ފަނޑިޔާރުންގެ މުސާރަ 75 ޕަސެންޓު ބޮޑު ކުރާނަން: ގާސިމް
ފަނޑިޔާރުންގެ މުސާރަ 75 ޕަސެންޓު ބޮޑު ކުރާނަން: ގާސިމް

ވެރިކަން ލިބިވަޑައިގެންފި ނަމަ, ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި ފަނޑިޔާރުންގެ މުސާރަ 75 ޕަސެންޓަށް ބޮޑު ކުރުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވައުދުވެ ވަޑައިގެންފި އެވެ.

ޖޭޕީގެ މެނިފެސްޓޯ އިފްތިތާހު ކުރުމަށް މިރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޝަރުއީ ދާއިރާ ރަނގަޅު ކުރުމުގެ ވާހަކަ ކޮންމެ ބަޔަކު ވެސް ދައްކާ ކަމަށާއި ނަމަވެސް ވެރިކަމަށް ވަޑައިގަތުމުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

ދައުލަތުގެ ބަޖެޓަށް ކަނޑައަޅާ އަދަދު އިންތިހާ އަށް ބޮޑު ވަމުންދާއިރު ސުޕްރީމް ކޯޓާއި ހައި ކޯޓަށް ވަކިން ހާއްސަ އިމާރާތެއް ރާއްޖޭގައި ނެތް ކަމަށާއި އެ ދާއިރާގެ ފަނޑިޔާރުންނާއި މުއައްޒަފުން ތަމްރީން ނުކުރާ ކަމަށް ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި އިރު ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރި ގޮތަށް މިއަދާ ހަމައަށް ކުރިއެރުމެއް ދީފައި ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ވާއިރު ފަނޑިޔާރުންގެ މުސާރަ މިހާރު އޮތް ވަރަށް ވުރެ 75 ޕަސެންޓް އިތުރު ކޮށްދޭނަން." ގާސިމް ވިދާޅުވި އެވެ.

އޭގެ އިތުރުން ޝަރުއީ ދާއިރާގެ މުއައްޒަފުން ތަމްރީން ކުރުމަށްޓަކައި ވަސީލަތްތައް އިތުރު ކުރުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެ މުއައްޒަފުންނަށް ވެސް 35 ޕަސެންޓް މުސާރައިގެ ކުރިއެރުމެއް ދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ރާއްޖޭގައި ސުޕްރީމް ކޯޓާއި ހައި ކޯޓާއި އެހެނިހެން ކޯޓުތަކުގެ އިންފްރާސްޓްރަކްޗާ އަށް ދިމާވެފައިވާ މައްސަލަތައް ވެސް ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ހައްލު ކުރުމަށް ވެސް ގާސިމް މިރޭ ވައުދުވެ ވަޑައިގަތެވެ.