ރައީސަށް ދެވަނަ ދައުރެއް ދޭން އެމްޑީޕީއަށްވުރެ އަދާލަތުން މާބޮޑަށް ބޭނުންވޭ: އިމްރާން
ރައީސަށް ދެވަނަ ދައުރެއް ދޭން އެމްޑީޕީއަށްވުރެ އަދާލަތުން މާބޮޑަށް ބޭނުންވޭ: އިމްރާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް އިންތިހާބުކުރަން އަދާލަތު ޕާޓީން ނުކުތީ، އެކަމަށް އެމްޑީޕީ މެންބަރުންނަށް ވުރެ ވެސް ބޮޑަށް ބޭނުންވާތީ ކަމަށް އެ ޕާޓީގެ ރައީސް އަދި ކޯލިޝަން ލީޑަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ރައީސަށް ދެވަނަ ދައުރެއް ދޭން އެމްޑީޕީއަށްވުރެ އަދާލަތުން މާބޮޑަށް ބޭނުންވޭ: އިމްރާން
ރައީސަށް ދެވަނަ ދައުރެއް ދޭން އެމްޑީޕީއަށްވުރެ އަދާލަތުން މާބޮޑަށް ބޭނުންވޭ: އިމްރާން

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ގދ. ގައްދޫގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ކުރީގެ ސަރުކާރުތަކާ އެކު ހެދި ކޯލިޝަންތަކާ މި ސަރުކާރާ އެކު ހެދި ކޯލިޝަންގެ ތަފާތު ވިދާޅުވުވަމުންނެވެ.

"އަޅުގަނޑުމެން ރައީސާ އެކު މި ފަސް އަހަރުގެ ދައުރު ނިންމައި އަނެއް ދައުރުގައި މި ނުކުތީ އެމްޑީޕީ ބޭފުޅުންނަށް ވުރެ ބޮޑަށް ރައީސް ދެ ވަނަ ދައުރަކަށް ގެންދަން އަޅުގަނޑުމެން [އަދާލަތު ޕާޓީން] ބޭނުންވާތީ،" އިމްރާން ވިދާޅުވި އެވެ.

އެކަން އެހެން ވާން ޖެހުނު ސަބަބު ފަހުން ކިޔައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރޭގެ ވާހަކައިގައި އިމްރާން ވަނީ މީގެ ކުރީގެ ސަރުކާރުތަކާ އެކު ހެދި ކޯލިޝަންތަކާއި މި ސަރުކާރާ އެކު ހެދި ކޯލިޝަންގެ ތަފާތު ވިދާޅުވެދެއްވައިފަ އެވެ. އިދިކޮޅު ހުރިހާ ޕާޓީތަކުން އެއްގަލަކަށް އަރައިގެން 2008 ވަނަ އަހަރު "ބަދަލަކަށް" ކުރި މަސައްކަތުގެ ނަތީޖާ މާ ފޮނި ނޫން ކަމަށް ވިދާޅުވެ އޭރުގެ ތަޖުރިބާ އޭނާ ހަނދާން އާކުރެއްވި އެވެ.

"އެކައްޗެއް ކިޔައިގެން ނުކުތީ ހާލަތު ބަދަލުކުރަން، ކޮންމެއަކަސް ހާލަތު ބަދަލުވެއްޖެ، އެންމެން ވެގެން ފުރަތަމަ ފަހަރަށް ޕާޓީ ނިޒާމެއްގެ ތެރެއިން ރައީސަކު އިންތިހާބު ކުރި. އެހެންނަމަވެސް ވަރަށް ހިތާމަހުރި، ވަރަށް ހިތާމަވެރި ގޮތަކަށް ދިޔައީ،" އިމްރާން ވިދާޅުވި އެވެ.

"ކޯލިޝަންގައި ހުރި ޕާޓީތައް ރޫޅި އެގޮތް މިގޮތް ވެގެން ދިޔައީ."

އެ ހާލަތުގައި ވެސް އެ ވެރިކަން ނިމެންދެން އަދާލަތު ޕާޓީން ވަރަށް ދަތި ހާލުގައި ވެސް ކެތްކުރި ނަމަވެސް ވެރިކަން ބަދަލުވުމާ އެކު ރާއްޖެއަށް ވަރަށް ބޮޑު ގެއްލުމެއް ލިބި ފަހަތަށް ވެއްޓުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން 2013 ވަނަ އަހަރު އިންތިހާބުގައި ވެސް ކޯލިޝަނެއް ހަދައިގެން ވެރިކަމަށް އާދެވުނު ކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ނާދެވެނިސް އެ ކޯލިޝަން ވެސް ރޫޅިގެން ދިޔައީ ކަމަށް އިމްރާން ވިދާޅުވި އެވެ.

އެފަހަރު ވެސް އަޅުގަނޑުމެން [އަދާލަތު ޕާޓީން] ހިފަހައްޓާލިން. އެކަމަކު އެފަހަރު އަޅުގަނޑުމެންނަށް ހިފެހެއްޓުނީ ދޮޅު އަހަރު. ދެން 2015 ގައި ކަން ވެގެން ދިޔަ ގޮތް އެންމެނަށް އެނގޭ،" އިމްރާން ވިދާޅުވި އެވެ.

އެހެން ސަރުކާރުތަކާއި މި ފަސް އަހަރު ނިމިގެންދާ ގޮތާ އަޅާބަލާއިރު، ޑިމޮކްރެޓިކް ނިޒާމެއްގައި ވެރިއަކަށް ދެ ވަނަ ދައުރެއް ދޭން ޖެހޭ ސަބަބާ މެދު ވިސްނާލަން ޖެހޭ ކަމަށާއި އެއީ ރައްޔިތުންނަށް ކަންކަން ކޮށްދީފައިވާތީކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަމަށް އިދިކޮޅު ބޭފުޅުން ވެސް ހެކިވާނެ ކަމަށެވެ.

"މަލްޓިޕާޓީ ޑިމޮކްރެސީއެއް ރާއްޖޭގައި އުފެދުނު ފަހުން ޕާޓީތައް ހިމެނޭ ނިޒާމެއްގައި ދެ ވަނަ ދައުރަކަށް އިންތިހާބުވާ ފުރަތަމަ ރައީސަކަށް ﷲގެ އިރާދަފުޅުން އެމަނިކުފާނު ހަދާނަން،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ރައީސް ފަދައިން ވެރިކަން ކުރެވޭނެ ވެރިއަކު މި އިންތިހާބަށް ކުރިމަތިލައްވާފައިނުވާ ކަމަށެވެ.