07 އޯގަސްޓް 2023 - 09:15

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އަށް އިއްޔެ ދިމާވީ އެ ޕާޓީން ދުވަހަކު ވެސް ނާންނާނެ ކަމަށް މި ހުރިހާ ދުވަހު ބުނަމުން ދިޔަ ހާލަތެވެ. ސިޔާސީ ތަޖުރިބާކާރުން ދެއްކި ވާހަކަތަކާއި ނޫސްވެރިން ސުވާލު ކުރި މައްސަލަ އައިސް ޖެހުނީ އެވެ. ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ހުރިހާ ދޮރު މި އޮތީ ބަންދުވެފަ އެވެ.

ޕީޕީއެމް އިން އެންމެ ފަހުން އެ ހަގީގަތާ ކުރިމަތިލާން ޖެހުނު އިރު ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން 24 ގަޑިއިރު ވެސް ނެތެވެ. ޕީޕީއެމް އިން ޔާމީން ނޫން ކެންޑިޑޭޓެއް ނެރޭނީތޯ ނުވަތަ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފަހަތަށް އަރައި ޕީއެންސީގެ ވެރިކަމެއް ގެންނާނީތޯ އޮތީ ނިންމަން ޖެހިފަ އެވެ.

އެހެން ނަމަވެސް އެ ދެމެދަށް ޔާމީން ވައްޓާލީ އެއަށް ވުރެ ވަރުގަދަ "ބޮމެކެވެ". ރިޔާސީ އިންތިހާބު ދެ ޕާޓީން އެކީ ބޮއިކޮޓް ކުރަން ޖެހޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ސެނެޓަށް ޔާމީން އެންގެވި އެވެ. އެއާއެކު އިއްޔެ ފެނިގެން ދިޔައީ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީގެ އެތެރެ ފަޅައިގެން ދިޔަ ތަނެވެ. ޕާޓީ ދެ ފަޅިވެ އެންމެ ފަހުން ގިނަ މެންބަރުންތަކެއް ޔާމީނާ ދެކޮޅަށް ތެދުވި މަންޒަރެވެ.

ތަޖުރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި މިއީ މި ފަހުގެ ތާރީހެއްގައި ޕާޓީއަކުން ނިންމި އެންމެ ޑިމޮކްރެޓިކް ނިންމުމެވެ. ކޮންމެ ސިޔާސީ ޕާޓީއެއް ވެސް މިހާތަނަށް ވެސް ހިނގަމުން އަންނަނީ އެއް ލީޑަރެއްގެ ފަހަތުންނެވެ. އެ ލީޑަރު އަންގާ ގޮތެއް އެއީ ނަގާ ކޮންމެ ވޯޓެއް ވެސް ނިމިގެން ދާނެ ގޮތެވެ.

އެހެން ނަމަވެސް އިއްޔެ ޔާމީންގެ ޑެޕިއުޓީ ކެމްޕެއިން މެނޭޖަރާއި ލީޑާޝިޕްގެ އިސް ބޭފުޅުންނާއި އަދި ސެނެޓުގެ ބޮޑު ބައި ތެދުވެ ބަސް ބުނީ އެ ޕާޓީ އެންމެ ތާއީދު ކުރާ ލީޑަރާ ދެކޮޅަށެވެ. މުޅި ޕާޓީގެ ހައްގުގައި ބިރު ކަނޑާލި ތަނެވެ. އެންމެ މީހަކަށް ވުރެ ޕާޓީ ބޮޑުވި މަންޒަރު ފެނުނެވެ.

ކަން މިހެން އޮތް ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓުން ޔާމީންގެ ބަހާ ދެކޮޅަށް ނިންމި ނިންމުން އެ ޕާޓީގެ މުޅި ތާރީހު ބަދަލުވެގެން ދާނެ އެވެ. ޕީޕީއެމް ނުވަތަ ޕީއެންސީގެ ވެރިކަމެއް ފެށުމުގެ ކުރިން ނުފިލާނެ ވަރުގަދަ ލައްގަނޑެއް ޖެހި، އެތެރެ ވަރަށް ބޮޑަށް ދެބައި ވާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ޕީޕީއެމްގެ ސެނެޓު ބައްދަލުވުމުގައި އަދި ޕާޓީ އޮފީސް ކުރިމަތިން އިއްޔެ ވަނީ މި ހުރިހާ ދުވަހު ނުވާ ކަމަކަަށް ހަދާފައި އޮތް ދެ ބައިވުން ހާމަވެފަ އެވެ. ޕާޓީގެ މެންބަރުން ޒުވާބުކޮށް އެކަކު އަނެއްކަކުގެ ގަޔަށް ބޮލަށް އަރައި ހިސާބަށް ކަންތައް ދިޔައީ ހަމައެކަނި ބޮއިކޮޓް ކުރަން ޔާމީން އަންގާފައި އޮތުމުން އެކަމާ ހިޔާލު ތަފާތުވާތީ ނޫން ކަން ވަރަށް ސާފުކޮށް ފެނުނެވެ.
