ޖޫނިއާ ބައިން އާމިން މިފަހަރު ނިންމާލީ ތިންވަނައިގައި
ޖޫނިއާ ބައިން އާމިން މިފަހަރު ނިންމާލީ ތިންވަނައިގައި

މާލޭ ރާޅުގަނޑުގައި އިއްޔެ ނިމުނު އައިބީސީ ވޯލްޑް ޓުއާ މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން އިވެންޓުގެ ޖޫނިއާ ބައިގައި ވާދަކުރި ރާއްޖޭގެ އެއްވަނަ ޖޫނިއާ ބޮޑީބޯޑަރު އާމިން އުމަރު މޫސާ ތިންވަނަ ހޯދައިފި އެވެ.

ޖޫނިއާ ބައިން އާމިން މިފަހަރު ނިންމާލީ ތިންވަނައިގައި
ޖޫނިއާ ބައިން އާމިން މިފަހަރު ނިންމާލީ ތިންވަނައިގައި

މިދިޔަ އަހަރު ފައިނަލްގައި ވާދަކުރި އާމިން އަށް މިއަހަރުގެ މުބާރާތުން ފައިނަލަށް ނުދެވުނީ، އިއްޔެ އޮތް ސެމީ ފައިނަލްގެ ފުރަތަމަ ހީޓުގައި މިދިޔަ އަހަރުގެ ޖޫނިއާ ވޯލްޑް ޗެމްޕިއަން ސްޕެއިންގެ ޖޯޖް ހެނާންޑޭޒް އަތުން ބަލިވެގެންނެވެ. މި ހީޓުގައި އާމިން އަށް 7.75 ޕޮއިންޓް ލިބުނުއިރު ހެނާންޑޭޒް ވަނީ 12.25 ޕޮއިންޓް ހޯދައިފަ އެވެ.

ޖޫނިއާ ބައިގެން ސެމީގެ ދެ ހީޓުން ވެސް ބަލިވި އެތުލީޓުންނަށް ތިންވަނަ ލިބުނެވެ. ދެވަނަ ސެމީގައި 11.75 ޕޮއިންޓް ހޯދި ބްރެޒިލްގެ ގިލާމޭ މޮންޓެނީގްރޯ އަތުން 0.25 ޕޮއިންޓްގެ ތަފާތުން ބަލިވީ ދެކުނު އެފްރިކާގެ ހޫގޯ ނައުޑޭ އެވެ.

ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި 13.75 ޕޮއިންޓް ހޯދި ހެނާންޑޭޒް އެވެ. މޮންޓެނީގްރޯ އަށް އެއްކުރެވުނީ 11.50 ޕޮއިންޓެވެ.

މިދިޔަ އަހަރު މޯލްޑިވްސް ޕްރޯގެ ޑްރޮޕް ނީ ބައިގެ ސެމީ އަށް ދިޔަ ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރު އަލީ ހުޝްރުވާން (ކުޑަ އައްޔަ) އަށް މިއަހަރު ދަތުރު ކުރެވުނީ ކުއާޓާ ފައިނަލުންނެވެ. މި ބައިގެ ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރު މޯލްޑިވްސް ޕްރޯގައި ޑްރޮޕް ނީ އަދި ފިރިހެން އޯޕަން ޑިވިޝަން ވެސް ކާމިޔާބުކުރި ހަވާއީގެ ޑޭވިޑް ހަބާޑް އެވެ.

ހަބާޑް ޑްރޮޕް ނީ ބައިގެ ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި ހަވާއީގެ ސެމީ މޮރެޓީނޯއާ ވާދަކޮށް ޖުމްލަ 16 ޕޮއިންޓް ހޯދައިގެންނެވެ. މި ކާމިޔާބީއާ އެކު ހަބާޑަށް ވަނީ މިއަހަރުގެ ވޯލްޑް ޓުއާ އިވެންޓުތައް ނުނިމެނީސް، ރެކޯޑް 10 ވަނަ ފަހަރަށް ޑްރޮޕް ނީ ބައިން ދުނިޔޭގެ ޗެމްޕިއަންކަން ޔަގީން ކޮށްފަ އެވެ.

ފިރިހެން އޯޕަން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ފްރާންސްގެ ޕިއޭ ލުއިސް ކޮސްޓޭސް އެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި، މިވަގުތު ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ހަވާއީގެ ޓެނާ މެކްޑެނިއެލް އާ ވާދަކޮށެވެ.

އޯޕަން ބައިން އެންމެ ދުރަށް ދަތުރު ކުރި ރާއްޖޭގެ ބޮޑީބޯޑަރަކީ އަލީ ޝާމް ރާފިއު އެވެ. އޭނާ ފަސްވަނަ ބުރަށް ދިޔައީ ނުވަ ފަހަރު ވޯލްޑް ޓުއާ ކާމިޔާބު ކޮށްފައިވާ ހަވާއީގެ މައިކް ސްޓެވާޓް އާ ދެ ހީޓެއްގައި ވާދަކޮށް ދެ ހީޓުން ވެސް އެއްވަނަ ހޯދައިފަ އެވެ.

އަންހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދީ ކެނެރީ އައިލެންޑްސްގެ ޓެރޭސާ މިރަންޑާ އެވެ. އޭނާ ފައިނަލްގައި ވާދަކުރީ ޖަޕާނުގެ ސަރީ އޯހަރާއާ އެވެ. އޯހަރާ އަށް 13.25 ޕޮއިންޓް ހޯދުނުއިރު، މިރަންޑާ ޗެމްޕިއަންކަން ހޯދީ 0.25 ޕޮއިންޓްގެ ތަފާތަކުންނެވެ.