ލިވަޕޫލާ އެއްވަރުވެ ޗެލްސީއަށް ނުވަ ޕޮއިންޓުގެ ލީޑެއް
ލިވަޕޫލާ އެއްވަރުވެ ޗެލްސީއަށް ނުވަ ޕޮއިންޓުގެ ލީޑެއް

ލިވަޕޫލް (ފެބްރުއަރީ 1) – ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ލިވަޕޫލާ 1-1 އިން އެއްވަރުވެ، އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ޗެލްސީން ނަގައިފި އެވެ.

މެޗުގެ ފަހުކޮޅު ޗެލްސީ އަށް މޮޅުވާން ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް ޑިއޭގޯ ކޮސްޓާ ޖެހި ޕެނަލްޓީ ލިވަޕޫލުގެ ގޯލްކީޕަރު ސިމޮން މިގްނޮލޭ ވަނީ މަތަކޮށްފަ އެވެ.

ޗެލްސީ 56 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު އެ ޓީމުގެ ލީޑު ފުޅާވީ ޓޮޓެންހަމް ހޮޓްސްޕާސް އާއި އާސެނަލްގެ މެޗުތަކުން ރޭ މޮޅެއް ނުހޯދުމުންނެވެ. ސަންޑަލެންޑާއި ޓޮޓެންހަމް 0-0 އިން އެއްވަރުވިއިރު އެ ޓީމު ވަނީ 47 ޕޮއިންޓާ އެކު ދެ ވަނަ އަށް އަރައިފަ އެވެ. ވަޓްފޯޑް އަތުން 2-1 އިން ބަލިވި އާސެނަލް ވަނީ ތިނަކަށް ވެއްޓިފަ އެވެ. އެ ޓީމަށް ވެސް ލިބިފައިވަނީ 47 ޕޮއިންޓެވެ. ރޭގެ މެޗުން ހޯދި ޕޮއިންޓާ އެކު ލިވަޕޫލް ވަނީ 46 ޕޮއިންޓާ އެކު އާސެނަލާ އެއް ޕޮއިންޓް ގާތަށް ޖެހިލައިފަ އެވެ. ލިވަޕޫލް އޮތީ ހަތަރު ވަނައިގަ އެވެ.

ލިވަޕޫލުގެ އެންފީލްޑް ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ޗެލްސީން ލީޑު ނެގީ 24 ވަނަ މިނެޓުގައި ޑޭވިޑް ލުއިޒް ހިލޭ ޖެހުމަކުން ޖެހި ގޯލުންނެވެ. އޭނާ ބޯޅަ ގޯލަށް ވައްދާލިއިރު ލިވަޕޫލުގެ ކީޕަރު މިގްނޮލޭ ހުރީ ތައްޔާރުނުވެ އެވެ. އޭނާ އެ ބޯޅައަށް ހަރަކާތެއް ވެސް ނުކުރެ އެވެ. އޭނާ މައްސަލަ ޖެއްސީ، ލުއިޒް ޖެހީ ރެފްރީ ކަށިގަނޑު ނުފުމެނީސް ކަމަށް ބުނެ އެވެ.

ލިވަޕޫލުން އެއްވަރުކުރީ ދެ ވަނަ ހާފު ފަށައިގެން، 57 ވަނަ މިނެޓުގަ އެެވެ. އޭރިއާ ތެރެއިން ޖޭމްސް މިލްނާ ބޮލުން ނެގި ހުރަސް ގޯލަށް ވައްދާލީ ޖިއޮޖީނިއޯ ވައިނަލްޑަމް ބޮލުން ޖަހަ އެވެ. މެޗު ނިމެން 14 މިނެޓަށް ވެފައިވަނިކޮށް ޗެލްސީ އަށް ރަނުގެ ފުރުސަތެއް ލިބުނީ އެ ޓީމުގެ ކޮސްޓާ އަށް އޭރިއާ ތެރެއިން ލިވަޕޫލުގެ ޔޮއެލް މަޓިޕް ކުރި ފައުލާ އެކު އެވެ. މި ފައުލަށް ލިބުނު ޕެނަލްޓީ ކޮސްޓާ ޖެހުމުން މިގްނޮލޭ މަތަކުރި އެވެ. މެޗު ނިމެން ކައިރިވެފައިވަނިކޮށް ލިވަޕޫލުގެ ރޮބާޓޯ ފިރްމީނިއޯ އަށް ވަނީ ހުސް ދެ ފުރުސަތު ލިބި ބޭކާރުވެފަ އެވެ. ފުރަތަމަ ބޯޅަ ގޯލް ކުރިމަތިން ހުހަށް ޖެހުމުން މަތިން ދިޔައިރު އޭގެ ފަހުން ބޮލުން ޖެހި ބޯޅަ ޗެލްސީގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ މަތަކުރި އެވެ.

ރޭގެ މެޗުގައި ލިވަޕޫލުން ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗަށް ވުރެ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ބަލިވިއިރު އެ ޓީމު ވަނީ ލީގު ކަޕުންނާއި އެފްއޭ ކަޕުން ކަޓައިފަ އެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅެން ވީއްލާފައި ހުރި ސެނެގާލް ފޯވާޑް ސަޑިއޯ މާނޭ ރޭގެ މެޗުގެ ފަހުކޮޅު ކުޅެން އެރި އެވެ.

އަމިއްލަ ދަނޑުގައި ވަޓްފޯޑް އަތުން އާސެނަލް ބަލިވީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ 13 މިނެޓުގައި ވަޓްފޯޑުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. ލަނޑުތައް ޖަހައިދިނީ ޔޫނުސް ކަބޫލް އާއި ޓްރޯއީ ޑީނޭ އެވެ. އާސެނަލްގެ ހަމައެކަނި ލަނޑު 58 ވަނަ މިނެޓުގައި ޖެހީ އެލެކްސް އިވޯބީ އެވެ.