09 އޯގަސްޓް 2023 - 10:14

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި މިހާރު ހިންގާ އެމްޑީޕީގެ ސަރުކާރުގެ ތަފާތު ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށް، ޖަވާބުދާރީ ކުރުވި އަދަދުތަކުން ވެސް އެނގޭ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހުވަދު އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، ޖަވާބުދާރީ ކުރެވޭ ސަރުކާރެއް ގާއިމު ކުރާނެ ވާހަކަ ބުނުމުން އޭރު ބުނީ "އެ ކަމެއް ވެސް ނުވާނެޔޭ" ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ ފުރުސަތު މި ސަރުކާރުން ފަހިކޮށްދިން ކަމުގެ ހެއްކަކީ ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށް، ސުވާލު ކޮށްފައިވާ އަދަދުތައް ކަމަށެވެ. ޕީޕީއެމްގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލިހަށް ވަޒީރުން ހާޒިރުކުރެވުނީ އެންމެ 58 ފަހަރު ކަމަށް ވިޔަސް އެ މަނިކުފާނުގެ މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި މިހާތަނަށް 321 ފަހަރު ވަޒީރުން ހާޒިރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"މިއަދު އެ ތަފާތުފެނޭ. ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ދިއުން ކަމުގައި ވިޔަސް އަޅުގަނޑުމެންގެ ވަޒީރުން މި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި 321 ފަހަރު [ހާޒިރުވެއްޖެ]. ލިޔެފައި ފޮނުވާ ސުވާލުގެ އިތުރަށް ކޮންމެ ސުވާލެއް ކުރިޔަސް، ކޮންމެ ސުވާލެއް ކުރިޔަސް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އެކަމަކު، ކިތަންމެ އާދައިގެ ސުވާލެއް ވިޔަސް، އަދި ގައުމުގެ ހާރިޖީ ގުޅުންތަކާ ގުޅޭ ސުވާލެއް ނަމަވެސް އެ ސުވާލަކަށް ވާނީ ޖަވާބު ދީފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ފެނާއި ނަރުދަމާއާ ބެހޭ ސުވާލެއް ފޮނުވާފައި [ނުވަތަ] މި ވެނި ގައުމަކާ ދޭތެރޭ އޮތް ހާރިޖީ ގުޅުމަކާ ބެހޭ ގޮތުން ސުވާލު ކުރިޔަސް އެ ޖަވާބު ދޭނެ،" ރައީސް ވިދާޅުވި އެވެ.
ހަމައެކަނި އެ ކަމަށް ބެއްޔަސް ދެ ސަރުކާރުގައި ހުރި ތަފާތު ފެންނަކަން ފާހަގަކުރައްވައި ރައީސް ވަނީ އެއީ އެމްޑީޕީ އަށް ވޯޓު ދޭން ޖެހޭނޭ ސަބަބެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.
"މިއީ މި ދެ ސަރުކާރުގައި ހުރި ތަފާތު، މިއަދު ވެސް އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އިންތިހާބުގައި މި ވާދަކުރަނީ އެމްޑީޕީ އާއި ޕީޕީއެމް. މި ދެންނެވީ މި ދެ ސަރުކާރު ހިންގުމުގައި ހުރި ތަފާތު،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ރައީސް ވަނީ ވަރަށް ބޮޑަށް ޔާމީންގެ ސަރުކާރާއި މި ސަރުކާރާ ދެމެދު ހުރި ތަފާތު ވިދާޅުވެދެއްވައިފަ އެވެ. ތަރައްގީގެ ބައެއް މަޝްއޫރުތަކުގެ ތަފާސްހިސާބުތަކުގެ އިތުރުން، މި ފަސް އަހަރުގެ ދައުރު ނިންމާލައްވަނީ އެއްވެސް ކޯޓެއްގެ ފުރާޅަކުން ޓިނު ނުނަގައި ސިޔާސީ ބޭނުމެއްގައި މީހަކު ޖަލަށް ނުލައި ކަމަށް ވިދާޅުވެ ޔާމީނަށް ފާޑުވިދާޅުވި އެވެ.