ގާސިމް ވިދާޅުވީ، ވެރިކަން ލިބިވަޑައިގަތަސް އިތުރު އެއްޗެއް ބޭނުން ނޫން ކަމަށް!
ގާސިމް ވިދާޅުވީ، ވެރިކަން ލިބިވަޑައިގަތަސް އިތުރު އެއްޗެއް ބޭނުން ނޫން ކަމަށް!

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ އޭނާގެ ވިލާ ކުންފުންޏާއި އަތުގައި މިހާރު ހުރި ވަރަށް ވުރެ އިތުރަށް އެއްވެސް އެއްޗެއް ބޭނުން ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު، މ. ކުނޫޒުން ހިންގަވާފައިވާ ދަރުބާރުގެ އަށް ވަޑައިގެން ގާސިމް މިއަދު ވަނީ އިންތިހާބަށް ފޯމު ހުށަހަޅުއްވައިފަ އެވެ.

ފޯމު ހުށަހެޅުއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އޭނާ މިހާތަނަށް ވެސް ކޮށްދެއްވާފައި ވާނީ ގައުމަށް ފައިދާ ހުރި ކަންކަން ކަމަށެވެ. ދެން ވެސް ކޮށްދެއްވާނީ އެފަދަ ކަންކަން ކަމަށާއި އެކަމާ މެދު ގޮތް ނިންމާނީ ދިވެހިން ކަމަށް ގާސިމް ވިދާޅުވި އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ގާސިމަށް ވެރިކަން ލިބިއްޖެ ނަމަ އަމިއްލަ މަސްލަހަތު އިސްކުރައްވާނެ ކަމަށް ބުނެ ބައެއް މީހުން ދައްކާ ވާހަކައަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ އޭނާ ރާއްޖެ އިން ބޭނުންވާ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ.

"މިއަދު އަޅުގަނޑުގެ އާއިލާގައި އަޅުގަނޑުގެ ކުންފުނީގައި ހުރި އަޅުގަނޑުގެ އަމިއްލަ އެއްވެސް އެއްޗަކަށް ވުރެ އިތުރު ހަމަ އެއްވެސް އެއްޗެއް ބޭނުމެއް ނޫން. ދިވެހި ގައުމުން އަޅުގަނޑު އިތުރު އެއްވެސް އެއްޗެއް ބޭނުމެއް ނޫން، އަޅުގަނޑު ޔަގީން ކޮށްދޭނަން [އެކަން]،" ގާސިމް ވިދާޅުވި އެވެ.

ވެރިކަން ކާމިޔާބު ކުރެއްވުނަސް، ވިލާ ކުންފުންޏަށް ފައިދާ ވާނެ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ގާސިމް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

"އަޅުގަނޑު ޔަގީންކަމާ އެކު މި ދަންނަވަނީ އަޅުގަނޑު އަތުގައި ހުރި އެއްޗަކަށް ވުރެ އިތުރަށް އެއްވެސް އެއްޗެއް އަޅުގަނޑުގެ ވެރިކަމެއްގައި ހޯދާކަށް ނޫޅޭނަން، ބޭނުމެއް ނޫން. ނުކުރާނަން،" ވަރަށް ސާބިތުކަ މާއެކު ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ މި ފަހަރުގެ ރަނިންމޭޓަކީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން މިހާތަނަށް ފޯމު ހުށަހެޅުއްވީ ގާސިމްގެ އިތުރުން އެމްޑީޕީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ޑިމޮކްރެޓްސް އިން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ޕީއެންސީން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުން ކަމަށްވާ އުމަރު ނަސީރާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ނައިބު ހަސަން ޒަމީލެވެ.