10 އޯގަސްޓް 2023 - 15:13

މީގެ ފަސް އަހަރު ކުރިން، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް އޭރުގެ ސަރުކާރުން އިދިކޮޅުގެ ސަޕޯޓަރުންނަށް ކުރި ކަހަލަ އަނިޔާ މި ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

ގއ. ކޮލަމާފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ އިންތިހާބަށް އެއް ދުވަހަށް ވެފައި ވަނިކޮށް އޭރުގެ ސަރުކާރުން، އެމްޑީޕީގެ ކެމްޕެއިންގައި ހަރަކާތްތެރިވި ގިނަ އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށް ޖަލަށް ލި ކަމަށެވެ.

"... އަޅުގަނޑުމެންގެ ކެމްޕެއިންގައި ހަރަކާތްތެރިވި 18 އެކްޓިވިސްޓުން ގެންގޮސް ޖަލަށް ލީ، ވޯޓު ލެވޭނެ ގޮތެއް ނެތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، މިއަދު އެކަންކަން ހަނދާން އާ ކުރަން ޖެހެ އެވެ. އެއީ އަންނަ މަހު 9 ގައި ބާއްވާ އިންތިހާބުގައި ރައްޔިތުން ނިންމާ ނިންމުމެއްގެ ސަބަބުން އަނެއްކާ ވެސް އެ ދުވަސް އިޔާދަވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.
"އަޅުގަނޑުމެން ގުޅިފައި އޮތް މި ކޯލިޝަންގެ ވެރިކަން ކުރަމުން ދާއިރު، އިންތިހާބަކަށް ކުރިމަތިލާއިރުގައި އަޅުގަނޑުމެން އެކަހަލަ އަނިޔާވެރި އުނދަގުލެއް އަޅުގަނޑުމެންގެ ވާދަވެރިންނަކަށް ނުކުރާނަން،" ރައީށް ވިދާޅުވި އެވެ.
"ސާފުކޮށް މި ދަންނަވަނީ ކެމްޕެއިން ކުރުމުގެ ފުރިހަމަ ޖާގަ އަށެއް ކިއްކުރަންތޯ، 12 ކެންޑިޑޭޓުން ކުރިމަތިލެއްވި ނަމަަވެސް އެ ފުރުސަތު އޮންނާނެ."
ރައީސް އެގޮތަށް ވިދާޅުވި އިރު، އެމަނިކުފާނު ހުވަދޫގެ ރަށްތަކަށް ކެމްޕެއިން ދަތުރުފުޅު ކުރައްވާއިރު ބައެއް ރަށްތަކުގައި އިދިކޮޅުން ވަނީ މުޒާހަރާކޮށްފަ އެވެ. އަދި ގދ. މަޑަވެލީގައި އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާއަށް ބާއްވަން އޮތް ތަނުގައި ބަޔަކު ހުޅުޖަހައި ގެއްލުން ވެސް ދިނެވެ.