އިދިކޮޅުން އިންތިހާބު ބޮއިކޮޓް ކުރުމަކީ ރައީސަށް އެންމެ ފުރުސަތު ބޮޑުވާނެ ގޮތް: ނަޝީދު
އިދިކޮޅުން އިންތިހާބު ބޮއިކޮޓް ކުރުމަކީ ރައީސަށް އެންމެ ފުރުސަތު ބޮޑުވާނެ ގޮތް: ނަޝީދު

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރުމަކީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު ބަންދުވުމާ ގުޅިގެން އިންތިހާބު ބޮއިކޮޓު ކުރަން އެމަނިކުފާނު އެދިވަޑައިގެންނެވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

އިންތިހާބު ބޮއިކޮޓް ކުރުމާ މެދު ގޮތެއް ނިންމުމުގެ މަޝްވަރާތައް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކުރަމުން ދަނިކޮށް، ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ނިންމުމާމެދު އަދި އެއް ފަހަރު ޕީޕީއެމްގެ ބޭފުޅުން ވިސްނާލެއްވުމަށް އެދިވަޑައިގެންފަ އެވެ.

"އުންމީދު ނަގާނުލައްވައި ޑިމޮކްރެޓްސްއާއެކު ކުރިއަށް ވަޑައިގަންނަވާ،" އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެން އާ ޕާޓީއެއް އުފައްދަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ނަޝީދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު އިންތިހާބުގައި ޕީޕީއެމުން ވާދަނުކުރަން ޔާމީން ވަނީ ޕާޓީގެ ލީޑަޝިޕުގެ ކިބައިން އެދިވަޑައިގެންފަ އެވެ. ޔާމީން އެދިވަޑައިގެންނެވީ އެމަނިކުފާނުގެ އިންތިޚާބީ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓަށް ގަބޫލުކުރެވޭ ނަމަ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. އެކަމާމެދު ސެނެޓުގައި އަންނަނީ މިވަގުތު މަޝްވަރާ ކުރެވެމުންނެވެ.

ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ކުރުމަށް އިދިކޮޅު ޕާޓީތަކުން އިސްނަގައިގެން އެއް ކެންޑިޑޭޓެއް ނެރުމުގެ މަސައްކަތް ނަޝީދު އިސްނަންގަވައިގެން މީގެ ކުރިން ވަނީ ކުރައްވައިފަ އެވެ. އެކަމަކު އެކި ޕާޓީތަކާއެކު ކުރި މަޝްވަރާތައް ވަކި ކޮޅެއްގައެއް ނުޖެހެ އެވެ. ހުރިހާ ޕާޓީއަކުން ވެސް ނިންމާފައިވަނީ ވަކިން އިންތިހާބުގައި ވާދަކުރުމަށެވެ.