08 އޯގަސްޓް 2023 - 11:26

ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގައި މާލެ އަތޮޅުގެ ދެކުނުގެ ރިސޯޓްތައް ކުޅޭ "ސައުތު ކާފް" މުބާރާތުގެ ސެމީ ފައިނަލަށް، އޮޒެން ރިޒާވް ބޮލިފުށްޓާއި އޮޒެން ލައިފް މާދޫ އަދި ކްރޮސްރޯޑްސް މޯލްޑިވްސް ދަތުރު ކޮށްފި އެވެ.

ޖުމްލަ ހަތް ޓީމު ވާދަކުރާ މުބާރާތް ހޮނިހިރު ދުވަހު ފެށީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕް ބީގައި ތިން ޓީމު ހިމެނޭއިރު، އޮޒެން ލައިފް މާދޫ އެއްވަނަ ހޯދީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެވަނަ ލިބުނީ ތިން ޕޮއިންޓް ހޯދި އޮޒެން ރިޒާވް ބޮލިފުށްޓަށެވެ. މި ގުރޫޕުގައި ދެން ހިމެނުނު ސަން ސިޔާމް އޮޅުވެލިފުށްޓަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.
ކްރޮސްރޯޑްސް އިން ސެމީގެ ޖާގަ ޔަގީން ކުރީ ގުރޫޕް އޭގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ހާޑް ރޮކް މޯލްޑިވްސް އާއި ވެލައްސަރު މޯލްޑިވްސް ބަލިކޮށްފަ އެވެ. ވެލައްސަރު ވަނީ މި ގުރޫޕުގައި ހިމެނޭ ސައީ ލެގޫން ބަލިކޮށްފަ އެވެ.
ކްރޮސްރޯޑްސްގައި ކުރިއަށްދާ މި މުބާރާތުގެ ގުރޫޕް އޭގައި ކުރިއަށް އޮތީ މިއަދު ހަވީރު ކުޅޭ ދެ މެޗެވެ. ހާޑް ރޮކާއި ވެލައްސަރު ފުރަތަމަ މެޗުގައި ބައްދަލުކުރާއިރު ދެވަނަ މެޗުގައި ކްރޮސްރޯޑްސް ނުކުންނާނީ ސައީ ލެގޫންސްއާ ދެކޮޅަށެވެ. އަދި ގުރޫޕްގެ ފަހު މެޗުގައި މާދަމާ ހަވީރު ހާޑް ރޮކާއި ސައީ ލެގޫންސް ބައްދަލުކުރާނެ އެވެ.
ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ. އަދި ފައިނަމް ލެޗު އޮންނާނީ އާދިއްތަ ދުވަހު އެވެ.
ކ. އަތޮޅުގެ ދެކުނު ޒޯންގެ ޗެމްޕިއަން ޓީމު، މުބާރާތުގެ ސެމީ ފައިނަލްގައި ވާދަ ކުރަން ޖެހޭނީ މެއި މަހު ދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓާ ދެކޮޅަށެވެ.
ކ. އަތޮޅު ދެކުނުގެ މެޗުތަކަށް ފަހު މުބާރާތުގައި ދެން އޮންނާނީ ކ. އަތޮޅުގެ އުތުރުގެ ރިސޯޓްތައް ވާދަކުރާ "ނޯތު ކާފް" ޒޯނެވެ. ޖުމްލަ ހަ ޒޯނަކުން ކުޅޭ މި މުބާރާތުގައި، ހަތަރު ޒޯނެއްގެ ކުޅުން ވަނީ ނިމިފަ އެވެ.
ރ. އަތޮޅުގެ ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް ހޯދިއިރު، ބ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ މިލައިދޫ މޯލްޑިވްސް އެވެ. ކޮކޫން އިން ޅ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި އިރު، ނ. އަތޮޅުގެ ޗެމްޕިއަން ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓް ވަނީ ސެމީ ފައިނަލުން ވެސް ޖާގަ ހޯދައިފަ އެވެ. އެޓީމު ސެމީގައި ކުޅޭނީ "ނޯތު ކާފް" ގެ ޗެމްޕިއަނުންނާ ދެކޮޅަށެވެ.
ވެލާ އައިލެންޑު ސެމީ އަށް ދަތުރު ކުރީ، ކުއާޓާގައި ޖޯލި ބަލިކޮށްފަ އެވެ. ކޮކޫން ބަލިކޮށް ވެލާ ކުއާޓާ އިން ފުރުސަތު ހޯދި އިރު، ޖޯލި ކުއާޓާއަށް ދިޔައީ މިލައިދޫ ބަލިކޮށްފަ އެވެ.