08 އޯގަސްޓް 2023 - 21:20

ސަރުކާރުން މިއަދު އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ޝަރުތުހަމަވާ އެންމެންނަށް ފްލެޓް ދެވޭނީ އަންނަ ފަސް އަހަރުގެ ތެރޭގައި ކަމަށް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓް ދޫކުރަން ނިންމައި ކުރިމަތިލާން ހުޅުވާލުމުން 20،600އަށް ވުރެން ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެތެރެއިން 14،400 މީހުން ކުރިމަތިލީ ތިން ކޮޓަރީގެ އެޕާޓްމެންޓަށެވެ. އަދި 6،200 މީހުން ކުރިމަތިލީ ދެ ކޮޓަރީގެ އެޕާޓްމެންޓަށެވެ.

ރައީސް ރިޔާސީ ކެމްޕެއިނަށް ހުވަދުއަށް ކުރައްވާ ދަތުރުފުޅުގައި ގދ. ނަޑެއްލާގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ފްލެޓް ލިސްޓުގައި ޝަރުތުހަމަވާ 13،000 އަށް ވުރެ ގިނަ މީހުން ތިބިއިރު، އެ އެންމެނަށް ވެސް ބޯހިޔާވަހިކަން ހަމަޖައްސައިދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"އެއިން ކޮންމެ މީހަކަށް، އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މާލޭ ފްލެޓް އަޅައިދީ، ހަވާލުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓް ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވި ގޮތުގައި، ގެދޮރުވެރިޔާ ސްކީމްގެ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ 13،000 ފްލެޓަށް ޝަރުތު ހަމަވިޔަސް، ޖޮއިންޓް ވެގެން ކުރިމަތިލި މީހުންނާ އެކު، ޝަރުތު ހަމަވާ މީހުންގެ އަދަދު 15،000 އަށް އަރަ އެވެ.
ދެމަފިރިން ވެސް، ވަކިން ފްލެޓަށް ކުރިމަތިލައި، ޝަރުތު ހަމަވެފައި އެބަތިއްބެވެ. ދެމަފިރިން ފްލެޓަށް ޝަރުތުހަމަވާ ނަމަ އޭގެ ތެރެއިން އެކަކު ފްލެޓު ދޫކޮށްލަން ޖެހެ އެވެ. އެއީ އަބަދު ވެސް އަމަލުކުރަމުން އަންނަ އުސޫލެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހަދާ ފްލެޓުތަކަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން 14،400 މީހުން ކުރިމަތިލީ ތިން ކޮޓަރީގެ އެޕާޓްމެންޓަށެވެ. އަދި 6،200 މީހުން ކުރިމަތިލީ ދެ ކޮޓަރީގެ އެޕާޓްމެންޓަށެވެ.
ސަރުކާރުން ބުނި ގޮތުގައި، އެ ސްކީމްގެ ދަށުން މިހާރު އަންނަނީ ހުޅުމާލޭގައި 8،000 ފްލެޓެއްގެ މަސައްކަތް ކުރަމުންނެވެ.
އޭގެ ތެރެއިން، 4،000 ފްލެޓް ހަދަން ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ އަދި އެންބީސީސީ އަށެވެ. އެއިން ކޮންމެ ކުންފުންޏަކަށް 2،000 ފްލެޓް ހަދަން އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު ހަމަޖައްސައިދީފައި ވަނީ ދިވެހި ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެންނެވެ. އެއީ 116.45 މިލިއަން ޑޮލަރު އަދި 110.5 މިލިއަން ޑޮލަރުގެ ލޯނެކެވެ.
އޭގެ ބާކީ 4،000 ފްލެޓު އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިިދިޔަ ބުދަ ދުވަހު އަނެއްކާ ވެސް ވަނީ އިންޑިއާގެ އިތުރު ކުންފުންޏަކާ އެކު ސޮއިކޮށްފަ އެވެ. ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ 2.5 ބިލިއަން ރުފިޔާ އަށެވެ.