08 އޯގަސްޓް 2023 - 17:51

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެއްވޭ ހާލަތުގައި އިންތިހާބުގައި ވާދަކުރަން ހޮވި ޕީއެންސީގެ ކެންޑިޑޭޓް، މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެންޑޯސްނުކުރައްވައި އޭނާގެ ކެމްޕެއިން މަސައްކަތާ ދުރުގައި ޕީޕީއެމް/ޕީއެންސީ ލީޑަޝިޕްގެ ގިނަ ބޭފުޅުން ތިއްބެވިކަން އެނގިއްޖެ އެވެ.
ޔާމީނަށް އެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާއެކު ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް އެމަނިކުފާނު ލީޑާޝިޕަށް އެންގެވި އެވެ.
ނަމަވެސް އޭރު ޕީއެންސީން ވަނީ ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި މުއިއްޒު ވާދަ ކުރުމަށް ފާސް ކޮށްފަ އެވެ. އެހެންވެ ޕީޕީއެމް/ޕީއެންސީން ބޭއްވި ސެނެޓް ބައްދަލުވުމުގައި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ ޔާމީންގެ އެ އެންގެވުން ބަލައިނުގަނެ މުއިއްޒުގެ ފަހަތަށް އެރުމަށެވެ.
ޔާމީން ވަނީ އެ ނިންމުން ވެސް ބަލައިނުގަންނަ ކަމަށް ޕާޓީ އަށް އަންގަވައިފަ އެވެ. ނަމަވެސް އިއްޔެ މުއިއްޒު ކެންޑިޑެސީ ފޯމް ހުށަހެޅި އިރު ޔާމީން އެ ނިންމުން ގަބޫލު ކުރައްވައިފި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސެނެޓަރުންނަށް ވިދާޅުވި އެވެ.
މީގެ ކުރިން ޕާޓީން ނިންމާ މިފަދަ ނިންމުންތަކާ ގުޅިގެން ސޯޝަލްމީޑިއާގައި މަރުހަބާ ވިދާޅުވި ނަމަވެސް ލީޑާޝިޕްގެ ގިނަ މެމްބަރުން މުއިއްޒަށް މަރުހަބާއެއް ވިދާޅެއް ނުވެ އެވެ.
އޭގެ ބަދަލުގައި ޕީޕީއެމް/ޕީއެންސީގެ މެންބަރުން ގެންދަވަނީ އަދިވެސް ޔާމީންގެ ހައްގުގައި ވަކާލާތު ކުރައްވައި އިންތިހާބު މިނިވަން ނުވާނެ ކަމަށް ޓުވީޓް ކުރައްވަމުންނެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީން އެންމެ އަސާސީ ހައްގުތަކުން އެކަހެރިކޮށްގެން ބާއްވާ އިންސާފުވެރި އަދި ޑިމޮކްރެޓިކް ހަމަތަކުން ބޭއްވޭ އިންތިހާބަކަށް ނުވާނެ ކަމަށެވެ.
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޔާމީންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށެވެ. އަދި އިސްތިއުނާފް އަޑުއެހުންތައް ވެސް ކުރިޔަށް ނުގެންދަވާތީ ކޯޓަށް ވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެނގިފައިވާ ގޮތުގައި އިއްޔެ މުއިއްޒު ވަނީ ވަކިވަކި ކެމްޕެއިން ޓީމުތަކާއި ޕީޕީއެމްގެ ބައެއް ސަޕޯޓަރުންގެ ގްރޫޕްތަކާ ބައްދަލު ކޮށްފަ އެވެ. އަދި ކެމްޕެއިނަށް ފައިސާ ހޯދުމުގެ މަސައްކަތްތަކެއް ވެސް މުއިއްޒު ކުރެއްވި އެވެ. ނަމަވެސް އެއިން އެއްވެސް ބައްދަލުވުމެއްގައި ލީޑާޝިޕްގެ އެހެން މެންބަރުން ބައިވެރިއެއް ނުވެ އެވެ.
މީގެ އިތުރުން ޔާމީން މިނިވަން ކުރުމަށް ގޮވާލައި ރޭ ބޭއްވި ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވަނީ މުއިއްޒުގެ ފަހަތަށް އަރަން ޕީޕީއެމް/ޕީއެންސީން ނިންމި ނިންމުމަށް ފާޑު ވިދާޅުވެފަ އެވެ. ޕީޕީއެމާއި ޕީއެންސީގެ ސެނެޓުން ޔާމީންއާ ދޭތެރޭގައި ނިންމެވި ނިންމެވުމާ މެދު ހިތާމަކުރައްވާ ކަމަށް ޓޮމް ވިދާޅުވި އެވެ.
