ވެލެންސިއާއިން ފައިސާއެއް ނުދޭ، ފީފާގެ އަދަބު އުވާލަން އެއްބަހެއް ނުވަން: ބޯހަސް
ވެލެންސިއާއިން ފައިސާއެއް ނުދޭ، ފީފާގެ އަދަބު އުވާލަން އެއްބަހެއް ނުވަން: ބޯހަސް

ވެލެންސިއާއިން އޭނާ އަށް ދޭން ޖެހިފައި ހުރި މުސާރަތައް އަދި ވެސް ފުރިހަމަ އަށް އަދާކޮށްފައި ނުވާ ކަމަށާއި ފީފާގެ ޓްރާންސްފާ ބޭންގެ އަދަބު ނަގަން އެއްބަސްވެފައި ނުވާނެ ކަމަށް މިދިޔަ އަހަރު އެ ޓީމަށް ކުޅުނު ސްޕެއިންގެ ބޯހަސް މާޓިން ބުނެފި އެވެ.

މިދިޔަ މަހު ވެލެންސިއާގެ އޮފިޝަލަކު "މިހާރު" އަށް ބުނީ ބޯހަސް އަށް ދޭން ޖެހޭ މުސާރައިގެ ބައެއް އަދާކޮށްފައިވާ ކަމަށާއި އަދި ބާކީ ބައި ބަހާލައިގެން ދައްކާގޮތަށް، ފީފާއިން މައްސަލަ ނަގަން އޭނާ އާއެކު އެއްބަސްވެފައި ވާކަމަށެވެ.

އެކަމަކު ބޯހަސް "މިހާރު" އަށް ބުނީ މުސާރައިގެ ގޮތުގައި އޭނާ އަށް ދޭން ޖެހޭ ފައިސާ ހަލާސްކޮށްފައި ނުވާތީ މައްސަލަ އަނބުރައި ނެގުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

އޭނާ އަށް މިފަހުން ފޮނުވީ 10،000 ޑޮލަރު (154،200 ރުފިޔާ ކަމަށް) އޭނާ ބުންޏެވެ. އަދި ވެސް 52،000 ޑޮލަރު (801،840 ރުފިޔާ) ދޭން ޖެހޭކަން ސްޕެއިންގެ ކުޅުންތެރިޔާ ފާހަގަ ކުރި އެވެ.

ބޯހަސް އާ އެކު ވެލެންސިއާ އަށް ކުޅުނު ސްޕެއިންގެ އެހެން ޑިފެންޑަރެއް ކަމަށްވާ ހޯޒޭ އެންޓޯނިއޯ ޑޮމިންގޭޒް އަށް ދޭން ޖެހިފައި ހުރި ހުރިހާ މުސާރައެއް ވެސް އަދާކޮށްފައިވާ ކަމަށް ވެލެންސިއާގެ އޮފިޝަލް ބުންޏެވެ. ވެލެންސިއާ އިން ބުނިގޮތުގައި 20،710 ޑޮލަރު (319،194 ރުފިޔާ) އެންޓޯނިއޯ އަށް ވަނީ ދައްކައިފަ އެވެ.

އެންޓޯނިއޯ އާއި ބޯހަސް އަށް ދޭން ޖެހޭ މުސާރަތައް އަދާކޮށްފައި ނުވުމުން ވެލެންސިއާ އަށް، އާ ކުޅުންތެރިން ސޮއި ނުކުރެވޭނެ ކަމަށް ފީފާއިން އޮތީ ނިންމައިފަ އެވެ. ގައުމީ ޓީމުގެ މިޑްފީލްޑާ އިބްރާހިމް ވަހީދު ހަސަނާއި އަލުން ވެލެންސިއާ އަށް ސޮއި ކުރި ރިލްވާން ވަހީދު އަށް ވެލެންސިއާގެ ކުޅުންތެރިންގެ ގޮތުގައި ރަޖިސްޓްރީ ނުކުރެވޭތީ އެ ކުޅުންތެރިންނަށް އެ ޓީމުގައި ކުޅުމުގެ ފުރުސަތެއް ނުލިބެ އެވެ.

މިދިޔަ ސީޒަންގައި އެ ޓީމަށް ކުޅުނު މިސްރުގެ ހަލީލް ޖަމާލް އަށް ވެސް ވެލެންސިއާއިން ދޭން ޖެހޭ ފައިސާ އެބަހުއްޓެވެ. އަދި ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ވެސް ދީފައެއް ނުވެ އެވެ.

އެފްއޭއެމުން ކްލަބްތަކަށް ދޭން ޖެހޭ ފައިސާ ވެލެންސިއާ އަށް ވެސް ދީފައެއް ނުވެ އެވެ.