"މިހާރު" އާ ވާހަކަ ދެއްކަވަމުން ޕީޕީއެމްގެ އިސް މެންބަރަކު ވިދާޅުވި ގޮތުގައި ޕީއެންސީން ޓިކެޓު ދިން މުއިއްޒު ހުންނެވީ ޔާމީނަށް ފުރުސަތު ގެއްލޭ ނަމަ އެ ޕީޕީއެމް އިން ކޮންމެ ގޮތަކަށް ނިންމިޔަސް ވާދަ ކުރަން ތައްޔާރަށެވެ. އެ ނޫން ގޮތަކަށް އެ ޕާޓީގެ ތެރެއިން އެއްވެސް ނިންމުމެއް ނިންމިޔަ ނުދޭން ސެނެޓުގައި މުއިއްޒަށް ތާއީދު ކުރާ މެންބަރުން ހުރީ ހިފާލައިފަ އެވެ.
"ޕީޕީއެމް އާ ޕީއެންސީ ތެރޭގައި ވެސް މުއިއްޒުގެ ވަރަށް ގިނަ މެންބަރުން އެބަތިބި. އެ މީހުން އެ މަސައްކަތެއް ފަށައިގެން އުޅޭތާ ކިތަންމެ ދުވަހެއް. ކޮންމެ ގޮތެއް ވިޔަސް ފޯމް ހުށަހަޅަން ނިންމައިގެން ތިބީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޕީޕީއެމްގެ ލީޑާޝިޕްގައި ވެސް މުއިއްޒާ ދެކޮޅު މެންބަރުން އެބަތިއްބެވެ. އޭގެ ވަރަށް ބައިވަރު ސަބަބު އެ މެންބަރުން ދައްކަ އެވެ. މާލޭ މޭޔަރު ކަމުގެ ކެމްޕެއިން ވަކި ބަޔަކު ގޮވައިގެން ވަކި އެޖެންޑާތަކާއެކު ކުރުމެވެ. ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރި ދުވަސްވަރު ވެސް މުއިއްޒު ރިޔަސީ އިންތިހާބަށް މަސައްކަތް ފެއްޓެވުމެވެ. މުއިއްޒަށް ވެރިކަން ލިބިއްޖެ ނަމަ ޔާމީނަށް ވަފާތެރިވާނީ ކިހާ ވަރަކަށްތޯ ސުވާލު އުފައްދަ އެވެ. އަދި އެ ވާހަކަ ނުދެއްކިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން "ނަޝީދަށް ޖެހުނު ހާލު" މުއިއްޒުގެ ފަރާތުން ޔާމީނަށް ޖެހިދާނެތީ އެވެ.
"ޕީއެންސީން މުއިއްޒާ ދެކޮޅަށް އާދަމް ޝަރީފް ނެރުނީ ވެސް އެހެންވެ. ޕްލޭން ބީ އަކަށް ޕީޕީއެމް އިން ވަކި ކެންޑިޑޭޓެއް ނެރެން ވެސް ނިންމި. މުއިއްޒު ނޫން ކޮންމެ ގޮތެއް،" އޭނާ ވިދާޅުވި އެވެ.
ކޮންމެ ގޮތެއް ވިޔަސް މި ފެނިގެން ދިޔައީ ޕީޕީއެމް އަދި ޕީއެންސީގެ މުއިއްޒުގެ ކޮންޓްރޯލް އޮތް ތަނެވެ. އަދި "ޔާމީން ވިދާޅުވިޔަސް" ޕީޕީއެމް އިން އެއްވެސް މީހަކު ނުނެރުމަކީ އެ ޕާޓީގެ މެންބަރުންނަށް އޮޕްޝަނެއް ނޫން ކަމެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ނިންމައިފި ނަމަ ދެން ވެދާނެ ގޮތްތަކާ ބެހޭ ގޮތުން ޕީޕީއެމް/ޕީއެންސީގެ މެންބަރުން އިއްޔެގެ ސެނެޓު ބައްދަލުވުމުގައި ފާޅު ކުރީ ވަރަށް ރަނގަޅު ވާހަކަތަކެކެވެ.
