09 އޯގަސްޓް 2023 - 08:08

(އާދިއްތަ ދުވަހާ ގުޅޭ)
"ގުޑްބައި!" މެސެޖުގައި އޮތެވެ.
ދެން ހަދާނެ ގޮތެއް ނޭނގިފައި ވިސްނަން ފައިސަލް އިނެވެ. އޭރު ބޯޓު ނައްޓައިލުމަށް ޓަކައި ރަންވޭއަށް ނުކުންނަނީއެވެ. ފައިސަލް އިނީ ދެ ހިޔާލެއްގައެވެ. ބޯޓުން ފައިބަން ވެސް ބޭނުމެވެ. ބޯޓުގައި އިންނަން ވެސް ބޭނުމެވެ. ދަރިފުޅާ ވަކިވާންޖެހިދާނެކަމަށް ޓަކައި ބިރުގަނެއެވެ. ސީމާ ޗާބީދޭ ބުދަކަށް ވާން ފޫހިވެއެވެ. ބޯޓު ނައްޓައިލާ އިރު، ކޮންމެހެން ވެސް ކުރަން މަންސޫރު ބުނި ބައެއް ކަންކަން ފައިސަލް ހަނދާނެއް ނެތެވެ. އިރުއިރުކޮޅާ ބެލެނީ ފޯނަށެވެ. ހިތުގައި އެނބުރެނީ އެންމެ ސުވާލެކެވެ. އެ މެސެޖުގެ މާނައަކީ ކޮބައިހެއްޔެވެ؟ ބޯޓު ވެއްޓެންއުޅެނީބާއެވެ؟ އެއްޗެއް ގޮވަންއުޅެނީބާއެވެ؟ ބޯޓުގައި އެހެން ބޯޓެއް ޖެހެން އުޅެނީބާއެވެ؟
"ހިނގާ ފައިބަން!" މަޑުމަޑުން ފައިސަލަށް ބުނެވުނެވެ.
"އަމާބަނޑު!" ސިރާޖަށް ބުނެވުނެވެ. "މީ ފާލަން ކައިރީގައި އޮތް ބޮއްކުރައެއް ނޫނޭ! ކުރިން ކީއްވެ ނުބުނީ؟"
"ކުރިން މި މެސެޖެއް ނާދެއޭ!" ފޯނު ދައްކާލަމުން ފައިސަލް ބުންޏެވެ. "ޔަގީން މި ބޯޓު ވެއްޓޭނެކަން."
"މަ ބުނަން ވާހަކައެއް؟ ތި ފޯނު ނިއްވާލާފަ ޖީބަށްލާ!" އިން ތަނުން ގުޑައި ވެސް ނުލައި ސިރާޖު ބުންޏެވެ. "އޭނަ އެ އުޅެނީ ކަލޭ ބިރުގަންނަވަން. އޭނައަކަށް ނުވެސް އެނގޭނެ ކަލޭ ފުރާކަމެއް. އަނދިރިގަނޑެއްގެ ތެރެއަށް އޭނަ ޖެހި ތީރެއްގެ ކުރިމައްޗަށް ކަލޭ ޖެހޭތަ އަރަން؟"
ފައިސަލް ދެން ވެސް އިނީ ދެ ހިޔާލެއްގައެވެ. ސީޓުބެލްޓު ނައްޓައިލާފައި، ދުވެފައި ދޮރާ ދިމާއަށް ދާން އެތައް ފަހަރަކު ހިތަށްއެރިއެވެ. ބޯޓު މަޑުކޮށްލިއެވެ. އެއީ ވައިގެ ތެރެއަށް ބޯޓު އުދުހިގަތުމުގެ ކުރިން ފައިސަލަށް ލިބުނު އެންމެ ފަހު ފުރުސަތެވެ. ފައިސަލް ސީޓުބެލްޓު ނައްޓައިލަން ބެލްޓުގައި އަތްލިއެވެ. އެ އަތްމަތީގައި ސިރާޖު އެތިފަހަރެއް ޖެހިއެވެ.
"ބެލްޓުގަ އަތްނުލާތި!" ސިރާޖު އަމުރުކުރިއެވެ. "ކަލޭ މި ތާ ތި ހަޑިހާވައިފިއްޔާ ހަނދާންކުރާތި... މިހިރަ ކުޑަދޮރުން ކަލޭ ބޭރަށް ހޫރުވާލަނަން! ހަމަ ހުވާ!"
