ލޯކަލް އިންތިހާބު އަނެއްކާވެސް ފަސްކޮށްފި
ލޯކަލް އިންތިހާބު އަނެއްކާވެސް ފަސްކޮށްފި

އޭޕްރީލް އަށެއްގައި ބާއްވަން ކުރިން ނިންމި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް ފަސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، އިންތިހާބު ދެން އޮންނާނީ އޭޕްރީލް 15 ގައި ކަމަށެވެ. އިންތިހާބު ފަސް ކުރީ ވޯޓުފޮށި ބެހެއްޓުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތައް ދޫކުރުމުގައި ދަތިތަކެއް ދިމާވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ވޯޓު ފޮށިތައް ބަހައްޓާ މަރުކަޒުތަކުގެ 90 ޕަސެންޓަކީ ސްކޫލްތަކެވެ. އަދި އިންތިހާބުގައި ބައިވެރިވާ ގިނަ އޮފިޝަލުންނަކީ އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަކްރަމް ފާހަގަކުރެއްވި ގޮތުގައި، ސްކޫލްތައް ދޫކުރެވޭނީ އޭޕްރީލް އަށެއްގެ ފަހުން ކަމަށް އަންގައި އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. އެހެންވެ، އިންތިހާބު ފަސް ކުރަން ނިންމީ ގައުމީ ލަފާ ދޭ ކޮމެޓީގެ މަޝްވަރާގެ މަތިން ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

"ތާރީހު ބަދަލު ކުރެވިގެން މިދިޔައީ ގައުމީ ލަފާދޭ ކޮމެޓީގެ އިއްތިފާގުން،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ގައުމީ ލަފާ ދޭ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެމްޑީޕީ ފިޔަވައި ހުރިހާ ސިޔާސީ ޕާޓީތަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ޕާޓީތަކުން އިންތިހާބު ފަސް ކުރަން އިއުތިރާޒު ނުކުރާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އިދާރީ ގޮތުން ވާން ޖެހޭ ތައްޔާރީތައްވެ، ނިމިފައިވާ ކަމަށާއި އިންތިހާބު ފަސް ކުރުމަކީ، މި ކަންކަން ހަރުދަނާ ކުރަން ލިބުނު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންތިހާބުގެ ތާރީހު ބަދަލުވުމަކީ އިންތިހާބުގެ ސައްހަ ކަމަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫން. އިންތިހާބުގެ މިނިވަންކަމާއި ހާމަކަން ދެމެހެއްޓުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް އެއްވެސް ހުރަހެއް ގެނެވިގެން ނުވާނެ،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ވާނީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ އިންސާފުވެރި، މިނިވަން އިންތިހާބަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި އިންތިހާބު ފަސްކުރުމާ ގުޅިގެން އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތާއި އިންތިހާބުގައި ވޯޓު ލާން ރަޖިސްޓްރީ ވެފައިވާ މީހުންގެ ލިސްޓަށް ބަދަލުތަކެއް ގެނެސް، ޝަކުވާ ހުށަހެޅުމުގެ މުއްދަތާއި އިންތިހާބުގެ އެއްވެސް ކަމެއްގެ މުއްދަތު އިތުރު ކުރަން ބޭނުންނަމަ، އެކަމާ މެދު ގޮތެއް ނިންމާނީ ގައުމީ ލަފާދޭ ކޮމެޓީންނެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އިންތިހާބާ ގުޅިގެން މީގެ ކުރިން ކުރި އެއްވެސް އިއުލާނަކަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ލޯކަލް އިންތިހާބު ފަސް ކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅައިގެންނެވެ. ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

ޕީޕީއެމަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ. ޕީޕީއެމް ދެ ބައި ވީ، ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ބޮޑު ޚިޔާލު ތަފާތުވުމެއްގަ އެވެ.