ރޮނާލްޑޯގެ ގޯލުން ނަސްރު އަރަބި ޗެމްޕިއަންސް ކަޕްގެ ފައިނަލަށް
ރޮނާލްޑޯގެ ގޯލުން ނަސްރު އަރަބި ޗެމްޕިއަންސް ކަޕްގެ ފައިނަލަށް

އަބްހާ، ސައުދީ އަރަބިއްޔާ (އޮގަސްޓް 10) - ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާ އެކު 1-0 އިން އިރާގުގެ އައް ޝުރުތާ ބަލިކޮށް އައް ނަސްރު، ޔުއާފާ އަރަބް ކްލަބް ޗެމްޕިއަންސް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ރޮނާލްޑޯގެ ގޯލުން ނަސްރު އަރަބި ޗެމްޕިއަންސް ކަޕްގެ ފައިނަލަށް
ރޮނާލްޑޯގެ ގޯލުން ނަސްރު އަރަބި ޗެމްޕިއަންސް ކަޕްގެ ފައިނަލަށް

ނަސްރު މޮޅުވި ގޯލު މެޗުގެ 75 ވަނަ މިނިޓުގައި ރޮނާލްޑޯ ޖެހީ ޕެނަލްޓީއަކުންނެވެ. މިއީ ސަޑިއޯ މާނޭ އަށް އޭރިއާ ތެރެއިން ޝުރުތާގެ ޑިފެންޑަރެއް ފައުލް ކޮށްގެން ރެފްރީ ވީއޭއާރު ބެލުމަށް ފަހު ދިން ޕެނަލްޓީއެކެވެ.

މިއީ މި މުބާރާތުގައި ރޮނާލްޑޯ ކާމިޔާބުކުރި ހަތަރުވަނަ ގޯލެވެ. މިއާ އެކު ރޭގެ މެޗަށް ފަހު އޭނާ އަށް ވަނީ މުބާރާތުގެ ޓޮޕް ސްކޯރާގެ އެވޯޑް ވެސް ދީފަ އެވެ. ލަނޑު ލިސްޓުގައި ރޮނާލްޑޯއާ އެންމެ ގާތުގައި އޮތީ ތިން ގޯލު ކާމިޔާބުކުރި، އަލް އިއްތިހާދުގެ ކަރީމް ބެންޒެމާ އެވެ.

މިއީ މިއަހަރު ނަސްރަށް ބަދަލުވި ރޮނާލްޑޯ އާއެކު އެޓީމު މުބާރާތެއްގެ ފައިނަލެއް ކުޅޭނެ ފުރަތަމަ ފަހަރެވެ. ރޮނާލްޑޯއާ އެކު ސައުދީ ސުޕަ ކަޕާއި ސައުދީ ކިންގް ކަޕް ވެސް މިދިޔަ ސީޒަން ނިންމާލީ ސެމީ ފައިނަލުންނެވެ.

ފައިނަލްގައި ނަސްރު ކުޅޭނީ ވެސް ސައުދީގެ ކްލަބަކާ ދެކޮޅަށެވެ. ސައުދީގެ އަލް ހިލާލް އާއި އައް ޝަބާބް ބައްދަލުކުރި ސެމީ ފައިނަލް މެޗު 3-1 އިން ކާމިޔާބު ކޮށްގެން ފައިނަލަށް ދަތުރު ކުރީ 10 ކުޅުންތެރިންނާ އެކު ކުޅުނު އަލް ހިލާލެވެ.

މުހައްމަދު ކަންނޯ މެޗުގެ ނުވަވަނަ މިނިޓުގައި ލީޑު ނަގައިދިންތާ މާ ގިނައިރެއް ނުވެ އެޓީމުގެ ގޯލްކީޕަރު އަބްދުﷲ އަލް މަޔޫފް އެވެ. ކީޕަރަށް ކާޑު ދެއްކުމުން ބަދަލު ކީޕަރު ހަބީބް އަލްވޮޓަޔަން އެރީ ރުބެން ނެވޭސްގެ ބަދަލުގަ އެވެ. އެކަކު މަދުކޮށް ވެސް ހާފުގެ އިތުރު ވަގުތުގައި އެޓީމުގެ ސާގެޖް މިލިންކޮވިޗް ސަވިޗްގެ އެހީތެރިކަމާ އެކު މެލްކޮމް ވަނީ ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ގުސްތާވޯ ކުއެލާ ޝަބާބަށް ފަރަގު ކުޑަ ކޮށްދީފައި ވަނިކޮށް، ހިލާލްގެ ތިންވަނަ ގޯލު މެޗުގެ އިތުރު ވަގުތުގައި ޖެހީ އަބްދުﷲ އަލް ހަމްދާނެވެ.

ހިލާލަކީ ދެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޓީމެކެވެ. ނަމަވެސް ނަސްރަށް މިއީ މުބާރާތުގައި ފައިނަލަށް ދެވުނު ފުރަތަމަ ފަހަރެވެ.