މޯލްޑިވްސް ޕްރޯ 2023: 14 އަހަރުގެ އިޔާން، މެންސް އޯޕަންގެ ތިންވަނަ ބުރަށް
މޯލްޑިވްސް ޕްރޯ 2023: 14 އަހަރުގެ އިޔާން، މެންސް އޯޕަންގެ ތިންވަނަ ބުރަށް

ވަރުނުލާ ރާޅުގަނޑުގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާގެ މޯލްޑިވްސް ޕްރޯ 2023 ގެ ފިރިހެން އޯޕަން އިވެންޓުގެ ތިންވަނަ ބުރުން ރާއްޖޭގެ އުމުރުން 14 އަހަރުގެ އެތުލީޓް އިޔާން އަހުމަދު ދަތުރު ކޮށްފި އެވެ.

މޯލްޑިވްސް ޕްރޯ 2023: 14 އަހަރުގެ އިޔާން، މެންސް އޯޕަންގެ ތިންވަނަ ބުރަށް
މޯލްޑިވްސް ޕްރޯ 2023: 14 އަހަރުގެ އިޔާން، މެންސް އޯޕަންގެ ތިންވަނަ ބުރަށް

އިޔާން ތިންވަނަ ބުރަށް ދަތުރު ކުރީ، ރާއްޖޭގެ އާމިން އުމަރު މޫސާ އާއި އިނާޝް ނައީމް ވެސް ވާދަކުރި ދެވަނަ ބުރުގެ ހަތްވަނަ ހީޓުގައި 5.75 ޕޮއިންޓް ހޯދައިގެން ހީޓްގެ ދެވަނަ އެތުލީޓުގެ ގޮތުގަ އެވެ. މި ހީޓުން އެއްވަނަ ހޯދީ 7.60 ޕޮއިންޓް ހޯދި ފްރާންސްގެ ފަބިއެެން ތާޒާ އެވެ.

އިޔާން ވަނީ އުމުރުން 13 އަހަރުގައި، މޯލްޑިވްސް ޕްރޯ މިދިޔަ އަހަރުގެ އިވެންޓްގައި ގަދަ 16 އާ ހަމައަށް ދަތުރު ކޮށްފަ އެވެ.

ހީޓުން ގަދަ ދޭއްގައި ނުހިމެނޭތީ އާމިން އާއި އިނާޝް ވަނީ އޯޕަން އިވެންޓުން ކަޓައިފަ އެވެ. އަސްވާން މުހައްމަދާއި އަހުމަދު ނަޒްމީން އަދި ދާއޫދު ފަޒީހް ވެސް ދެވަނަ ބުރުން ކަޓައިފައި ވާއިރު، ފުރަތަމަ ބުރުގައި 13.25 ޕޮއިންޓް ހޯދައިގެން ހީޓު ކާމިޔާބު ކުރި އަލީ ޖާވިދު ވެސް ވަނީ ދެވަނަ ބުރުން ކަޓައިފަ އެވެ.

ފުރަތަމަ ބުރުން ކެޓި ރާއްޖޭގެ އެތުލީޓުންނަކީ މުހައްމަދު ޝިބުތާއި އަޝްރަފް ހަސަން އެވެ.

އިޔާން އާއެކު ތިންވަނަ ބުރަށް ދަތުރު ކޮށްފައިވާ ރާއްޖޭގެ ބޮޑީބޯޑަރުންނަކީ އަލީ ހުޝްރުވާން (ކުޑަ އައްޔަ) އާއި އަލީ ޝާމް އެވެ.

ޝާމް ތިންވަނަ ބުރުން ޖާގަ ހޯދީ އޭނާ ވާދަކުރި ދެވަނަ ބުރުގެ އަށްވަނަ ހީޓްގެ އެއްވަނަ ހޯދައިގެންނެވެ.

އޭނާ ހީޓްގެ އެއްވަނަ ހޯދީ ޖުމްލަ 12 ޕޮއިންޓާ އެކު، ނުވަ ފަހަރު ދުނިޔޭޣެ ޗެމްޕިއަންކަން ހޯދި ހަވާއީގެ މަޝްހޫރު މައިކް ސްޓެވާޓް ފަހަތަށް ޖައްސާލައިފަ އެވެ. ސްޓެވާޓަށް ލިބުނީ ޖުމްލަ 11 ޕޮއިންޓެވެ.

ދެވަނަ ބުރުގައި ވާދަކުރަން ފެށި ކުޑަ އައްޔަ، ތިންވަނަ ބުރުން ފުރުސަތު ހޯދީ އޭނާ ވާދަކުރި ހީޓުން ދެވަނަ ހޯދައިގެންނެވެ. ހީޓްގެ އެއްވަނަ ހޯދީ ކުޑަ އައްޔަ އަށްވުރެ 2.50 ޕޮއިންޓް އިތުރަށް ހޯދައިގެން 12.90 ޕޮއިންޓް ހަމަކުރި ފްރާންސްގެ ޔާން ސަލައުން އެވެ.

ހީޓް 3: ކުޑަ އައްޔަ، އަމޯރީ ލެވާނޭ (ފްރާންސް)، އުރީ ވަލަޑާއޯ (ބްރެޒިލް)، އާވިން ކްލޯރެކް (ފްރާންސް)

ހީޓް 8: އިޔާން، ޝާމް، ޑޭވިޑް ހަބާޑް (ހަވާއީ)، ބްރާހިމް އީޑައުޗް (މޮރޮކޯ)