ޓޮމް ވިދާޅުވި ގޮތުގައި ބޮއިކޮޓް ކުރަން އެދިވަޑައިގަތުމަކީ ޔާމީން ސެނެޓަރުންނަށް ދެއްވި ޓެސްޓެކެވެ. އޭގެން ސެނެޓަރުން ފެއިލް ވެފައިވާ ކަމަށާއި އެ މެންބަރުން ދެއްކެވި ވާހަކަތައް ހަނދާން ނައްތާ ނުލާނެ ކަމަށް ޓޮމް ވިދާޅުވި އެވެ.
އަދި އެ ބައްދަލުވުމުގައި އެގޮތަށް ވާހަކަ ދެއްކެވި މެންބަރުންގެ ވީޑިއޯތައް ހުރި ކަމަށާއި ޔާމީން ގެއަށް ބަދަލު ކުރެއްވުމުން އެ ފޮޓޯތަކާއި ވީޑިއޯތައް ދައްކާނެ ކަމަށް ޓޮމް ވިދާޅުވި އެވެ.
"ރައީސް ޔާމީން ބޮޑުކުރި ޕާޓީއެއް، މެމްބަރުންތަކެއް އެ ޕާޓީގެ އޮފީހުގައި ތިބެގެން ރައީސް ޔާމީނާ ދޭތެރޭގައި ދެއްކެވި ވާހަކަފުޅުތައް އަޅުގަނޑުގެ ހިތަކުން ފިލައިގެން ނުދާނެ،" ޓޮމް ވިދާޅުވި އެވެ.
"ރައީސް ޔާމީނަށް ވަރަށް ތެދުވެރިކަމަށް އިހްލާސްތެރިކަމަށް ދެކިގެން އަދި ކޮންމެ ފަހަރަކު ރައީސް ޔާމީން ދޫކޮށްލާއޭ ގޮވާފައި އިއްޔެ އެންމެ ޓެސްޓަކުން ރައީސް ޔާމީން ޓެސްޓްކުރަން ދެންނެވީމާ ކިހިނެއްތޯ ސެނެޓުން ދެންނެވީ."
ޓޮމް ވިދާޅުވި ގޮތުގައި ޔާމީން ސެނެޓަށް ފޮނުއްވި ނޯޓުކޮޅުގައި އޮތީ ވަރަށް އާދައިގެ ވާހަކައެކެވެ. އެއީ އެމަނިކުފާނުގެ އަސާސީ ހައްގެއް ނިގުޅައިގެންފި ކަމަށް ގަބޫލުކުރައްވާތީ، ޖަލުގައި ހޭދަކުރައްވަނީ ހައްގުންތޯ ނުވަތަ ނުހައްގުންތޯ ޕީޕީއެމް/ޕީއެންސީގެ ސެނެޓުން ކަނޑައަޅައިދިނުމަށެވެ.
"ސެނެޓުން ނިންމީ ރައީސް ޔާމީންގެ މި ދެންނެވި ނޯޓުގައި އޮތް އިބާރާތުގައި ރައީސް ޔާމީނާ ދޭތެރޭގައި ވަރަށް އިހާނެތިގޮތަކަށް. މިއީ ހަގީގަތަކީ، އަޅުގަނޑުމެންނަށް ރައީސް ޔާމީން އެންގެވީ ތިމަންނަ މިހުރީ ހައްގުގައިތޯ ނުހައްގުންތޯ، ނުހައްގުން ޖަލުގައި އޮތް ކަމަށް ވާނަމަ މި އިންތިހާބު ބޮއިކޮޓްކޮށްދޭން،" ޓޮމް ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީ ތެރޭގައި މި މައްސަލަތައް ހުރި ނަމަވެސް އެކަމާ ގުޅޭ ގޮތުން ލީޑާޝިޕްގެ އެއްވެސް މެންބަރަކު ރަސްމީކޮށް އެއްޗެއް ވިދާޅެއް ނުވެ އެވެ.
މުއިއްޒު އިއްޔެ ވަނީ މީޑިއާތަކާ ބައްދަލު ކުރައްވައި ވަރަށް ބައިވަރު ވާހަކަ ދައްކަވަން ހުރި ކަމަށް ވިދާޅުވެފަ އެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމެއް އިއްޔެ ބާއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް އިއްޔެ އާއި މިއަދު ވެސް އެ ބައްދަލުވުމެއް ނުބާއްވަ އެވެ.