07 އޯގަސްޓް 2023 - 12:30

ވަކި މީހެއްގެ މަސްލަހަތު ހިމާޔަތްކުރާ ޕާޓީއަކަށް ނުވެ، ޕީޕީއެމުން އަންނަ ރިޔާސީ އިންތިހާބަށް ވާދަވެރިކަމާ އެކު ކުރިމަތިލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފި އެވެ.

ރައީސް ދ. އަތޮޅަށް މިއަދު ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި މީދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި، އެމްޑީޕީއާ އެންމެ ވާދަވެރި ޕީޕީއެމުން ކެންޑިޑޭޓަކު ނުނެރޭތީ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެއީ އެ ޕާޓީއަށާއި ގައުމަށް ވެސް ލިބޭނެ ވަރަށް ބޮޑު ދެރައެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ވާދަވެރި ސިޔާސީ ހަރަކާތް ހިންގޭނީ ވާދަވެރިކަމާ އެކީގައި ހުރިހާ ޕާޓީއަކުން ވެސް މަސައްކަތް ކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"[ޕީޕީއެމުން] މިއަދު މަސައްކަތް ކުރަމުން އެ ގެންދަނީ އިންތިހާބު ބޮއިކޮޓްކުރަން. ވަކި މީހެއްގެ މަސްލަހަތު ހިމާޔަތްކޮށް، ވަކި މީހެއްގެ ފަހަތުގައި އެނބުރޭ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެމްޑީޕީގެ ތެރޭގައި އުފެދުނު ކޯޅުންގަނޑަށް އިޝާރަތްކުރައްވައި ރައީސް ވިދާޅުވި ގޮތުގައި، ޕީޕީއެމް މިއަދު އޮތް ހާލަތު އެ ޕާޓީން ވެސް ތަހައްމަލުކުރަން ޖެހުނެ އެވެ. ނަމަވެސް، އާންމު މެމްބަރުންގެ ހައްގުގައި ވަކި މީހެއްގެ މަސްލަހަތު އެ ޕާޓީން ހިމާޔަތް ނުކުރީ ކަމަށް ރައީސް ވިދާޅުވި އެވެ.
"ޕާޓީގައި އޭރު ތިއްބެވި އިސް ބޭފުޅުން ނުކުމެވަޑައިގެން އެކަމުން އަޅުގަނޑުމެންނަށް އަރައިގަނެވުނީ. މިއަދު އެމްޑީޕީ އަކީ ހަމަހަމަ ފުރުސަތު އެންމެނަށް އޮތް ޕާޓީއެއް،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެދުމަކީ އަޅުގަނޑުމެންނާ ވާދަވެރި ޕީޕީއެމަށް ވެސް، ތިބޭފުޅުން ވަކި މީހެއްގެ ފަހަތުގައި ނުތިއްބަވާ ކެންޑިޑޭޓަކު ނެރުއްވައިގެން ކުރިއަށް ވަޑައިގަންނަވާށޭ. ތައީދުކުރާ ޕާޓީގެ މެމްބަރުން މަގުމަތި ނުކުރައްވާށޭ. އެއީ ދެވޭ ވަރަށް ބޮޑު ގެއްލުމެއް، ދެރައެއް."
އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ރިޔާސީ އިންތިހާބު ބޮއިކޮޓްކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި ވިސްނުންފުޅު ކުއްލި ގޮތަކަށް މިއަދު ހެނދުނު ބަދަލުކުރެއްވި ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޕީއެންސީގެ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިލެކްޝަންސް ކޮމިޝަނަށް މިއަދު ވަނީ ފޯމު ވެސް ހުށަހަޅުއްވައިފަ އެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒުގެ ނަން އެ ޕާޓީގެ މަޝްވަރާ މަޖިލިހުން މިދިޔަ ހަފުތާގައި ފާސްކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ޝަރުތު ގެއްލުމުން ޔާމީންގެ ބަދަލުގަ އެވެ. ނަމަވެސް ޔާމީން ވަނީ އެކަމާ ދެކޮޅަށް ނުކުމެވަޑައިގެންފަ އެވެ. އެހެންވެ، ޕާޓީގެ ތެރޭގައި ހަމަނުޖެހުން ބޮޑުވި އެވެ.
ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރުމާ އެކު، ޔާމީން އެންގެވީ ޕީޕީއެމާއި ޕީއެންސީން ވެސް އިންތިހާބު ބޮއިކޮޓް ކުރާށެވެ. އެއީ އެ ހުކުމުގެ ސަބަބުން އެ މަނިކުފާނުގެ ހައްގު ގެއްލިފައިވާ ކަމަށް ވިދާޅުވެ އެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓުގެ އިއްޔެގެ ބައްދަލުވުމުގައި ނިންމީ އިންތިހާބު ބޮއިކޮޓް ނުކުރާ ގޮތަށެވެ.