ދިވެހި ފިލްމު އެވޯޑްސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
ދިވެހި ފިލްމު އެވޯޑްސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ބާއްވަން ތާވަލުކުރި 10 ވަނަ ދިވެހި ފިލްމު އެވޯޑްސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

އެ ހަފުލާ އިންތިޒާމު ކުރާ ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ އޮފިޝަލަކު ވިދާޅުވީ، އެވޯޑް ހަފުލާ ފަސްކުރަން ޖެހުނީ އެވޯޑަށް ހުށަހެޅި ގިނަ ފިލްމުތައް ކްލެސިފިކޭޝަން ބިއުރޯ އިން ފާސްކޮށްފައި ނުވާތީ އެކަން ކުރަން އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ކަމަށެވެ.

މިފަހަރު އެވޯޑަށް ފިލްމާއި ސީރީޒްތައް ހިމެނޭ ގޮތަށް 30 ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ.

"މިހާރު ތައްޔާރުވަމުން އަންނަނީ ޖަޖިން މަރުހަލާ ފަށަން. އެކަމާ އެހެން ތައްޔާރީތަކަށް ވެސް ވަގުތުތަކެއް ނަގާތީ ޑޭޓެއް ނެތް ގޮތަށް ފަސްކުރީ،" އޮފިޝަލް ވިދާޅުވި އެވެ.

އެ އެވޯޑު ހަފުލާ ބާއްވަން އުޅުނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

އެންސީއޭ އިން ކުރިން ބުނި ގޮތުގައި، މިފަހަރުގެ އެވޯޑްގައި ބައިވެރިކުރާނީ 2019-2022 އާ ދެމެދުގައި ރިލީޒްކޮށްފައިވާ ފިލްމުތަކެވެ.

އެންމެފަހުން ދިވެހި ފިލްމު އެވޯޑްސް ބޭއްވީ 2019 ވަނަ އަހަރު އެވެ. އެފަހަރު އެންމެ މޮޅު ފިލްމަކަށް ހޮވުނީ އައިޝަތު ރިޝްމީ އާއި ރަވީ ފާރޫގްގެ "ވިޝްކާ" އެވެ.