ކެންޑިޑޭޓުންގެ ރެކޯޑު ސާފު ކުރަން މިރޭ ހުށަހަޅާ ފޯމުތައް ނުނިމިދާނެ: ޑީޖޭއޭ
ކެންޑިޑޭޓުންގެ ރެކޯޑު ސާފު ކުރަން މިރޭ ހުށަހަޅާ ފޯމުތައް ނުނިމިދާނެ: ޑީޖޭއޭ

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ކުށުގެ ރިކޯޑު ސާފު ކުރަން މިރޭ ހުށަހަޅާ ފޯމުތައް، ސުންގަނޑި ހަމަވުމުގެ ކުރިން ނުނިމިދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

ޑީޖޭއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިރޭ 9:00 ގެ ފަހުން ހުށަހަޅާ ފޯމުތައް ސުންގަނޑި ހަމަވުމުގެ ކުރިން ނުނިންމުމުގެ ފުރުސަތު އޮތް ކަމަށެވެ.

އަންނަ މަހު ނުވަ ވަނަ ދުވަހު އޮންނަ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާގެ މެންދުރު 2:00 އަށް ހަމަވާނެ އެވެ.

ޑީޖޭއޭގެ ބަޔާނުގައި ބުނީ ރެކޯޑު ސާފު ކުރެވެނީ "އޮޓޮމޭޓަޑް ސެންޓްރަލް ޑޭޓާ ބޭސް" އަކުން ކަމުގައި ނުވާތީ މުޅި ރާއްޖޭގެ ހުރިހާ ކޯޓުތަކުން ވަކިވަކިން ރެކޯޑު ސާފު ކުރުމަކީ ވަގުތު ހޭދަވާ ކަމެއް ކަމަށެވެ.

"ރިޔާސީ އިންތިހާބާ ގުޅިގެން ރެކޯޑު ސާފު ކުރުމަށްޓަކައި މިރޭ 9:00ގެ ފަހުން ހުށަހަޅާ ފޯމުތައް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ސުންގަޑިއަށް ނުނިންމުމުގެ ފުރުސަތު އޮތް ވާހަކަ ދަންނަވަމެވެ." ޖީޑޭއޭގެ ބަޔާނުގައި ވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އިލެކްޝަން ކޮމިޝަނަށް މިހާތަނަށް ފޯމު ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ކެންޑިޑޭޓް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެވެ.

މާދަމާގެ ވަގުތެއްގައި އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ފާރިސް މައުމޫން ފޯމު ހުށަހަޅާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ޕީޕީއެމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ނެރެން ނިންމާފައިވީ ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ހުކުމް ކުރީ ޔާމީންގެ މައްޗަށް އޮތް ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނުގެ ރިޔާސީ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމީ ރަނގަޅަށް ކަމަށެވެ.

އެހެންވެ ޔާމީން ނިންމަވާފައި ވަނީ ޕީޕީއެމް އަދި ޕީއެމްސީން ވެސް އެއްވެސް ކެންޑިޑޭޓެއް ވާދަ ނުކުރައްވައި މި އަހަރުގެ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރެއްވުމަށެވެ.

ޔާމީން އެހެން އެދިވަޑައިގެންނެވި ނަމަވެސް، ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓު ސެނެޓުން ވަނީ އިންތިޚާބުގައި ވާދަކުރަން ނިންމައިފަ އެވެ. އެ ނިންމުން ގަބޫލުނުކުރައްވާނެ ކަމަށް ޔާމީން ވިދާޅުވުމުން، ދެ ޕާޓީގެ ލީޑަޝިޕުގެ ބޭފުޅުން ވަނީ މިރޭ މަޝްވަރާ ކުރައްވައިފަ އެވެ.

އެކަމަކު އެ ބައްދަލުވުމުގެ އަގުލަބިއްޔަތުން ވެސް ނިންމީ އިންތިޚާބު ބޮއިކޮޓު ނުކުރަން ކަން އެނގިފައި ވެ އެވެ.

އެއާ އެކު، ކުރިން ނިންމާފައިވާ ގޮތަށް، ޔާމީންގެ ބަދަލުގައި ޕީއެންސީގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މާދަމާ ފޯމު ހުށަހަޅުއްވާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.