01 ފެބުރުއަރީ 2017 - 11:48

ލިވަޕޫލް (ފެބްރުއަރީ 1) - ޖެހިޖެހިގެން ލިވަޕޫލް އަމިއްލަ ދަނޑުގައި ތިން މެޗުން ބަލިވުމުން އެ ޓީމު ރޭގެ މެޗަށް ނުކުތީ ވަރަށް ވިސްނައިގެން ކަމަށާއި މި ހާލަތުގައި ޗެލްސީން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް އެޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ޗެލްސީ ލީގުގެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމަށް 23 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޓޮޓެންހަމާއި ތިން ވަނައިގައި އޮތް އާސެނަލަށް 23 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ. ލިވަޕޫލް ތިން ވަނައިގައި އޮތީ 23 މެޗުން 46 ޕޮއިންޓާ އެކު އެވެ.
ރޭގެ މެޗުގެ ނަތީޖާ 1-1 އިން އެއްވަރުވެފައި އޮއްވައި މެޗު ނިމެން 15 މިނިޓަށް ވެފައިވަނިކޮށް ޗެލްސީ މޮޅުކޮށްދޭން އެ ޓީމުގެ ޑިއޭގޯ ކޮސްޓާ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް އޭނާ ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު ސިމޮން މިންޔޮލޭ ވަނީ މަތަކޮށްފަ އެވެ.
"ތެދެއް ޕެނަލްޓީ ވައްދާލިނަމަ އަހަރެމެންނަށް ތިން ޕޮއިންޓް ލިބޭނެ. އެއީ އަހަރެން ވެސް ވަރަށް ހިތްހަމަ ޖެހޭނެ ކަމެއް. އެކަމަކު މި މެޗުގެ ހާލަތާ މި ދަނޑުގައި ކުޅެން ޖެހިފައި މި އޮތް ދަނޑިވަޅަށް ވިސްނާއިރު ޕޮއިންޓެއް ހޯދުމަކީ ވެސް އުނދަގޫ ކަމެއް،" ކޮންޓޭ ބުންޏެވެ.
އޭނާ ވަނީ އެ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފް ކޮށްފަ އެވެ. އަދި އުނދަގޫ މެޗުތަކުގައި އެ ޓީމު އެކަތިގަނޑަކަށް ވެގެން ކުރާ މަސައްކަތް ކޮންޓޭ ފާހަގަކުރި އެވެ.
ރޭގެ މެޗުން ލިވަޕޫލް ބަލިވިނަމަ އެކަން ވެގެންދާނީ 1923 ވަނަ އަހަރަށް ފަހު އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވާ ފުރަތަމަ ފަހަރަށެވެ. ކްލޮޕް ބުނީ މެޗުން ޕޮއިންޓެއް ލިބުމުން އެހާ ބޮޑަށް ހިތްހަމަ ނުޖެހޭ ކަމަށާއި އެހެން ނަމަވެސް ސަޕޯޓަރުން ޓީމަށް ކުރާ އިތުބާރު މި މެޗުން ފެނިގެންދިޔަ ކަމަށެވެ.
"ސަޕޯޓަރުންނަށް އަހަރެން ޝުކުރު އަދާކުރަން. އެއީ މި މެޗުން މި ފެނިގެންދިޔައީ މި ދަނޑިވަޅުގައި ވެސް ސަޕޯޓަރުން ޓީމުގެ ފަހަތުގައި އޮތްކަން،" ކްލޮޕް ބުންޏެވެ. "މޮޅަކަށް ނުކުތީ އެކަން ނުވުމަކީ ކަމެއް ހާސިލްނުވުމެއް ނޫން. މިއީ އަހަރެމެން ކުރިޔަށްދާން ލިބުނު ހިތްވަރެއްގެ ގޮތުގައި ދެކެން."
ލިވަޕޫލުން ވަނީ އެ ޓީމަށް ކުޅޭ ފްރާންސްގެ ޑިފެންޑަރު މަމަދޫ ސަކޯ ލޯން އެެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށް ކްރިސްޓަލް ޕެލަސް އަށް ދޫކޮށްފަ އެެވެ.