10 އޯގަސްޓް 2023 - 11:32

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އާއްމުކުރި ފްލެޓް ލިސްޓުގައި، ޑޮކިއުމެންޓް މަދުވެގެން ފްލެޓަށް ޝަރުތު ހަމަނުވި މީހުންނަށް އިތުރު ފުރުސަތެއް ދޭން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ފްލެޓް ޝަރުތު ހަމަނުވެ ތިބި 6،000 މީހުންގެ ތެރެއިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނީ 15 އަހަރު މާލޭގައި ދިރިއުޅޭ ކަމުގެ ސައްހަ ޑޮކިއުމަންޓް ކަށަވަރު ނުވާ ފަރާތްތައް ކަމަށެވެ. ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތުގައި އެކަން ޔަގީން ކޮށްދިނުމަށް އިތުރު ޑޮކިއުމެންޓް ހުށަހަޅަން މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަކުވާ ހުށަހަޅަން ހުޅުވާލީ 15 ދުވަހުގެ މުއްދަތެކެވެ.
އަކްރަމް ވިދާޅުވި ގޮތުގައި ވަޒީފާ އަދާކުރި ކަމުގެ ލިޔުމާއި ސްކޫލް، ކޮލެޖު އަދި ޔުނިވާސިޓީގައި ކިޔެވި ކަމުގެ ލިޔުމާއި ދަރިން ކިޔަވަން ތިބި ކަމުގައި ލިޔުމާއި ފިރިމީހާ ނުވަތަ އަނބިމީހާ ވަޒީފާ އަދާކުރިކަން އަންގައިދޭ ލިޔުމާއި ޕެންޝަނާ ގުޅޭ ލިޔުމުން ވެސް އެ މީހަކު 15 އަހަރު މާލޭގައި އުޅުނުކަން ޔަގީން ކޮށްދެވޭނެ އެވެ.
އެހެން ނަމަވެސް، ވަކި ގެއެއްގައި އުޅޭ ކަމަށް ބުނެ، މީހަކު ފޮނުވާ ސިޓީއަކުން ނުވަތަ ކައުންސިލް އިދާރާއަކުން ފޮނުވާ ލިޔުމަކުން އެ މީހަކީ މާލޭގައި 15 އަހަރު ދުވަހު އުޅުނު މީހެއް ކަން ޔަގީން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީހުން ހުށަހަޅާފައި އެބަ ހުރޭ ތިމަންނަ ކޮންމެވެސް ގެއަކު އުޅުނީމޭ ކިޔާފަ. އެ ސިޓީގައި ހެކިވެރިއެއްގެ ގޮތުގައި ނޯވެދާނެ އޯނަރު ވެސް. އެހެން ކަމަކު ނުދާނެ. އޭނަ ވަޒީފާއަދާ ކުރިތަން ނުވަތަ ކިޔެވިތަން އެނގެން ހުންނަން ޖެހޭނެ. ނުވަތަ އޭނަގެ ދަރިން ކިޔެވިކަން އެނގެން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ، ޝަރުތުހަމަނުވާ މީހުންގެ ތެރޭގައި ގިނައިން ތިބީ، ހުށަހެޅި ޑޮކިއުމެންޓްތައް އެއްގޮތަކަށް ވެސް ވެރިފައިި ނުކުރެވުނު ފަރާތްތައް ކަމަށެވެ.
ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ވަގުތީ ލިސްޓު އިއުލާނު ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ލިސްޓުގައިވާ ގޮތުން 13،000 ފްލެޓަށް މީހުން ޝަރުތު ހަމަވި އެވެ. ޝަރުތުހަމަވި ހުރިހާ ފަރާތްތަކަށް ވެސް ފްލެޓް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ފްލެޓުތަކަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން 14،400 މީހުން ކުރިމަތިލީ ތިން ކޮޓަރީގެ އެޕާޓްމެންޓަށެވެ. އަދި 6،200 މީހުން ކުރިމަތިލީ ދެ ކޮޓަރީގެ އެޕާޓްމެންޓަށެވެ.