09 އޯގަސްޓް 2023 - 22:54

އިތުރު ދައުރެއް ލިބިއްޖެ ނަމަ، މަސްވެރިން ބާނާ މަސް ގއ. ގެމަނަފުއްޓަށް ކިރޭނެ ގޮތް ހަދައިދޭނެ ކަމަށް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ ކެމްޕެއިނަށް ގެމަނަފުށީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަސްވެރި މި ރަށުގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށްދޭން މި ނިމޭ ދައުރުގައި ވެސް ވަރަށް ގިނަ ކަންކަން ކޮށްދެއްވި ކަމަށެވެ. އިތުރު ދައުރެއް ލިބިއްޖެ ނަމަ އަދި އިތުރު ކަންކަން ވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަންނަ ދައުރުގައި މި ރަށަށް ރައީސް ކޮށްދެއްވަން ވައުދުވެވަޑައިގަންނަވާ ކަންކަމުގެ ލިސްޓެއް މިރޭގެ ޖަލްސާގައި ހިއްސާކުރެއްވި އެވެ.

"މި ރަށުގެ މަސްވެރިން ބާނާ މަސް ރަށަށް ކިރޭނެ ގޮތް ހަދައި، ރައްކާކުރެވޭނެ ފެސިލިޓީއެެއް މި ރަށުގައި ގާއިމްކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
- ގެމަނަފުށި ކުރިމަތީގައި އޮތް އަރައިގައްތާގައި ރިސޯޓެއް އެޅުމަށްޓަކައި ބިޑަށް ލުން.
- ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް ހެދުން.
- ފްލެޓް މަޝްރޫއެއް ހިންގުން.
- ކައުންސިލްގެ އާ އިމާރާތެއް އެޅުން.
- 30 އެނދުގެ ހޮސްޕިޓަލެއް އެޅުން.
ރައީސް ހުވަދުއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި މިއަދު ގދ. އާއި ގއ. ގެ އެކި ރަށްތަކަށް ވަޑައިގެންނެވި އެވެ. މާދަމާ ވެސް ގއ. ގެ އިތުރު ރަށްތަކަށް ވަޑައިގަންނަވާނެ އެވެ.