07 އޯގަސްޓް 2023 - 09:30

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޕީއެންސީގެ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިލެކްޝަންސް ކޮމިޝަނަށް ދެންމެ ފޯމު ހުށަހަޅުއްވައިފި އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން މުއިއްޒުގެ ފޯމު ހުށަހަޅުއްވަން ދަރުބާރުގެ އަށް އޭނާއާ އެކު ވަޑައިގަތީ ޕީއެންސީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި މުއިއްޒުގެ ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒުގެ ނަން އެ ޕާޓީގެ މަޝްވަރާ މަޖިލިހުން މިދިޔަ ހަފުތާގައި ފާސްކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ޝަރުތު ގެއްލުމުން ޔާމީންގެ ބަދަލުގަ އެވެ. ނަމަވެސް ޔާމީން ވަނީ އެކަމާ ދެކޮޅަށް ނުކުމެވަޑައިގެންފަ އެވެ.
ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރުމާ އެކު، ޔާމީން އެންގެވީ ޕީޕީއެމާއި ޕީއެންސީން ވެސް އިންތިހާބު ބޮއިކޮޓް ކުރާށެވެ. އެއީ އެ ހުކުމުގެ ސަބަބުން އެ މަނިކުފާނުގެ ހައްގު ގެއްލިފައިވާ ކަމަށް ވިދާޅުވެ އެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓުގެ އިއްޔެގެ ބައްދަލުވުމުގައި ނިންމީ އިންތިހާބު ބޮއިކޮޓް ނުކުރާ ގޮތަށެވެ.
އެކަމަކު އިންތިޚާބު ބޮއިކޮޓު ކުރުމާމެދު ޔާމީންގެ ވިސްނުންފުޅު މިހާރު ބަދަލުވެފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމު ލީޑު ކުރައްވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވި އެވެ.