އަނެއްކާ ވެސް ފައިސަލް ބެލްޓު ނައްޓައިލަން އުޅުމުން ފައިސަލްގެ ދެއަތް ސިރާޖު ހިފޭއްޓިއެވެ. ބޯޓު ނިކަން ބާރަށް ދުއްވައިލިއެވެ. ފައިސަލް ދެއަތުން ގޮނޑީގެ އަތްގަނޑުގައި ހިފޭއްޓިއެވެ. އޭރު ފައިސަލްގެ ހިތް، މޭ ފަޅައިފައި ބޭރަށް ފުންމައިލަފާނެ ކަހަލައެވެ. މަންސޫރު މަތިން ވެސް އެ ވަގުތު ހަނދާންވިއެވެ. އެކަމަކު މަންސޫރު ބުނެދިން އެއްވެސް އެއްޗެއް ހަނދާނެއް ނުވިއެވެ. ވިސްނައިވިސްނައި ވެސް ހަނދާނެއް ނުވިއެވެ. ދިޔަ ބާރުމިނުގައި ބޯޓު ގޮސް ވައިތެރެއަށް ދެމިގަތެވެ. ފައިސަލް ހޮޑުލަވަން ފެށިއެވެ. އަވަސްއަވަހަށް ކޮތަޅު ނެގިއެވެ. ސިރާޖު އެ ކޮތަޅު ޖަހައިގެންފައި ސީޓުގެ ޖީބުތެރެއަށް ކޮއްޕައިލިއެވެ. ފައިސަލް އަނެއްކާ ވެސް ގޮނޑީގެ އަތްގަނޑުގައި ނިކަން ބާރަށް ހިފޭއްޓިއެވެ. ހީވާ ކަހަލައެވެ. ބޯޓު އުޅެނީ ފުށުންޖެހޭށެވެ.
"ހޮޑެއްނުލެވޭނެ! ހީހެއް ވެސް ނުލެވޭނެ! މައިތިރިވެގެން އިނދޭ!" ސިރާޖު އަމުރުކުރިއެވެ.
ފައިސަލް ރުޅިއައިސްފައި ސިރާޖަށް ބަަލައިލިއެވެ.
"އަހަންނަށް ކޮން ލޮލެއްއަޅާކަށް؟ ކީއްކުރަންް އަހަރެން ގެނައީ؟" ސިރާޖު ބުންޏެވެ. "ބައްޕަ ބުނާ ގޮތް ހަދައިގެން މަޑުން އިނދޭ! އިރުކޮޅަކުން ޖޫހާ، ކޮފީޔާ އެއްޗެހި ގެންނާނެ. ބަސްއަހާ!"
ރުޅިއައިސްފައި ވެސް ފައިސަލް ޖެހުނީ އިންނާށެވެ. ހިތަށްއެރިއެވެ. ސިރާޖު ނުގެނެވުނު ނަމައެވެ. ސިރާޖުގެ އެކުވެރިޔަކަށް ފައިސަލް ނުވި ނަމައެވެ. އާންމުކޮށް ދަތުރުކުރާ އުސްމިނަށް ބޯޓު އެރުމާއެކު ސީޓިބެލްޓު ނެއްޓުމުގެ ހުއްދަ ލިބުނެވެ.
"ދެން އަހަރެންގެ އަތުން ދޫކޮށްލާ! އެހެން ނޫނީ މީހުން ނަގާނީ އެހެން މާނައެއް." ސިރާޖު އެދުނެވެ.
ފައިސަލް ވިސްނައިލި އިރު، ސީޓުގެ އަތްގަނޑުކަމަށް ފައިސަލަށް ހިފިފައިވަނީ ސިރާޖުގެ އަތާ އެއްކޮށެވެ. ތެޅިގެންފައި ފައިސަލް އަތް ދޫކޮށްލިއެވެ. އޭރު ވެސް ފައިސަލް އިނީ ބިރުންނެވެ. އެކަމަކު ކުރިއަށް ވުރެ ތަންކޮޅެއް ހަމަޖެހުނެވެ.
"އެއްވެސް ކަމެއްވި؟ ނެޕީ ތެމުނުތަ؟" ސިރާޖު ސަމާސާކޮށްލިއެވެ.
ފައިސަލް ފުން ނޭވައެއް ބޭރުކޮށްލިއެވެ. ހަމަ އެ ވަގުތު ޕައިލެޓު ވާހަކަދައްކަން ފެށިއެވެ.
