10 އޯގަސްޓް 2023 - 15:58

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ވަޒީފާ އިން ވަކިކުރި މުވައްޒަފަކަށް ބަދަލުގެ ގޮތުގައި ހަ ލައްކަ ރުފިޔާ ދީ، އޭނާ އެ ވަޒީފާ އަށް އަލުން ނެރުމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން މިއަދު ހުކުމްކޮށްފި އެވެ.
އެ ބަދަލު ދޭން ޖެހުނީ 1998 ވަނަ އަހަރު އެ ބީއެމްއެލާ ގުޅުނު އެ ބޭންކްގެ ޔުނިޓް މެނޭޖަރެއްގެ ވަޒީފާގެ ހުރި އަންހެން މުވައްޒަފަކަށެވެ. އޭނާ ވަޒީފާ އިން ވަކިކޮށްފައިވަނީ 2019 ވަނަ އަހަރު އެވެ.
ބޭންކުން ބުނެފައިވާ ގޮތުގައި އޭނާ ވަޒީފާ އިން ވަކިކުރީ ބަލަން ޖެހޭ ވަރަށް ނުބަލައި އެޕްރޫވަރެއްގެ ގޮތުން ސޮއިކުރުމުގެ ސަބަބުން އެތައް މިލިއަން ރުފިޔާގެ ގެއްލުމެއް އެ ބޭންކަށް ލިބުމާ ގުޅިގެންނެވެ.
ނަމަވެސް، ޓްރިބިއުނަލްގައި ބީއެމްއެލަށް އެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެ މުވައްޒަފު ވަޒީފާ އިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އަދި ވަޒީފާ އިން އޭނާ ވަކިކުރީ ވެސް ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ވެ އެވެ.
އެހެންކަމުން، އޭނާގެ ވަޒީފާ ރުޖޫއަ ކުރުމަށް ޓްރައިބިއުނަލުން އަމުރުކުރި އެވެ. ބަދަލުގެ ގޮތުގައި 24 މަސް ދުވަހުގެ މުސާރަ ވަނީ ނަގައިދީފަ އެވެ. އެއީ ކޮންމެ މަހަކަށް 27،610ރ. ގެ ނިސްބަތުން ޖުމްލަ 662،640 ރުފިޔާ އެވެ.
އެ ފައިސާ 21 ދުވަސް ތެރޭގައި މުވައްޒަފަށް ދައްކައި ހަލާސްކުރުމަށް ވެސް ޓްރިބިއުނަލުން ބޭންކްގެ މައްޗަށް އަމުރުކުރި އެވެ.