެ ފަހަރަކު އެ ބަޔަކު އެފަދަ އަނެއް ބަޔަކަށް ލައުނަތް ދެ އެވެ. އެ އެންމެން ނަރަކަ އަށް ޖަމާވެ ނިމުމުން އޭގެ ތެރެއިން ފަހުގެ މީހުން ކުރީގެ މީހުންނާ މެދު ބުނާނެތެވެ. "އަޅަމެންގެ ވެރި ރަސްކަލާކޯ އެވެ! އަޅަމެން މަގު ފުރެއްދީ މި ތިބަ މީހުންނެވެ. ފަހެ، އެ އުރެންނަށް ނަރަކައިގެ އަޒާބު ދެގުނަ އަށް ދެއްވާނދޭވެ!" އެކަމަކު މާތްﷲ ވަހީ ކުރައްވާނީ ތިޔައިން ކޮންމެ ބަޔަކަށް ވެސް ދެގުނަ އަށް އަޒާބު ހުރި ކަމަށެވެ. ތިމާގެ ބުއްދި އާއި ﷲ ގެ ހިދާޔަތު އެއްފަރާތްކޮށް އާންމުންގެ ތެރެއިން ގިނަ މީހުން ވަކި ގޮތަކަށް ތަބާ ވާތީ އެ ގޮތަކަށް ތަބާވަމުން ނުދިއުމަށް ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައި ވެ އެވެ. މީހުން ރަނގަޅަށް ކަން ކުރިއްޔާ ތިމާ ވެސް ރަނގަޅަށް، އަދި މީހުން ގޯސްކޮށް ކަން ކުރިއްޔާ ތިމާ ވެސް ގޯސްކޮށް ކަން ކުރާ ގުނބޯލަޔަކަށް ނުވުމަށް އެކަލޭގެފާނު އަންގަވަ އެވެ. އޭގެ ބަދަލުގައި އަބަދުވެސް ރަނގަޅަށް ކަން ކުރުމަށާއި އަނިޔާވެރި ނުވުމަށް އެކަލޭގެފާނު އިރުޝާދު ދެއްވައެވެ (ރިވާކުރެއްވީ ތިރުމިޛީ).

މި ގޮތަށް ލޯކަނު ތަބާވުމުން ދުރުހެލިވުމަށް އިސްލާމްދީނުގައި ބާރު އަޅާއިރު ކައުނުގައި މިވާ، މާތްﷲ ގެ ކުޅަދުންވަންތަކުގެ ހެކިތަކާއި މާތްﷲ ބާވާލެއްވި ފޮތާ މެދު ވިސްނައި ފިކުރުކޮށް، ތަދައްބުރު ކުރަން އިސްލާމްދީން ހިތްވަރު ދެ އެވެ. އުޑުތަކާއި ބިމުގައިވާ އެއްޗިއްސާ މެދު ނަޒަރު ހިންގަން މާތްﷲ އަންގަވަ އެވެ (ޔޫނުސް 101).

މާތްﷲ ހަލްގު ކުރެއްވި ތަކެއްޗާއި އުޑުތަކާއި ބިމުގައިވާ އެކަލާނގެ މަލަކޫތަށް ބަލައި ފިކުރު ކުރަން އިޝާރާތް ކުރެ އެވެ (އަލްއަޢުރާފު 185). އަމިއްލަ ނަފްސުތަކުގައިވާ ފުރިހަމަކަން ދެނެގަތުމަށްޓަކައި އަމިއްލަ ނަފްސުތަކަށް ބަލައި ވިސްނުމަށް ބާރު އަޅަ އެވެ (އައްޛާރިޔާތު 20) ކީރިތި ޤުރުއާނާ މެދު ވިސްނައި ފިކުރު ކުރަން އަންގަވަ އެވެ (މުޙައްމަދު 24). ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތައް ނިމޭ ތަނުގައި “ވިސްނާ ބަޔަކަށް” ނުވަތަ “ފިކުރު ކުރާ ބަޔަކަށް” ނުވަތަ “ބުއްދީގެ އަހުލުވެރިންނަށް” ފަދަ އިބާރާތްތައް ބޭނުން ކުރައްވާފައި ވެ އެވެ. މި ހުރިހާ ކަމަކުން ދަލީލު ކުރަނީ ވިސްނައި ފިކުރުކޮށް، ބުއްދީގެ ބޭނުން ހިފުމަށް އިސްލާމްދީން ބާރުއަޅާ ވަރެވެ. އެހެނީ ﷲގެ ވަހީ ބަސްފުޅުތައް ދެނެގަނެ ދޭހަވުމަށާއި ﷲގެ ކުޅަދުންވަންތަކަމުގެ ހެކިތައް ދެނެގަތުމަށްޓަކައި ބުއްދިއަކީ ނުހަނު ބޭނުން އެއްޗެކެވެ. ބުއްދިއާ ނުލައި، ﷲ ވޮޑިގެންވާ ކަމާއި އެކަލާނގެ އެއްކައުވަންތަ ކަމަށް ދަލީލު ހޯދަން ފަސޭހައެއް ނުވެ އެވެ. އެ އާ ނުލައި، ﷲ އިންކާރު ކުރާ ފަރާތްތަކަށް ރައްދު ދޭކަށް ވެސް ނޭނގޭނެ އެވެ. ނަބީންނާއި ރަސޫލުން ތެދުކޮށް، އެ ބޭކަލުން ﷲގެ ހަޒުރަތުން ގެނެސްދެއްވި ވަހީއަކީ ސައްހަ އެއްޗެއްކަން ސާބިތު ކުރެވޭނީ ވެސް ބުއްދީގެ ބޭނުން ކޮށްގެންނެވެ.

