08 އޯގަސްޓް 2023 - 11:43

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ރޭ ހުޅުޖެހީ ރިޔާސީ ކެމްޕެއިންގެ ކާމިޔާބީ ފެނި، ފޯކަސް ގެއްލުވާލަން ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ހުވަދޫގެ ރަށްތަކަށް ރައީސް ފެއްޓެވި ރިޔާސީ ކެމްޕެއިންގެ ދަތުރުފުޅުގައި މިއަދު ފުރަތަމަ މަޑަވެއްޔަށް ވަޑައިގެން ރަށުގެ ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވަނީ ރޭ ފަތިހު އެ ރަށުގައި ހިނގި މި ހާދިސާ ކުށްވެރިކުރައްވައި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިނަށް ހުރަސްއެޅުމަށް އެ ކަހަލަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.

"ރިޔާސީ އިންތިހާބެއްގެ ކެމްޕެއިންގައި ވާދަވެރި ކެންޑިޑޭޓުން ކެމްޕެއިން ކުރަމުން ދާއިރުގައި މި ކަހަލަ ބައެއް ކަންތައް އަޅުގަނޑުމެންނަށް އަބަދުވެސް ދިމާވޭ. މަގުސަދަކަށް ވަނީ ފޯކަސް ގެއްލުވާލުން. ހަމަނުޖެހުމަކާ ދިމާލަށް ގެންދިއުން،" ރައީސް ވިދާޅުވި އެވެ.
"މީގެން ދޭހަވާ އެއް ކަމަކީ އަޅުގަނޑުމެން މި ކުރާ ކެމްޕެއިންގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންނަށް ބޮޑުތަނުން ކާމިޔާބުވާތަން ވާދަވެރިންނަށް ފެނުނީމާ އެކަން ފިތުނަކުރާތަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަންނަ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރާނީ ހަމަނުޖެހުން ހިންގައިގެންނެއް ނޫނެވެ. ނަތީޖާ ދައްކާނީ ވޯޓުން ކަމަށް ވިދާޅުވި އެވެ.
އެގޮތަށް ކަންތައް ހިނގިޔަސް، އެކަމާ މެދު ކަންބޮޑުނުވުމަށް ރައީސް، އެމަނިފާނުގެ ކެމްޕެއިން ޓީމާއި ސަޕޯޓަރުންގެ އަރިހުން އެދިވަޑައިގަތެވެ. އަދި އެކަމުގެ ބަދަލުގައި ކަންކަންކޮށް، ހަމަނުޖެހުން ހިންގަން ފުރުސަތު ނުދިނުމަށް ވެސް އެދިވަޑައިގަތެވެ.
މަޑަވެލީގައި ރައީސްގެ ޖަލްސާ ބާއްވަން އޮތް ތަނުގައި ރޭ ހުޅުޖަހައި ބޮޑު ގެއްލުމެއް ދީފައިވެ އެވެ.