08 އޯގަސްޓް 2023 - 23:38

ރާއްޖޭގެ ޑިމޮކްރަސީ ފައްކާވެފައި އޮތް ވަރު އަންނަ ރިޔާސީ އިންތިހާބުގެ ވާދަވެރިކަމުން ފެނިވަޑައިގަންނަވާ ކަމަށް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ގދ. ގައްދޫގައި ބޭއްވި ކެމްޕެއިންގެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މިދިޔަ ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް މަސައްކަތް ކޮށްފައި ވަނީ އޭރަކު ވެރިކަމުގައި ހުންނަ ވެރިއަކު ބަދަލުކުރުމަށެވެ.

"ދެތުފުޅެއް، 2008 ގައި ވެސް އެކަން ހިނގައި ދިޔައީ އެހެން. ދެހާސް ތޭރައިގައި ވެސް ވަކި މީހަކު ވެރިކަމަށް ގެނަޔަ ނުދޭން މަސައްކަތްކުރީ. ދެހާސް އަށާރައިގައި ވެސް އަޅުގަނޑުމެން ނުކުތީ އެ ވިސްނުމުގައި،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، މި އަހަރު އެ ވިސްނުން އޮތީ ބަދަލުވެފަ އެވެ.
ރައީސް ވިދާޅުވީ ވެރިކަމުގައި އޭރަކު ހުންނަވާ ބޭފުޅަކު ބަދަލުކުރަން ބޭނުންވެއްޖެ ނަމަ މީގެ ކުރިން އިދިކޮޅުގައި ތިބޭ ހުރިހާ ލީޑަރުން އެއްގަލަކަށް އަރާ ކަމަށެވެ. އެކަމަކު މި ފަހަރު އެކަމެއް ނުވި ކަމަށް ވިދާޅުވި އެވެ.
"އެންމެން ކިޔާނީ އެކައްޗެއް. އެ ނޫން ގޮތަކަށް އެކަން ނުކުރެވިދާނެ ކަން އެންމެނަށް ގަބޫލުކުރެވޭތީ، ރިސްކެއް ނަގަން ބޭނުން ނުވާތީ، އެއްކޮޅަށް އަރާ ވެރިކަން ބަދަލުކުރަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އެކަމަކު މި ފަހަރު ތަފާތު. މި ފަހަރު ވެރިކަމުގައި ތިބި މީހުން މި ތިބީ ކޯލިޝަން ހަދައިގެން. ދެން މި އިންތިހާބަށް ނުކުތް އެއްވެސް ބަޔަކާ އެކީގައި ބައިވެރިވާނެ މީހަކު ނުވި. ވަކިވަކިން ނުކުމެވަޑައިގެން ތިއްބެވީ."
އެކަމަކު، ބައެއް ކެންޑިޑޭޓުން ވަރަށް ސީރިއަސްކަމާ އެކުގައި ވެސް އިންތިހާބަށް ކުރިމަތިލައްވައިގެން ތިއްބެވި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، އެ ކެންޑިޑޭޓުން ބޭނުންވަނީ ވެރިކަމެވެ. ވެރިކަން ކުރާ މީހާ ބަދަލުކުރާކަށް ނޫނެވެ. ވާދަކޮށްގެން ވެރިކަމަށް އަންނާށެވެ. އެހެންވެ، މިއީ 2008 އިން ފެށިގެން ބޭއްވި ރިޔާސީ އިންތިހާބުތަކާ ވަރަށް ތަފާތު އިންތިހާބެއް ކަމަށް ވިދާޅުވި އެވެ.
"އެެއްގޮތެއްގައި ބަލާ ނަމަ އަޅުގަނޑު ބުނާނީ މި ފެންނަނީ ޑިމޮކްރަސީ އަށް ފައްކާވަމުން އަންނަ މަންޒަރު. އެހެންވީމާ، އެކަށްޓަކައި އަޅުގަނޑު ސިޔާސީ ޕާޓީތަކަށް ޝުކުރު އަދާކުރަން ވެސް ބޭނުން،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. އާއި ގދ. އަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި މިއަދު ގދ. ގެ ހަ ރަށަކަށް ވަޑައިގެންނެވި އެވެ. އެއީ މަޑަވެއްޔާއި ހޯޑެއްދު އާއި ނަޑެއްލާ އާއި ރަތަފަންދު އާއި ފިޔޯރި އަދި ގައްދު އެވެ.