ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ވޯޓަށް އަހަން އުޅުމުން ޕީޕީއެމްގެ ސެނެޓް ހޫނުވެއްޖެ
ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ވޯޓަށް އަހަން އުޅުމުން ޕީޕީއެމްގެ ސެނެޓް ހޫނުވެއްޖެ

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ކަނޑައެޅި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންގެވި މައްސަލާގައި ގޮތެއް ނިންމަން އަހަން އުޅުމުން ޕީޕީއެމް/ޕީއެންސީގެ ސެނެޓްގެ ބައްދަލުވުން ވަރަށް ބޮޑަށް ހޫނުވެއްޖެ އެވެ.

ބައެއް ސެނެޓް މެމްބަރުން އަޑުގަދަ ކުރައްވައި އެ ކަމާ ދެކޮޅު ހެދުމުން ބައްދަލުވުން މިހާރު ވަނީ 10 މިނިޓަށް މެދުކަނޑާލައިފަ އެވެ. ބައްދަލުވުން މެދުކަނޑާލާފައި އޮއްވައި ބަޔަކު މީހުން ޕީޕީއެމްގެ އޮފީސްތެރެއަށް ވަދެ ހަމަނުޖެހުން ހިންގައިފަ އެވެ. ނަމަވެސް އެކަން ކުރި މީހުން ފަހުން ވަނީ އޮފީސްތެރެއިން ނެރެފަ އެވެ.

ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ސާބިތު ދަރަނީގެ މައްސަލައިގެ ހުކުމް ދެމިއޮތުމުން ސުޕްރީމް ކޯޓުން ނިންމީ އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް ޔާމީން ހަވާލުކުރެއްވި ނޯޓިސްގައި ވަނީ އެ ހުކުމާ އެކު، އެ މަނިކުފާނުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓުން ގަބޫލުކުރާ ނަމަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.

އެހެންވެ، އެކަމާ މެދު ގޮތެއް ނިންމަން މިއަދުގެ މެންދުރު 1:30 ގައި ފެށި ސެނެޓްގެ ބައްދަލުވުމުގައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމުން ޔާމީންގެ އިންތިހާބީ ގެއްލިފައިވާ ކަމަށް ފާސްކޮށްފަ އެވެ. އެއާ އެކު ދެން ވޯޓަށް އަހަން އުޅުނީ އިންތިހާބު ބޮއިކޮޓް ކުރުމާ މެދު ގޮތެއް ނިންމުމަށެވެ. ނަމަވެސް އެ ހިސާބުން ސެނެޓްގެ މެމްބަރުން އަޑުގަދަކޮށް، ނިޒާމު ގެއްލުމުން ބައްދަލުވުން 10 މިނިޓަށް މެދުކަނޑާލީ އެވެ.

ޔާމީނަށް ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލުމާ އެކު، އެ އިންތިހާބު ބޮއިކޮޓް ކުރުމަށް އެ މަނިކުފާނު އެންގެވިޔަސް ސެނެޓްގެ މެމްބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ.