މަދުވި ލިޔުންތައް ހުށަހެޅުމުން އިލްޔާސްގެ ކެންޑިޑެސީ ބަލައިގެންފި
މަދުވި ލިޔުންތައް ހުށަހެޅުމުން އިލްޔާސްގެ ކެންޑިޑެސީ ބަލައިގެންފި

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމު ފާސްކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދުނު ލިޔުންތައް ހުށަހެޅުމުން އޭނާގެ ކެންޑިޑެސީ ބަލައިގެންފައިވާ ކަމަށް ކޮމިޝަނުން ބުނެފި އެވެ.

އެނގިފައިވާ ގޮތުގައި އިލްޔާސްގެ ފޯމު ފާސް ނުވީ އޭނާގެ އިންތިހާބީ އެޖެންޓު ފާތިމަތު ނިއުމާގެ މައްޗަށް ހުކުމްކޮށްފައި އޮތް ސާބިތު ދަރަންޏެއް ހަލާސްކުރިކަން އެނގެން ނެތުމުންނެވެ.

ޑިމޮކްރެޓްސްގެ ތަރުޖަމާނު އަދި މާލޭ ސިޓީ ކައުންސިލުގެ ކައުންސިލް މެމްބަރު މުހައްމަދު ސައިފް ފާތިހު (އައިކޮ) ވިދާޅުވީ އިލްޔާސްގެ ކެންޑިޑެސީއާ ގުޅިގެން އީސީން އެދުނު ލިޔުންތައް ރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ.

އެއީ ބޭންކެއްގައި އޮތް ދަރަންޏެއް ކަމަށާއި އެ ދަރަނި ހަލާސްކުރި ކަމުގެ ލިޔުން މިއަދު ލިބޭނެކަމަށް މައުލޫމާތު ލިބިފައި ވެ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލްޔާސްގެ ލިޔެކިޔުންތައް ފުރިހަމަ ކުރެއްވުމުން، އޭނާގެ ކެންޑިޑެސީ ބަލައިގެންފައިވާ ކަމަށެވެ.

އަންނަ މަހު ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު މެންދުރު 2:00 ގައި ހަމަވާނެ އެވެ.

އިލްޔާސްގެ އިތުރުން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްއެންޕީގެ ފަރާތުން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމުގެ ކެންޑިޑެސީ އީސީން ވަނީ ބަލައިގެންފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަމިއްލަގޮތުން ވާދަކުރައްވާ ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މެންދުރު 12:00 ގެ ކުރިން ކެންޑިޑެސީ ހުށަހަޅުއްވާނެ ކަމަށް ވަނީ ނިންމަވައިފަ އެވެ.

އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިންތިޚާބު ބޮއިކޮޓު ކުރަން ޔާމީން އެދިވަޑައިގަންނަވާފައިވީ ނަމަވެސް، ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ މިއަދު ހެނދުނު ވަނީ ހުށަހަޅުއްވައިފަ އެވެ.

ނަމަވެސް، އޭގެފަހުން ޔާމީންގެ ވިސްނުންފުޅު ބަދަލުކުރައްވައި، މުއިއްޒަށް ތައީދުކުރައްވަން އެމަނިކުފާނު ނިންމަވާފައިވާ ކަމަށް އެ ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.