06 އޯގަސްޓް 2023 - 14:03

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިފައިވާތީ، އިންތިޚާބު ބޮއިކޮޓް ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާތީ އެކަމާ މެދު ގޮތެއް ނިންމުމަށް އެ ދެ ޕާޓީގެ ޖޮއިންޓު ސެނެޓުގެ ބައްދަލުވުމެއް ފަށައިފި އެވެ.
އިންތިޚާބު ބޮއިކޮޓްކުރަން ޔާމީން އެންގެވީ އެ މަނިކުފާނުގެ މައްޗަށް އޮތް ޖަލު ހުކުމުގެ ސަބަބުން ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމުމާ އެކުގަ އެވެ.
އެނގިފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު އިންތިހާބުގައި ޕީޕީއެމުން ވާދަނުކުރަން ޔާމީން ވަނީ ޕާޓީގެ ލީޑަޝިޕުގެ ކިބައިން އެދިވަޑައިގެންފަ އެވެ. ޔާމީން އެދިވަޑައިގެންނެވީ އެ މަނިކުފާނުގެ އިންތިޚާބީ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓަށް ގަބޫލުކުރެވޭ ނަމަ އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ.
ނޯޓެއް މެދުވެރިކޮށް ޔާމީންގެ އެންގެވުން، ޕާޓީގެ ލީޑަޝިޕުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެނގިފައި ވެ އެވެ. ލީޑަޝިޕުގެ ގިނަ ބޭފުޅުން އެކަމާ ދެކޮޅު ހައްދަވައި، ބައްދަލުވުން ހޫނުވުމުން، ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓު ސެނެޓުގެ ބައްދަލުވުމެއް މިހާރު ދަނީ ކުރިއަށެވެ.
އިންތިޚާބު ބޮއިކޮޓް ކުރަން ޔާމީން އެދިވަޑައިގެންނެވީ، އެމަނިކުފާނަށް ވާދަނުކުރެއްވޭނެ ހާލަތެއްގައި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނެރެން ނިންމާފައިވަނިކޮށެވެ. އަދި އޭގެފަހުން، ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި ނަމަ، ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އެނގިފައިވާ ގޮތުގައި ސެނެޓުގެ ބައެއް ބޭފުޅުން ގެންދަވަނީ އެ ނޯޓުގެ ސައްހަ ކަމާ މެދު ވެސް ސުވާލު އުފައްދަވަމުންނެވެ. އެއީ އެމަނިކުފާނަށް ފުރުސަތު ގެއްލިއްޖެ ނަމަ، ބަދަލުގައި ޕީއެންސީން ކެންޑިޑޭޓެއް ނެރެން ނިންމުމަށް ފަހު، އިންތިޚާބު ބޮއިކޮޓު ކުރަން އަންގަވާނެ ކަމަށް ގަބޫލުނުކުރެވޭތީ އެވެ. އެކަމަކު މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ޔާމީންގެ ދަރިކަލުން ޒެއިން ވަނީ އެ ނޯޓްގައި އޮތް ގޮތަށް ކަންތައް ކުރުމަށް ޔާމީން އެދިވަޑައިގަތްކަން ކަށަވަރުކޮށްދެއްވައިފަ އެވެ.