އެންކޫކޫ އަނިޔާގައި، ލީގު ނުފެށެނީސް ޗެލްސީ އަށް ހާސްކަން
އެންކޫކޫ އަނިޔާގައި، ލީގު ނުފެށެނީސް ޗެލްސީ އަށް ހާސްކަން

ލަންޑަން (އޮގަސްޓް 09) - ޗެލްސީ އަށް ގެނައި ފްރާންސްގެ ފޯވާޑް ކްރިސްޓޯފް އެންކޫކޫ އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.

ޖަރުމަނުގެ އާރުބީ ލައިޕްޒިގުން އެންކޫކޫ، 25، ޗެލްސީ އަށް ބަދަލުވީ 66 މިލިއަން ޑޮލަރަށެވެ. މި ސީޒަނުގައި ޗެލްސީ އަށް ކޯޗުކޮށްދޭ މައުރީސިއޯ ޕޮޗެޓީނޯގެ ޕްލޭނަށް ފެތޭނެ ކުޅުންތެރިޔެއްގެ ގޮތުގައި އެންކޫކޫ ގެނައީ ޓީމުގެ އެޓޭކިންގައި އޭނާގެ ދައުރު ބޮޑު ކުރުމަށެވެ. އޭނާ ސޮއި ކުރުވުމަށް ފަހު ޗެލްސީން ކައި ހަވާޒް ވެސް ދޫކޮށްލި އެވެ. އެކަމަކު އެންކޫކޫ އަށް އަނިޔާވުމަކި ޗެލްސީ އަށް ކުރިމަތިވާނެ އުނދަގޫ މައްސަލައެކެވެ.

އެންކޫކޫގެ ކަކުލަށް އަނިޔާވީ މިދިޔަ ހަފްތާ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ޗެލްސީ ކުޅުނު ޕްރީ ސީޒަން މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި އަނިޔާވުމުން އެންކޫކޫ ބަދަލުކުރި އެވެ. މެޗަށް ފަހު ޕޮޗެޓީނޯ ބުނީ އެންކޫކޫގެ އަނިޔާ ސީރިއަސް ނުވާނެކަމަށް އުއްމީދުކުރާ ކަމަށެވެ. އެކަމަކު އެންކޫކޫގެ އަނިޔާ ސީރިއަސްވީ ސާޖަރީ އެއް ހައްދަން ޖެހުމުންނެވެ.

ޕްރީ ސީޒަނުގައި ޗެލްސީގައި މޮޅު ކުޅުމެއް ދައްކި އެންކޫކޫގެ ކަކުލުގެ ސާޖަރީއާ ގުޅިގެން ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ އެވެ. ރިޕޯޓްތައް ބުނާގޮތުން އެންކޫކޫ އަށް ކުޅުމުގެ ތެރެއަށް އަނބުރާ އާދެވޭނީ އަންނަ ޑިސެމްބަރު މަހު އެވެ.

އެންކޫކޫ ވަނީ ޗެލްސީގެ ޕްރީ ސީޒަން ފަސް މެޗުގައި ތިން ގޯލު ޖަހައިފަ އެވެ. ލައިޕްޒިގްގައި ހޭދަކުރި ދެ ސީޒަނުގައި އެންކޫކޫ 58 ގޯލު ޖެހި އެވެ.

ޕްރިމިއާ ލީގު އަންނަ ހުކުރު ދުވަހު ފަށާނެ އެވެ. ޗެލްސީ ކުޅޭ ލީގުގެ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ.

މިދިޔަ ސީޒަނުގައި ދަށް ކުޅުމެއް ފެނުނު ޗެލްސީ ލީގު ނިންމާލީ 12 ވަނައިގަ އެވެ. އެޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ގޯލު ނުޖެހުމެވެ. ލީގުގެ 38 މެޗުގައި ޗެލްސީ އަށް ޖެހުނީ 38 ގޯލެވެ. އެހެންވެ ފޯވާޑް ލައިން ވަރުގަދަކުރުމަށް ޗެލްސީ އިން ގެނައި އެންމެ މުހިއްމު އެއް ކުޅުންތެރިޔަކީ އެންކޫކޫ އެވެ. އެންކޫކޫގެ އަނިޔާއާ އެކު ޗެލްސީގެ ކުރި ބެލެހެއްޓުމުގެ ޒިންމާއާ ދެން ހަވާލުވާނީ ސެނެގޯލްގެ ޒުވާން ފޯވާޑް ނިކޮލަސް ޖެކްސަން އެވެ.