08 އޯގަސްޓް 2023 - 09:00

މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ އަދަދު ރެކޯޑް އަދަދަކަށް އިތުރުވުމުން، އެ އިންތިހާބު ކާމިޔާބުކުރަން ވަރަށް ބޮޑަށް ފަސޭހަވެއްޖެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ، ގިނަ ކެންޑިޑޭޓުން ކުރިމަތިލުމަކީ އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އިތުރަށް ފަސޭހަވާނެ ސަބަބެއް ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.

"ގިނަ ކެންޑިޑޭޓުން ކުރިމަތިލުމުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފަސޭހަވެއްޖެ. ވަރަށް ބޮޑުތައް ފަސޭހަވެއްޖެ. އިރާދަކުރެއްވިޔާ ކުރިއަށް މި އޮތް ރިޔާސީ އިންތިހާބު އެއްބުރުން އަޅުގަނޑުމެން ކާމިޔާބު ކުރާނީ ބޮޑު ތަނުން،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީން މި އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުކުރި މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށް ބިނާކޮށްފައިވާ މެނިފެސްޓޯގެ ފުރަތަމަ ސިޔާސަތު އެ ޖަލްސާގައި ރޭ އިފުތިތާހުކޮށްފަ އެވެ.
ރައީސް ވިދާޅުވީ އެ ސިޔާސަތުތައް އެކުލަވާލާފައިވަނީ ރައްޔިތުންގެ ފަރާތުން ކުރިމަތިވި ސުވާލުތަކަށް ޖަވާބު ލިބޭނެ ގޮތަށް ކަމަށެވެ.
މި ފަހަރު މެނިފެސްޓޯއިން ތައުލީމާއި ސިއްހަތާއި، ކުޅިވަރާއި އިޖުތިމާއީ ދާއިރާތަކުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް މި އޮތް ދައުރުގައި އަޅުގަނޑުމެންގެ ފަސް އަހަރު ގުޅިފައިވާ ކޯލިޝަނުން އެ އޮތް ގޮތަށް ތަންފީޒު ކުރުމުގައި ދެމިތިބޭނަން،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީން ވަނީ ރިޔާސީ އިންތިހާބަށް އަދާލަތު ޕާޓީ އާއީ އެމްޑީއޭއާ އެކު ކޯލިޝަން ހަދައިފަ އެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރެ އެވެ. މިއީ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ ފަހަރެވެ. ދެވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރީ 2008 ވަނަ އަހަރު އެވެ. އެ ފަހަރު ހަ ބޭފުޅަކު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެވެ.
ރިޔާސީ އިންތިހާބަށް ވާދަކުރަން ފޯމު ހުށަހެޅި ޕާޓީތަކަކީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި ޕީއެންސީ އާއި އެމްއެންޕީ އަދި ޑިމޮކްރެޓްސް އެވެ. އަމިއްލަ ގޮތުން ވާދަކުރައްވަން ފޯމު ހުށަހެޅުއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫނާއި ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ކުރިން ހުންނެވި ހަސަން ޒަމީލެވެ.
އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ މަނިކުފާނުގެ ރަނިންމޭޓަކީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އެވެ.
ޕީއެންސީން ވާދަކުރައްވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އެވެ.
ޖުމްހޫރީ ޕާޓީން ވާދަކުރައްވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ރަނިންމޭޓް އަމީން އިބްރާހިމެވެ. އެމްއެންޕީން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ރަނިންމޭޓް ޑރ. އަހްމަދު އަދީލް ނަސީރު އެވެ. ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބު އަށް ރިޔާސީ ޓިކެޓް ދީފައި ވާއިރު ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ.
އަމިއްލަގޮތުން ވާދަ ކުރައްވާ ފާރިސްގެ ރަނިންމޭޓަކަށް ޑރ. އަބްދުއްސައްތާރު ޔޫސުފް ހަމަޖައްސަވާފައި ވާއިރު އުމަރު ނަސީރުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައި ވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ.
މި އަހަރުގެ އިންތިހާބަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެމަފިރިއަކު ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެއްވި އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ޑިފެންސް މިނިސްޓަރުގެ ނައިބުގެ މަގާމުން ދާދިފަހުން އިސްތިއުފާ ދެއްވި މއ. މާވެޔޮވިލާ ހަސަން ޒަމީލާއި ރަނިންމޭޓު އަނބިކަނބަލުން މަރިޔަމް އަލީމް އެވެ.