ޔާމީން މިހާރު ޖަލުގައި އެ ހުންނެވުމާއި އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުނީ މި ސަރުކާރުގެ ނުފޫޒުން ކަމަށް އެ މެންބަރުން ގަބޫލު ކުރެ އެވެ. އެހެންވެ ޔާމީން މިނިވަން ކުރެވޭނީ ވެސް ސަރުކާރު ބަދަލު ވެގެން ޕީޕީއެމްގެ ވެރިކަމެއް ގާއިމް ކޮށްގެން ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.
އޭގެ ބަދަލުގައި ޕީޕީއެމް އިން ރިޔާސީ އިންތިހާބު ބޮއިކޮޓް ކޮށް ވޯޓު ނުލާން މެންބަރުންނަށް ގޮވާލުމަކީ ގިނަ ބަޔަކު ސިފަ ކުރި ގޮތުގައި "ބަލި ގަބޫލު" ކުރުމެވެ. އަދި "ތަބަކަކަށް ލާފައި" ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިންތިހާބު ދިނުމެވެ. އެއަށް ވުރެ މުއިއްޒަށް ޓިކެޓު ދިނުން ވެސް މާ ރަނގަޅު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
އެ މައްސަލާގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކިވަޑައިގަންނަވާ ގޮތް ހާމަ ކުރެއްވި އެވެ. ޕީޕީއެމް އިން އިންތިހާބު ބޮއިކޮޓް ކޮށްފި ނަމަ ރައީސް ކާމިޔާބު ވާނެ ކަމަށް ނަޝީދު ވެސް ގަބޫލު ކުރެއްވި އެވެ.
ސަބަބަކީ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީން ރިޔަސީ އިންތިހާބު ބޮއިކޮޓް ކުރުމާއެކު މެންބަރުން ވޯޓު ނުލާން ނިންމައިފި ނަމަ ދެން އެންމެ ގިނަ ވޯޓެއް ހޯދާނީ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ އެމްޑީޕީ އެވެ. ބައެއް ފަރާތްތަކުން ލަފާ ކުރާ ގޮތުގައި ޕީޕީއެމްގެ ނަމެއް ނެތް ނަމަ ފުރަތަމަ ބުރުގައި ވެސް ރައީސް ބޮޑު މެޖޯރިޓީއެއް ނެގުމުގެ ފުރުސަތު އެބައޮތެވެ.
އަނެއް ކަމަކަށް ޕީޕީއެމްގެ ވޯޓުތައް ބެހިގެން ދާނީ "އިބޫ ނޫން ގޮތެއް" ހޯދަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ކަމަށް ވެސް ބައެއް ފަރާތްތަކުން ގަބޫލު ކުރެ އެވެ.
ނަމަވެސް މިއިން އެއްވެސް ގޮތަކީ ޕީޕީއެމް އަށް ހަގީގަތުގައި ފައިދާ ހުރި ގޮތެއް ކަމަށް އެ ޕާޓީގެ މެންބަރުން ގަބޫލެއް ނުކުރެ އެވެ. ގާސިމް ހުންނެވީ މި ހުރިހާ ދުވަހު ސަރުކާރު ކޯލިޝަނާ އެއްކޮށެވެ. އަދި އިންތިހާބުގެ ދެވަނަ ބުރުގައި ހަދާނެ އެއްޗެއް ވެސް ޔަގީނެއް ނޫނެވެ.
އަނެއްކޮޅުން ނަޝީދު ކިތަންމެ ވަރަކަށް އެދުނަސް ޕީޕީއެމް ގްރާސްރޫޓް ލެވަލްގެ މެންބަރުން ޑިމޮކްރެޓްސް އަށް ވޯޓެއް ނާޅާނެ އެވެ. އެ ޕާޓީގެ ފަހަތަށް ޕީޕީއެމް އެރުމަކީ ވުމަށް ވުރެއް ނުވުން ގާތް ކަމެއް ކަމަށް އެ ޕާޓީގެ މެންބަރުން ދެކެ އެވެ.
