އެއްވަނައިގައި އާމިން ޖޫނިއާ ބައިގެ ކުއާޓާ ފައިނަލަށް
އެއްވަނައިގައި އާމިން ޖޫނިއާ ބައިގެ ކުއާޓާ ފައިނަލަށް

އައިބީސީ ވޯލްޑް ޓުއާ މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން އިވެންޓުގެ ޖޫނިއާ ބައިގެ ހީޓްތަކުން އެއްވަނަ ހޯދަމުން ރާއްޖޭގެ އެއްވަނަ ޖޫނިއާ ބޮޑީބޯޑަރު އާމިން އުމަރު މޫސާ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އާމިން ވަނީ އިއްޔެ ވާދަކުރި ދެވަނަ ބުރާއި ތިންވަނަ ބުރުގެ ހީޓުން ވެސް އެއްވަނަ ހޯދައިފަ އެވެ. ދެވަނަ ބުރުގައި 11.65 ޖުމްލަ ޕޮއިންޓާ އެކު އެއްވަނަ ހޯދި އިރު، ހީޓުން ދެވަނައަށް ދިޔައީ 9.25 ޕޮއިންޓް ހޯދި ރާއްޖޭގެ މުހައްމަދު ޖަރީޝް އެވެ. ތިންވަނައަށް ދިޔައީ ހަވާއީގެ ކައިނާލޫ ޝިމް އެވެ.

ތިންވަނަ ބުރުގެ ހީޓުން އެއްވަނަ ހޯދީ ޖުމްލަ 12.25 ޕޮއިންޓް ހޯދައިގެންނެވެ. ހީޓުގެ ދެވަނައަށް ދިޔައީ އޮސްޓްރޭލިއާގެ ރަޔާން ހިލް ސްމިތެވެ. މި ހީޓުން ތިންވަނައަށް ދިޔައީ ރާއްޖޭގެ މުހައްމަދު ޝިބުތެވެ.

ދެވަނަ ބުރުގައި ޝިބުތު ވާދަކުރި ހީޓުން އޭނާ ވަނީ 7.85 ޕޮއިންޓާ އެކު ދެވަނަ ހޯދައިފަ އެވެ. އެ ހީޓުން އެއްވަނަ ނެގީ ޕޯޗުގަލްގެ އެޑުއާޑޯ މާސެޑޯ އެވެ. ތިންވަނައަށް ދިޔައީ ރާއްޖޭގެ މުހައްމަދު އަޒާން އެވެ.

މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގެ ޖޫނިއާ ފައިނަލްގައި ވާދަކޮށް ދެވަނަ ހޯދި އާމިން އަކީ މިއަހަރުގެ ކުއާޓާ އިން ޖާގަ ހޯދި ހަމައެކަނި ދިވެހި ބޮޑީބޯޑަރެވެ. ކުއާޓާގައި އޭނާ ނުކުންނާނީ ޕޯޗުގަލްގެ އެޑުއާޑޯ މާސެޑޯއާ ދެކޮޅަށެވެ.

ތިންވަނަ ބުރުގައި ރާއްޖޭގެ އިތުރު ދެ ބޮޑީބޯޑަރުން ވާދަ ކުރި އެވެ. ތިންވަނަ ހީޓުގައި ވާދަކުރި މުހައްމަދު ޖަރީޝް އާއި ހަތަރުވަނަ ހީޓުގައި ވާދަކުރި އިޔާން އަހުމަދަށް ވެސް ލިބުނީ ހީޓުން ތިންވަނަ އެވެ.

ފިރިހެން އޯޕަން ބައިގައި ވާދަކުރާ ރާއްޖޭގެ އަލީ ޝާމް ރާފިއު އަށް ވަނީ ފަސްވަނަ ބުރުން އިއްޔެ މުބާރާތް ނިންމާލަން ޖެހިފަ އެވެ. ފަސްވަނަ ބުރުގެ ފަސްވަނަ ހީޓުގައި ވާދަކޮށް އޭނާ ކެޓީ ކުޑަ ތަފާތަކުންނެވެ. ހީޓް ކާމިޔާބުކުރި ޗިލީގެ މޮއީސެސް ސިލްވާ އަށް 13.35 ޕޮއިންޓް ލިބުނުއިރު ދެވަނައަށް ދިޔަ ފްރާންސްގެ ފަބިއެން ތާޒާ ވަނީ 11.50 ޕޮއިންޓް ހޯދައިފަ އެވެ. ޝާމް އަށް ލިބުނީ 10.55 ޕޮއިންޓެވެ.

އަންހެން އޯޕަން ބައިގެ ކުއާޓާގެ ހީޓްތައް ވެސް އިއްޔެ ކުރިއަށް ގެންދިޔަ އެވެ. ކުއާޓާގެ ފުރަތަމަ ހީޓުގައި 12 ޕޮއިންޓް ސްކޯ ކޮށްގެން ސެމީ އިން ފުރަތަމަ ޖާގަ ހޯދި ޖަޕާނުގެ ސަރީ އޯހަރާ ސެމީގައި ވާދަ ކުރާނީ 11 ޕޮއިންޓް ހޯދައިގެން ކުއާޓާގެ ދެވަނަ ހީޓް ކާމިޔާބުކުރި ބްރެޒިލްގެ މާރިއާ ވިއާނާއާ އެވެ. ސެމީގެ ދެވަނަ ހީޓުގައި ވާދަކުރާނީ ކެނެރީ އައިލެންޑްސްގެ ތެރޭސާ މިރަންޑާ އާއި ދެކުނު އެފްރިކާގެ ޕަމޭލާ ބޯރެން އެވެ.