01 ފެބުރުއަރީ 2017 - 12:50

މެންޗެސްޓާ (ފެބްރުއަރީ 1) - މެންޗެސްޓާ ޔުނައިޓެޑްގެ އެއްވެސް ކުޅުންތެރިޔަކަށް އެއްވެސް ކަމެއްގެ ޔަގީންކަން ނުދޭ ކަމަށާއި ޓީމުގައި އެ ކުޅުންތެރިންގެ މުސްތަގުބަލު ބިނާކުރާނީ އެ ކުޅުންތެރިޔަކު އަމިއްލަ އަށް ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެެވެ.
ޕްރިމިއާ ލީގުގައި އޮތް އެންމެ ވަރުގަދަ ސްކޮޑު އޮތީ ޔުނައިޓެޑުގަ އެވެ. އެ ޓީމުގެ ފުރަތަމަ އެގާރައިގެ އިތުރުން ބެންޗުގައި ތިބޭ ކުޅުންތެރިންނަކީ ވެސް އެހެން ކްލަބްތަކުގެ ފުރަތަމަ އެގާރައިގައި ގަވައިދުން ކުޅޭ ފެންވަރުގެ ކުޅުންތެރިންނެވެ.
"ޔުނައިޓެޑުގެ ސްކޮޑު ވަރަށް ވާދަވެރި. އަހަރެން އެއްވެސް ކުޅުންތެރިޔަކަށް ޔަގީންކަމެއް ނުދެން. މަސައްކަތް ކުރާ ކުޅުންތެރިޔަކު ޓީމުގެ ފުރަތަމަ އެގާރަ އަށް އަރާނީ. ޓީމުގައި މުސްތަގުބަލު އޮތީ ވެސް ހިތްވަރާ އެކު މަސައްކަތް ކުރާ ކުޅުންތެރިންނަށް،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ މިހެން ބުނީ އެ ޓީމުގެ ގިނަ ކުޅުންތެރިންނަށް އެހެން ކްލަބްތަކުން ހުށަހެޅުން ލިބިފައިވާތީ މީޑިއާ އިން އެކަމާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ. ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ އަށް ޗައިނާ އިން ހުށަހެޅުމެއް ލިބުނުއިރު އޭނާ ވަނީ އެ ފުރުސަތު ދޫކޮށްލައިފަ އެވެ. އަދި އެ ޓީމުގެ އެންތަނީ މާޝިއާލް އާއި ލޫކް ޝޯ އަށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭތީ އެ ދެ ކުޅުންތެރިންގެ މުސްތަގުބަލާ ގުޅޭގޮތުން މީޑިއާގައި ތަފާތު ވާހަކަތަކެއް ދެކެވެ އެވެ.
ލީގުގައި މިރޭ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ކުޅޭނީ ހަލް ސިޓީއާ އެވެ. މި ދެ ޓީމު އެންމެ ފަހުން ކުޅުނު މެޗުން ހަލް ވަނީ ލީގު ކަޕް ސެމީ ފައިނަލުގައި ޔުނައިޓެޑް 2-1 އިން ބަލިކޮށްފަ އެވެ.
"ކުރިން މެޗުން ބަލިވިޔަސް ޔުނައިޓެޑަށް ގެއްލުމެއް ނެތް. އެއީ ދެ ލަނޑުގެ ތަފާތެއް ނެތި ބަލިވިޔަސް ޓާގެޓް ހާސިލްވާތީ. އެކަމަކު މިރޭ މިއީ ލީގު މެޗެއް. ތިން ޕޮއިންޓު ނޫން ގޮތަކު ފަރުޖައްސާލެވެން ނެތް،" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑް ލީގުގެ ހަ ވަނައިގައި އޮތީ 22 މެޗުން 41 ޕޮއިންޓާ އެކު އެވެ. މޮރީނިއޯ ބުނީ ޔުނައިޓެޑް މި ވަގުތު އޮތް މަގާމުން ދެން ކުރިއަށް ދެވެން އޮތީ ގިނަ މެޗުތަކުން މޮޅުވެގެން ކަމަށެވެ.
ހަލް މިރޭގެ މެޗަށް ނުކުންނައިރު އޮތް ހިތްހަމަ ޖެހުމަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ ކާޓިސް ޑޭވިސް އަށް މި މެޗުގައި ނުކުޅެވުނު ނަމަވެސް ލޯން އެއްބަސްވުމެއްގެ ދަށުން އެޓީމާ ގުޅުނު އިންޓަގެ ޑިފެންޑަރު އަންދްރޭ ރަނޮކިއާ އަށް މެޗަށް ފިޓްވުމެވެ.
ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން ވެސް ހަލް އަތުން ޔުނައިޓެޑް ބަލިވެފައިނުވެ އެވެ. ޔުނައިޓެޑާއި ހަލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.