ސެނެޓުގެ ނިންމުމަށް ޔާމީން އަދި ޖަވާބެއް ނުދެއްވާ: ތޮލާލް
ސެނެޓުގެ ނިންމުމަށް ޔާމީން އަދި ޖަވާބެއް ނުދެއްވާ: ތޮލާލް

އަންނަ ރިޔާސީ އިންތިޚާބު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޮއިކޮޓު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވި ނަމަވެސް، އެކަން އެ ގޮތަށް ނުކުރަން ދެ ޕާޓީގެ ޖޮއިންޓް ސެނެޓުން ނިންމި ނިންމުމަށް އެމަނިކުފާނު އަދި ޖަވާބެއް ނުދެއްވާ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

އިންތިހާބު ބޮއިކޮޓް ކުރަން ފެނޭތޯ ބަލަން ވޯޓަށް އަހަން ޖެހުނީ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން، އިންތިހާބު ބޮއިކޮޓް ކުރަން އެ މަނިކުފާނު އެދިވަޑައިގަތުމުންނެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް ޔާމީން ހަވާލުކުރެއްވި ނޯޓިސްގައި ވަނީ އެ ހުކުމާ އެކު، އެ މަނިކުފާނުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓުން ގަބޫލުކުރާ ނަމަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. އެހެންވެ، ސެނެޓްގައި ވޯޓަށް އެހީ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 126 މެމްބަރުންނެވެ. އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 67 މެމްބަރެކެވެ. ޔާމީން އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބޮއިކޮޓް ކުރަން ވޯޓު ދެއްވީ 46 މެމްބަރެކެވެ.

ސެނެޓުގެ އެ ނިންމުން ބަލައިނުގަންނަވަން ޔާމީން ނިންމަވާފައިވާ ކަމުގެ އަޑުތަކެއް އިވެމުންދާއިރު، އެކަން ތޮލާލް މިރޭ ދޮގު ކުރެއްވި އެވެ.

"ޔާމީން އަދި ޖަވާބެއް ނުދެއްވާ،" އޭނާ ވިދާޅުވި އެވެ.

އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން ބޭނުންފުޅުވި ނަމަވެސް އެ މަނިކުފާނަށް ފުރުސަތު ގެއްލޭ ހާލަތުގައި ޕީޕީއެމް/ޕީއެންސީން ނެރޭނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީގެ ސެނެޓުން އޮތީ ފާސްކޮށްފަ އެވެ. މުއިއްޒު ވަނީ އޭނާގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ކަނޑައަޅަން ނިންމަވައިފަ އެވެ.

ރިޔާސީ އިންތިހާބަށް ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ސުންގަނޑިއަކީ މާދަމާގެ މެންދުރު 2 ޖަހާއިރެވެ.