"ބޮއިކޮޓް ކުރުމަށް ވުރެ ޕީޕީއެމްގެ މަސްލަހަތު ހުރީ އަދި ޔާމީނަށް ވެސް ފައިދާ ވާނީ މުއިއްޒު ނެރެގެން. މިހާރު ވެސް މާލޭގެ ބޮޑު ސަޕޯޓެއް އޮވޭ. އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް،" މުއިއްޒަށް ތާއީދު ކުރައްވާ ޕީޕީއެމްގެ މެންބަރަކު ވިދާޅުވި އެވެ.
މީގެ ފަސް އަހަރު ކުރިން ވެސް ރާއްޖޭގެ ސިޔާސީ މަސްރަހުން މިފަދަ ހާލަތެއް ފެނިގެން ދިޔަ އެވެ.
ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު އިދިކޮޅު ލީޑަރު ނަޝީދަށް ވާދަ ކުރުމުގެ ފުރުސަތު ބަންދުވެފައި އޮތް ނަމަވެސް ފަހު ވަގުތާ ޖެހެންދެން އެމަނިކުފާނު ގެންދެވީ އެ މަގާމް ދިފާއު ކުރައްވަމުންނެވެ. ނަމަވެސް އިތުރު ގޮތެއް ނެތުމުން އުކުޅަހުގައި ކޮންގްރެސް ބާއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޓިކެޓު އެރުވި އެވެ. އޭރު އެޅުނު ރެނދު ފޭވަމުން ގޮސް މި ވެރިކަމުގެ ދެ އަހަރައި ބައި ވި ފަހުން މުޅި ޕާޓީ އެކީ ދެފަޅިވި އެވެ.
ޕީޕީއެމްގެ ތެރޭގައި މި ކަންތައް ވަނީ އަދި މާ ގޯސް ކޮށެވެ. އެ ޕާޓީން ވެރިކަމަށް އަންނަން އަދި ރަސްމީކޮށް ފޯމް ވެސް ހުށަނާޅަ އެވެ. މިހާރު ޕީޕީއެމްގެ އިސް މެންބަރުންތައް މުއިއްޒާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަން ފަށައިފި އެވެ. މުއިއްޒަށް ޕީއެންސީގެ ޓިކެޓު ލިބުމުން ޕީޕީއެމް އިން ވަކި ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބުނެ ބަޔާން ނެރެފި އެވެ. މުއިއްޒުގެ ފަހަތަށް އެރުމަށް ވުރެ އިންތިހާބު ބޮއިކޮޓް ކުރުން ވެސް ރަނގަޅު ކަމަށް ބައެއް މެންބަރުން ނިންމައިފި އެވެ.
މި ހާލަތުގައި ޕީޕީއެމް އޮވެ މުއިއްޒު ފޯމް ހުށަހަޅައި އިންތިހާބު ކާމިޔާބު ކޮށްފި ނަމަ އެ ޕާޓީ ނިމިގެން ދާނީ އަދި މާ ހިތިކޮށް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ޕީޕީއެމް ވެސް ދެ ބައިވެ މުއިއްޒާއި ޔާމީން ފެކްޝަން އުފެދިދާނެ ކަމަށް އެ ޕާޓީގެ މެންބަރުން ގަބޫލު ކުރެ އެވެ. ސިޔާސީ ޕާޓީތަކުގެ ތާރީހު ފެންނަނީ އެގޮތަށެވެ.
ކޮންމެއަކަސް ޕީޕީއެމް އިން ޔާމީންގެ ނިންމުންތަކާ ތަންކޮޅެއް ކުރިން ޗެލެންޖު ކުރަން ކެރުނު ނަމަ މި ދުވަސް ނާންނާނެ ކަމަށް ގިނަ މެންބަރުންތަކެއް މިއަދު ގަބޫލު ކުރެ އެވެ. ބޮއިކޮޓް ކުރާނަމަ އެކަން ކުރަން އަދި "ބެކަޕް ކެންޑިޑޭޓެއް" ނެރޭނަމަ އެކަމަށް ވެސް ފުރިހަމަ އަށް ތައްޔާރުވާން އެތައް ދުވަހެއް އޮތެވެ.
މިއީ އަންނަ ދުވަހެއް ކަން އެނގިތިބެ ޔާމީން ނުރުހުން ވެދާނެ ކަމަށް ލީޑާޝިޕުން ތިބީ އެވެ. މިއަދު އެންމެ ފަހުން ޖެހުނީ ޔާމީންގެ ބަހާ ދެކޮޅަށް ތެދުވާށެވެ.