"ކުޑަކޮށް ވިއްސާރަވިލާ އެބަ ހުރި،" އޭނަ ބުންޏެވެ. "ވަރަށް މުހިންމު ބޭނުމެއް ޖެހިގެން ނޫނީ ނުތެދުވުން އެދެން. ސީޓުބެލްޓު ނުނެއްޓެވުން ވެސް އެދެން."
"ކޮބާކޮބާ!" ފައިސަލް ބުންޏެވެ. "ދެން ކިހިނެއް ހަދާނީ؟"
"އެއް ގޮތެއް ވެސް ނެހެދޭނެ. ވަށައިގެން އުޑު، ތިރީގަ ކަނޑު. ކޮން ތާކަށް ދެމޭނީ؟" ވަރަށް ހަމަޖެހިލާފައި ސިރާޖު ބުންޏެވެ.
"މި ބޯޓު ވެއްޓިއްޖެއްޔާ މަގޭ އަތުން ކަލޭ މަރުވާނެ." ސަމާސާ ރާގެއްގައި ފައިސަލް އިންޒާރުދިނެވެ.
"ކަލޭ ސަލާމަތްވެއްޖެއްޔާތާ!" ސިރާޖު ވަގުތުން ބުންޏެވެ.
ޕައިލެޓު ބުނި ކޮޅިގަނޑުގައި ބޯޓު ޖެހުނެވެ. ކުޑަކޮށް ހެލުވިއެވެ. އެކަމަކު މާ ބޮޑު އެނގުމެއް ނުވިއެވެ. އިރުކޮޅަކުން ކާއެއްޗެހި ގެނައެވެ. ފައިސަލް މަޑުމަޑުން ހަމައަކަށްއެޅުނެވެ. ވަރަށް އޮމާން އަމާން ދަތުރަކަށް ފަހު، އިންޑިޔާގެ އެއާޕޯޓަށް ބޯޓު ތިރިކުރަން ފެށިއެވެ. އެއީ، އަނެއްކާ ވެސް ފައިސަލް ކުޑަކޮށް ހިތްނުތަނަވަސްވި ވަގުތެވެ.
"ސީމާ ކުރަން އުޅުނު ކަންތައް، މާ ރަނގަޅަށް ވެސް އޭނައަށް ވެއްޖެ!" ސިރާޖު ބުންޏެވެ. "އެއީ ކަލެއަށް ޝައްކުބަލިޖެއްސުން."
"ބުނަން! ބޯޓު ނައްޓާލާ ގަޑިޔާ ޖައްސާ ގަޑި އެންމެ ޑޭންޖަރުވާނީ،" ފައިސަލް ބުންޏެވެ. "ހިތަށްއަރާ ކީއްކުރަންބާއޭ އަހަރެން މިއަށް އެރީ؟ އަދި އެބަ އޮތޭ އެހެން ވާހަކައެއް ވެސް. ކަލޭ ހަމަ އެއްގޮތަކަށް ވެސް ބިރެއްނުގަނޭތަ؟"
"އަހަރެން ވެސް ބުނެފާނަން ވާހަކައެއް،" ސިރާޖުގެ ސަމާސާ ހުއްޓޭކަށް ނޫޅުނެވެ. "މި ބޯޓުގަ ކަލޭ މަރުވާން ހުރިއްޔާ، ހޮރަކަށް ވަދެ އޮތަސް، ދަމާ ނެރެ، މި ބޯޓަށް އަރުވާފަ، ހަމަ މި ބޯޓުގަ ކަލޭ މަރުވާނީ. ތި ބޭކާރު ވާހަކަ ހުއްޓާލާފަ ދެން ވެސް ޝަހާދަތް ކިޔޭތޯ ބަލާބަލަ! އޭރުން ސުވަރުގެއިން ވެސް ބެސްޓުފުރެންޑާ ބައްދަލުވާނީ."
