އިޒްރޭލަށް ޖާސޫސްކޮށްދިން 7 މީހަކަށް ހަމާސް އިން މަރުގެ އަދަބު
އިޒްރޭލަށް ޖާސޫސްކޮށްދިން 7 މީހަކަށް ހަމާސް އިން މަރުގެ އަދަބު

ގާޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ ތެރެއިން، އިޒްރޭލާ އެކު އެއްބާރުލައި އިޒްރޭލަށް ޖާސޫސު ކޮށްދިނުމުގެ ކުށް ސާބިތުވި ހަތް މީހެއްގެ މައްޗަށް، ހަމާސް ޖަމާއަތުގެ އަސްކަރީ ކޯޓުން އިއްޔެ މަރުގެ ހުކުމް އިއްވައިފި އެވެ.

ހަމާސް އިން ގާޒާގައި އެކުލަވާލާފައި އޮންނަ ސަރުކާރުގެ ހޯމް މިނިސްޓްރީން މިއަދު ބުނި ގޮތުގައި އިޒްރޭލާއެކު އެއްބާރުލުމުގެ ކުށުގައި، ބުރަ މަސައްކަތާ އެކު އުމުރު ދުވަހަށް ޖަލަށް ލުމަށް، އިތުރު ހަތް މީހެއްގެ މައްޗަށް އިއްޔެ ހުކުމް ކުރި އެވެ. މަރުގެ ހުކުމް އިއްވުނު ހަތް މީހުންނާއި އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވުނު ހަތް މީހުންނަކީ ވެސް، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ހައްޔަރު ކުރި މީހުންނެވެ.

މަރުގެ ހުކުމް އިއްވި މީހުންގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި، ހަމާސް ޖަމާއަތުގެ އިސް ވެރިންނާއި މެންބަރުންގެ ތަފްސީލު މައުލޫމާތުތައް އިޒްރޭލަށް ފޯރުކޮށްދިނުމުގެ ކުށްތައް ހިމެނެ އެވެ. އެއީ ހަމާސްގެ ވެރިންގެ ނަންތަކާއި ދިރިއުޅޭ ތަންތަނާއި ފޯނު ނަންބަރުގެ އިތުރުން އެމީހުންގެ އާއިލާތަކުގެ އެހެން މެންބަރުންގެ މައުލޫމާތުވެސް ހިމެނެ އެވެ.

އޭގެ އިތުރުން ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ގާޒާގެ ތެރޭގައި ދަތުރު ކުރުމަށް ކޮނެފައިވާ ބިންގަރާސްތަކާއި، އިޒްރޭލަށް ހަމަލާ ދިނުމަށް ރޮކެޓްތައް އުދުއްސައިލާ ތަންތަނުގެ މައުލޫމާތު ވެސް، އެމީހުން އިޒްރޭލަށް ފޯރުކޮށްދީފައިވާ ކަމަށްވެ އެވެ.

ގާޒާގައި 2007 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުން ބުނި ގޮތުގައި، ދުޝްމަނުންނާ އެއްބައިވެގެން ގައުމަށް ގެއްލުންދޭ ކޮންމެ މީހަކާ މެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ އެވެ. މިފަހަރު ހުކުމް ކުރި މީހުންގެ ތެރޭގައި މީގެ 20 އަހަރު ކުރިން ފެށިގެން އިޒްރޭލަށް ޖާސޫސް ކޮށްދެމުން އައި މީހުން ވެސް ހިމެނެ އެވެ.

އިޒްރޭލަށް ޖާސޫސް ކޮށްދޭ ކަމުގެ ތުހުމަތުގައި މީހުން ހައްޔަރުކޮށް ބޮޑެތި އަދަބު ދިނުމަކީ، ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. އެ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ފަލަސްތީނުގެ ދެ މީހަކަށް މަރުގެ އަދަބު ދިނެވެ.

އިޒްރޭލުގެ އަޅުވެތިކަމުގެ ސަބަބުން އިގްތިސާދީ ދަތިކަމުގައި ދިރިއުޅެން ޖެހިފައިވާ ފަލަސްތީނު މީހުންނަށް ފައިސާ ދީގެން، ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ މައުލޫމާތު ހޯދުމަކީ އިޒްރޭލުން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ.