ބީއެމްއެލްގެ އޮޕަރޭޝަންސް ޑައިރެކްޓަރަކަށް ޔޫކޭގެ ބޭފުޅަކު އައްޔަންކޮށްފި
ބީއެމްއެލްގެ އޮޕަރޭޝަންސް ޑައިރެކްޓަރަކަށް ޔޫކޭގެ ބޭފުޅަކު އައްޔަންކޮށްފި

ބީއެމްއެލްގެ ޑައިރެކްޓަ އޮފް އޮޕަރޭޝަންސްގެ މަގާމަށް އިނގިރޭސި ވިލާތުގެ ބޭފުޅަކު ހަމަޖައްސައިފި އެވެ.މަގާމަށް މޯގަން ބީންލޭންޑް ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން ބުނީ، ބޭންކިން، ބިޒްނަސް އޮޕަރޭޝަންސް އެންޑް ޗޭންޖް މެނޭޖްމަންޓްގެ ދާއިރާ އިން 22 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ މޯގަން ބީންލޭންޑް، އެ ބޭންކުގެ ޑައިރެކްޓަ އޮފް އޮޕަރޭޝަންސްގެ މަގާމަށް ހަމަޖެއްސީ މިދިޔަ ހަފުތާގައި ކަމަށެވެ.

މޯގަން އަކީ އިނގިރޭސި ވިލާތުގައި ހުންނަ ލޮއިޑްސް ބޭންކިން ގްރޫޕް، ޔޫކޭގައި ގިނަ މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ހެޑް އޮފް މާކެޓްސް އޮޕަރޭޝަންސް، ހެޑް އޮފް ޓެލެފޯނީ އެންޑް ރިޓެންޝަން، ހެޑް އޮފް ކޯޕަރޭޓް ބޭންކިން ގްއާންސޭ އަދި ސީނިއާ ވައިސް ޕްރެޒިޑެންޓް ކަން ހިމެނެ އެވެ.

މޯގަން އެންމެ ފަހުން އަދާކުރެއްވީ އިނގިރޭސި ވިލާތުގެ ކެޕްކޯގައި މެނޭޖިން ޕްރިންސިޕަލްގެ މަގާމެވެ. އެ މަގާމުގައި އޭނާ ވަނީ ޔޫކޭ ބޭންކިން އެންޑް ޕޭމަންޓް ޕްރެކްޓިސްގައި ހިމެނޭ ޓްރާންސްފޮމޭޝަން ޑެލިވަރީ، ކްލައެންޓް ރިލޭޝަންޝިޕް މެނޭޖްމަންޓް އަދި ބިޒްނަސް ޑިވެލޮޕްމަންޓްގެ އިސްދައުރެއް އަދާކުރައްވައިފަ އެވެ.

މޯގަން އަކީ ޔުނިވާސިޓީ އޮފް ސައުތު ހެމްޓަން އިން ބެޗަރލާސް އޮފް ސައިންސް އަދި ނޮޓިންގްހަމް ބިޒްނަސް ސްކޫލުން މެނޭޖްމަންޓް ސްޓަޑީސް އިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މޯގަން އަކީ އިންޓަނޭޝަނަލް ޓްރެޝަރީ މެނޭޖްމަންޓުން އެސޯސިއޭޝަން އޮފް ކޯޕަރޭޓް ޓްރެޝަރާސް ސެޓިފިކެޓް ވެސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މޯގަން އަކީ މަސައްކަތްތައް ބަރާބަރަށް ޑެލިވަރީ ކުރުމުގެ ވަރަށް ރަނގަޅު ޓްރެކް ރިކޯޑެއް އޮތް ދުނިޔޭގެ ފެންވަރުގެ ތަޖުރިބާ ހޯއްދަވާފައިވާ އެގްޒެކެޓިވް ބޭފުޅެއް ކަމަށެވެ. މޯގަންގެ ތަޖުރިބާގެ އަލީގައި ބީއެމްއެލްގެ އޮޕަރޭޝަނަލް ޕްރޮސެސްތައް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރާނެ ކަމުގެ އުއްމީދު އެބައިތް ކަމަށް ވެސް ވިދާޅުވި އެވެ.