އިތުރު އެއްޗެއް ފައިސަލަކަށް ނުބުނެވުނެވެ. ތިރިކުރަމުން ތިރިކުރަމުން އައިސް ބޯޓު ޖެއްސިއެވެ. ޖެއްސުމާއެކު ބޯޓުގެ އެއް ފުރޮޅު ފަޅައިގެންދިޔައެވެ. އެންމެން ހަޅޭއްލަވައިގަތެވެ. ފައިސަލަށް ވެސް ހަޅޭއްލަވައިގަނެވުނެވެ. ބޭއިހުތިޔާރުގައެވެ. ފައިސަލް ހީކުރީ އެ ފަހަރު ފައިސަލް މަރުވާނެކަމަށެވެ. ސިރާޖު ވެސް އެ ވަގުތު ކުޑަކޮށް ބިރުގަތެވެ. ކުއްލިއަކަށް އަޑެއް އިވިފައި ބޯޓު އަރިވީމައެވެ. އެކަމަކު، އެއްވެސް މީހަކަށް އެއްވެސް ވަރެއްގެ އަނިޔާއެއް ނުވެ ބޯޓު މަޑުކޮށްލިއެވެ.
"ކޮބާ ރާބޮވުނު؟" ރުޅިއައިސްފައި ފައިސަލް އެހިއެވެ.
"މަ ބުއީ ކޮފީ!" ސިރާޖު ބުންޏެވެ.
"މަ އޭރު ވެސް ބުނީމެއްނު..." ފައިސަލަށް ބުނެވުނީ އެ ހިސާބަށެވެ.
"ބޯޓުގެ ފުރޮޅު ފަޅައިގެންދިޔުމަކީ ވާކަމެކޭ ފައިސަލޫ! ކަލޭ ނުބުންޏަސް އެ ކަން އަހަންނަށް އެނގޭ،" ސީޓުބެލްޓު ނައްޓައިލަމުން ސިރާޖު ބުންޏެވެ. "އަހަންނަކަށް ހިޔެއްނުވޭ ބޯޓު ޖެއްސި ދިމާލުގަ ޕިނެއް ހިފައިގެން ޖިންނިއެއް އޮތްހެނެއް. ހިނގާ ފައިބަމާ! ފިނޑިޔަސް ބޮޑުވަރު. ދެންމެ އެ އިވުނީ ކޮން ތާކުން ކަލޭ ނެރުނު އަޑެއް؟"
ޒިޔާންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ ހަވާލުކުރީ މަންސޫރާއެވެ. އިރުއޮއްސުމުގެ ވިއްސަކަށް މިނެޓު ކުރިން ފައިސަލްގެ ގެއަށް މަންސޫރު އައެވެ. ދެތިން ދުވަހަށް ބޭނުންވާ އަންނައުނު ވެސް ހިފައިގެންނެވެ. އައި މަގުސަދު ހަޝްމާއަށް އޮތީ އެނގިފައެވެ. އިރުއޮއްސުމުގެ ކުރިން ގޭގެ ދޮރުތައް ލައްޕުވައި، ކާއެއްޗެހި ހުރި އެއްވެސް އެއްޗެއްގެ މަތިނުޖަހާ ހުރި ނަމަ މަތި ޖެއްސުވިއެވެ. އަބަދު ވެސް އެ ކަންކުރުމަށް ހަޝްމާއަށް ހަނދާންކޮށްދިނެވެ. ޒިޔާން އިނީ ލެޕުޓޮޕުން ގޭމުކުޅޭށެވެ. އެ ކަން ހުއްޓުވައިފައި، ބަންގިގޮވުމުގެ ކުރިން ޒިޔާން ގޮވައިގެން މަންސޫރު މިސްކިތަށް ދިޔައެވެ. ފައިސަލް އަންނަންދެން ޒިޔާން ބެލެހެއްޓުމުގައި މަންސޫރު ހުންނާނެއެވެ.
ހޮޓަލުގެ ލިޔެކިޔުން ނިންމުމަށް ފަހު، ފައިސަލާއި ސިރާޖު ކޮޓަރިއަށް ވަނެވެ. ސިރާޖު އިނީ ވަރަށް ހަމަޖެހިފައެވެ. ފައިސަލްގެ ހަނދާނަށް އަންނަނީ ފުރޮޅު ފަޅައިގެންދިޔަ ވަގުތެވެ. ހީވަނީ ފިލްމެއްގެ މަންޒަރެއް ތަކުރާރުވެގެން އެތައް ފަހަރަކު ފެންނަހެންނެވެ. ހޮޓަލުގެ ރީތިކަމާއި، ކައުންޓަރުގައި އިން އަންހެންކުއްޖާގެ ރީތިކަމާއި، ކޮޓަރި ކުޑަކަމުގެ ވާހަކަ ސިރާޖު ދެއްކިއެވެ. އެއިން އެއްވެސް އަޑެއް ފައިސަލަށް ނީވޭ ކަހަލައެވެ.
"އަހަރެން ހަމަ ހީކުރީ އެއްޗެއް ގޮވީކަމަށް!" އިސްޖަހާލައިގެން އިން ފައިސަލް ބުންޏެވެ. "އަޅެ ބޯޓުގަ ރޯވި ނަމަޔޯ؟"
"ކަލޭ އަދި ވެސް ތީނީ ބޯޓުގަ ދޯ؟" ހީނގެންފައި ސިރާޖު ބުންޏެވެ. "އެ ކަން އެ ނިމުނީއޭ! މިހާރު ވިސްނަންވީ އާމިރާޔާ ދިމާވީމަ ދައްކާނެ ވާހަކައަކާ، ޖައްސާނެ ވައްތަރަކަށް. އަހަންނަށް އެނގޭ މިހާރު ވެސް އެއީ ކަލޭގެ ވައިފީކަން. އެކަމަކު ކަލޭ ޖެހޭނެ ހޭބަހައްޓަން. ވިސްނާތި މިހާރު އެ ގުޅުން އޮތީ ކަރުދާސްކޮޅެއްގަ އެކަނިކަން."
"ކޮބާ ތީގެ މާނައަކީ؟" ހައިރާންވެފައި ފައިސަލް އެހިއެވެ.
"މާނަ ވެސް އަހަރެންތާ ކިޔައިދޭން މި ޖެހުނީ،" ފުން ނޭވައެއް ބޭރުކޮށްލައިފައި ސިރާޖު ބުންޏެވެ. "ވަރަށް ކުރުކޮށް ބުނަން؟ އާމިރާ ރުޅިއަރުވައިފިއްޔާ އޭނަ ބޯޓަކަށް ނޭރުވޭނެ. ގޮޓް އިޓް؟"
ޖެހިގެންއައި ދުވަހު، ހެނދުނު ސައިބޮއިގެން އާމިރާއާ ބައްދަލުކުރުމުގެ ދަތުރު ފެށިއެވެ. ޓެކުސީގައި އެ ދަތުރަށް ނެގީ ފަންސަވީހަކަށް މިނެޓެވެ. އާމިރާ އިންނަ ގެ ކައިރިއަށް ކާރު މަޑުކޮށްލުމުން ފައިސަލް ބަލައިލީ ސިރާޖަށެވެ.
"މަ ކީއްކުރަން ދަނީ؟" ސިރާޖު ބުންޏެވެ. "ދެކުދިން ވާހަކަދައްކައިގެން މައްސަލަ ހައްލުކުރޭ! ދޭދޭ! މަ ބުނި ވާހަކަ ހަނދާންބަހައްޓާތި! ނޯ ކޯޅެނިންގް."
ފައިސަލް ކާރުން ފޭބިއެވެ. ކުރަކި އަޑަކާއެކު ގޭގެ ތިރި ދަގަނޑު ގޭޓު ހުޅުވައިލިއެވެ. އޭރު ގަސްތަކަށް ފެންދޭން، ފައިސަލަށް ފުރަގަސްދީގެން އަންހެނަކު ހުއްޓެވެ. އާމިރާ އުމުރުގެ އަންހެނެކެވެ. އިސްކޮޅުން ވެސް ދާދި އެއްވަރެވެ. ލައިގެންހުރީ، އާމިރާ ލައިފައިހުއްޓައި ފައިސަލް ނުދެކޭ ހެދުމެކެވެ. އާމިރާއަކީ ބުރުގާއަޅާ މީހެއް ނޫނެވެ. އެ އަންހެންމީހާ ހުރީ ބުރުގާއަޅައިގެންނެވެ. އާމިރާކަން ޔަގީން ނުވާތީ ގޮވައިލާކަށް ފައިސަލަކަށް ނުކެރުނެވެ.
"އައްސަލާމް އަލައިކުމް!" ފައިސަލް ބުންޏެވެ.
އޭނަ އެނބުރިލިއެވެ. އެއީ އާމިރާއެވެ. ފައިސަލް ފެނުމާއެކު އާމިރާ އަތުން ފެންހޮޅި ދޫވިއެވެ. ހޮޅި ބިންމައްޗަށް ވެއްޓި ފެންތައް ބޭކާރުވަމުންދިޔައެވެ. ދެން ކަންތައް ވެގެންދިޔައީ ފައިސަލް ހުވަފެނުން ވެސް ނުދެކޭ ކަހަލަ ގޮތަކަށެވެ. (ނުނިމޭ)