08 އޯގަސްޓް 2023 - 09:30

ދުނިޔޭގެ ބޮޑީބޯޑިން ޗެމްޕިއަންކަން ނުވަ ފަހަރު ހާސިލް ކޮށްފައިވާ ލެޖެންޑް، ހަވާއީގެ މައިކް ސްޓެވާޓް ބަލިކޮށް ރާއްޖޭގެ ބޮޑީބޯޑަރު އަލީ ޝާމް ރާފިއު، ވޯލްޑް ޓުއާގެ މޯލްޑިވްސް ޕްރޯ 2023 ގެ ފިރިހެން އޯޕަން އިވެންޓުގެ ފަސްވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.
މާލޭގެ ވަރުނުލާ ރާޅުގަނޑުގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާ އިވެންޓުގައި، ފަސް ވަނަ ބުރަށް ދިޔަ ހަމައެކަނި ދިވެހި އެތުލީޓަކީ ވެސް ޝާމް އެވެ.
ޝާމް ވަނީ ހަތަރު ވަނަ ބުރުގެ ހަތް ވަނަ ހީޓްގައި 11 ޕޮއިންޓް ހޯދައިގެން ހީޓް ކާމިޔާބުކޮށްފަ އެވެ. ދެވަނައަށް ދިޔަ ސްޓެވާޓަށް ލިބުނީ 10.65 ޕޮއިންޓެވެ. ހީޓުން ތިންވަނައަށް ދިޔައީ 6.50 ޕޮއިންޓް ހޯދި ޗިލީގެ މަޓިއަސް ޑިއާޒް އެވެ.
◂ ފަސްވަނަ ބުރުގެ ހީޓް 5: އަލީ ޝާމް، މޮއީސެސް ސިލްވާ (ޗިލީ)، ފަބިއެން ތާޒާ (ފްރާންސް)
މިއީ ޝާމް މި އިވެންޓުގައި ސްޓެވާޓް ބަލިކޮށް ހީޓެއްގެ އެއްވަނަ ހޯދި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ވަނީ ދެވަނަ ބުރުގައި ވާދަކުރި ހީޓުން ވެސް ސްޓެވާޓް ފަހަތަށް ޖައްސާލައި އެ ހީޓުން އެއްވަނަ ހޯދައިފަ އެވެ.
ތިން ވަނަ ބުރުގައި ރާއްޖޭގެ އިޔާން އަހުމަދު، 14، އާ އެކު އެއް ހީޓެއްގައި ވާދަކޮށް ޝާމް އަށް ލިބުނީ ތިންވަނަ އެވެ. ހީޓުން އެއްވަނަ ހޯދީ މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯ ކާމިޔާބުކުރި ހަވާއީގެ ޑޭވިޑް ހަބާޑް އެވެ. ދެވަނަ އަށް ދިޔައީ މޮރޮކޯގެ ބްރާހިމް އީޑައުޗް އެވެ.
ހަތަރުވަނަ ބުރުގެ ހީޓުގައި ޗިލީގެ މޮއީސެސް ސިލްވާ އާއި ދެ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ފްރާންސްގެ ޕިއޭރޭ ލުއިސް ކޮސްޓެސް އާ ވާދަކޮށް އިޔާން އަށް ލިބުނީ ތިންވަނަ އެވެ.
ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރު އަލީ ހުޝްރުވާން (ކުޑަ އައްޔަ) އަށް ވެސް ވަނީ ހަތަރުވަނަ ބުރުން އޯޕަން އިވެންޓު ނިންމާލާށެވެ. މި ބުރުގެ ހަތަރުވަނަ ހީޓުގައި، ފްރާންސްގެ ޔާން ސަލައުން އާއި އީތަން ކަޕްޑެވިޔާ އާ ވާދަކޮށް ލިބުނީ ތިންވަނަ އެވެ. ތިންވަނަ ބުރުގެ ހީޓުން ވެސް ކުޑަ އައްޔަ އަށް ލިބުނީ ތިންވަނަ އެވެ.
އޯޕަން އިވެންޓުން ކެޓި ނަމަވެސް ކުޑަ އައްޔައަށް ޑްރޮޕް ނީ އިވެންޓު އަދިވެސް އެބަ އޮތެވެ. ޑްރޮޕްނީ އިވެންޓުގައި ކުޑަ އައްޔަ އަށް އޮތީ ތިންވަނަ ބުރުގެ ހީޓެވެ. އެ ހީޓުގެ ކުރިން ޑްރޮޕް ނީ އިވެންޓުގެ ދެވަނަ ބުރުގައި ރާއްޖޭގެ ދާއޫދު ފަޒީހް ވާދަ ކުރާނެ އެވެ.