ވާދަވެރި ކެންޑިޑޭޓުންނަށް ހުރަސް އެޅޭ ގޮތަށް ކެމްޕޭނު ނުކުރަން އިލްތިމާސްކޮށްފި
ވާދަވެރި ކެންޑިޑޭޓުންނަށް ހުރަސް އެޅޭ ގޮތަށް ކެމްޕޭނު ނުކުރަން އިލްތިމާސްކޮށްފި

އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެމްޕޭނު ކުރާއިރު، އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަށް އުނިކަން އަންނަ ގޮތަށް އަމަލު ނުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެމްޕޭނު ހަރަކާތްތައް އަމާންކަމާއި އޮމާންކަމާއެކީ ކުރިޔަށް ގެންދިޔުމަކީ ކެންޑިޑޭޓުންނަށާއި، ކެންޑިޑޭޓުންގެ ސަޕޯޓަރުންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ.

ނަމަވެސް، ކެމްޕޭނު ކުރާއިރު، އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް އުނިކަން އަންނަގޮތަށް، ގަދަރާއި އިހުތިރާމު ކުޑަކުރުމުގެ ސަބަބުން، އަނެކާއަށް އެ ހައްގު މިނިވަން ގޮތުގައި އިހުތިޔާރު ކުރުމަށް ހުރަސްއެޅޭ ފަދަ ކަމެއް ކުރުމަކީ ގާނޫނުން މަނާކަމެއް ކަމަށް ހަބީބް ވިދާޅުވި އެވެ.

އަދި ކެމްޕޭނަށް ހުރަސް އެޅުމުގެ ގޮތުން، ކެމްޕޭން ހަރަކާތް ބޭއްވޭ ސަރަހައްދުގައި އަޑުގަދަކޮށް، ކެމްޕޭނުގެ މެސެޖު ފޯރުކޮށްދިނުމަށް ހުރަސް އެޅޭ ގޮތަށް އަމަލުކުރުމާއި، މުދަލަށް ގެއްލުން ދިނުމާއި، ކެންޑިޑޭޓުންގެ ދަތުރުތަކަށް ހުރަސް އެޅުން ފަދަ ކަންކަމަކީ މި އިންތިޚާބު އަމާން ކަމާ އެކު ގެންދިޔުމަށް ހުރަސް އެޅިދާނެ ކަންކަމުގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ހިޔާލު ފާޅުކުރުމުގެ ހައްގުގެ ބޭނުންކުރުމުގައި، ކެންޑިޑޭޓުންގެ އަބުރަށް ހުތުރުވާ ގޮތަށް، ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި، ދޮގު އިލްޒާމު އެޅުވުމަކީ، ސުލްހަވެރި ސިޔާސީ ހަރަކާތުގެ ހަމަތަކާ ހިލާފު، އަދި ހަމަނުޖެހުމަށް މަގުފަހިވެދާނެ ކަންކަން،" ހަބީބް ވިދާޅުވި އެވެ.

އެހެންކަމުން އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދުކުރުމުގެ މަސައްކަތްތަކުގައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަދި ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގުތަކަށް އުނިކަން ނާންނާނެގޮތަށް ކެމްޕޭނު ހަރާކަތްތައް ކުރިޔަށް ގެންދިޔުމަށް ކޮމިޝަނުގެ ފަރާތުން ހަބީބް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

އީސީން މިގޮތަށް އިލްތިމާސްކޮށްފައިވަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުތަކާ ދިމާކޮށް އިދިކޮޅު ސަޕޯޓަރުން އެއްވެ އިހުތިޖާޖު ކުރުމުގެ ތެރެއިން ހަމަނުޖެހުންތައް ހިނގާފައިވަނިކޮށެވެ.

އަދި ގދ. މަޑަވެލީގައި އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާއަށް ބާއްވަން އޮތް ތަނުގައި ބަޔަކު ހުޅުޖަހައި ގެއްލުން ވެސް ދިނެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަކީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރައްވާ އިންތިޚާބެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުން ފަސް ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ ތިން ކެންޑިޑޭޓެކެވެ.