ނަމަވެސް މީގެ މާނައަކީ ބުއްދިއަކީ ހުރިހާ ކަމެއްގެ ހަގީގަތް ދެނެގަނެވޭނެ މަގެކޭ ނޫނެވެ. ސަބަބަކީ އިންސާނާގެ އިވުމާއި ފެނުން ފަދަ އިހުސާސްތައް ފަދައިން ބުއްދި ވެސް ބޭނުން ކުރެވޭނީ ވަކި ހައްދެއްގެ ތެރޭގައި ކަމަށް ވާތީ އެވެ. ކައުނާއި ކައުނުގައިވާ އެންމެހާ މަހުލޫގުންތަކުގެ ދާއިރާ އަކީ ބުއްދީގެ ބޭނުން ކުރެވޭނެ ދާއިރާ އެވެ. އެކަމަކު މާތްﷲ ގެ ޒާތުފުޅު ދެނެގަތުމުގެ ބާރެއް ބުއްދިއަކަށް ލިބިފައެއް ނުވެ އެވެ. އެހެންކަމުން އެކަމާ ވިސްނައި ފިކުރު ކުރުމަކީ އިންސާނާ ހަލާކުގެ މަގަށް ގެންދާނެ ކެމެވެ.

ބުއްދީގެ ބޭނުންކޮށް އިލްމު ލިބިގަތުމަކީ އިސްލާމީ ނަޒަރުން ބަލާއިރު ހަމަ ކޮންމެ މުސްލިމެއްގެ މައްޗަށްމެ ވާޖިބެކެވެ. ކިފާޔަތުގެ ފަރުލެއްގެ ގޮތުގައި އުނގެނެން ޖެހޭ އިލްމާއި އައިނިއްޔަ ފަރުލުގެ ގޮތުގައި އުގެނެން ޖެހޭ އިލްމު ވެ އެވެ. މާތްﷲ ވަނީ އިންސާނާ އަށް އޭނާ އިލްމު އުނގެނުމަށް ބޭނުންވާނެ އެންމެހާ ވަސީލަތްތައް ދެއްވާފަ އެވެ. އެ ވަސީލަތްތަކުގެ ބޭނުން ހިފައި މާތްﷲ އަށް ޝުކުރުވެރިވާން ޖެހެ އެވެ (އައްނަހުލު 78).

މި ޝުކުރުވެރި ވެވޭނީ އިލްމު އުނގެނިގެންނެވެ. މި ވަސީލަތްތަކުގެ ބޭނުން ނުކޮށް، ޖާހިލުކަންމަތީ ތިބޭ މީހުންނަކީ ނައަމް ސޫފި ނުވަތަ އެ އަށް ވުރެ ވެސް ދަށު ދަރަޖައިގައިވާ ބައެއްކަން އަދި އެ މީހުން ނަރަކައަށް ވަންނާނެކަން ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައި ވެ އެވެ (އަލްއައުރާފު 179). އިންސާނުން އެ މީހުންނަށް ނޭނގޭ ކަންކަމުގެ ތެރެއަށް ނުވަނުމަށާއި ނޭނގޭ ވާހަކަ ނުދެއްކުމަށް އަންގަވާފައި ވެ އެވެ (އަލްއިސްރާއު 36). އެއީ ގިޔާމަތް ދުވަހުން އެ ވަސީލަތްތަކާ މެދު އޭނާ މަސްއޫލުވާން ޖެހޭތީ އެވެ. މި މަސްއޫލިއްޔަތު އުފުލެން ވެސް އަންނަނީ އިލްމު އުނގެނިގެންނެވެ.

ވީމާ އިންސާނާ ހެޔޮލަފާ މީހެއް ކަމުގައި ވާން ބޭނުން ނަމަ އޭނާއަކީ އިލްމުވެރި މީހަކަށް ވާން ޖެހެ އެވެ. ބުއްދީގެ ބޭނުން ހިފާ މީހަކަށް ވާން ޖެހެ އެވެ. ހެޔޮލަފާ މީހަކަށް ވުމަށް ތަފާތު ގޮތްގޮތުން ލިބޭ ތަރުބިޔަތު ލިބިގަނެވޭނީ ވެސް ބުއްދީގެ ބޭނުން ހިފައި އިލްމުވެރި ވުމުންނެވެ.