އިލްޔާސްގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅައިފި
އިލްޔާސްގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅައިފި

އެމްޑީޕީން މެމްބަރުންތަކެއް ވަކިވެ އުފެއްދި "ދަ ޑިމޮކްރެޓްސް" ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް، އޭނާގެ ކެންޑިޑެސީ ފޯމް އިލެކްޝަން ކޮމިޝަން (އީސީ)އަށް މިއަދު ހުށަހަޅައިފި އެވެ.

އިލްޔާސްގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މާދަމާއަށް ހަމަވާއިރު މިހާތަނަށް ފޯމް ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ފޯމް ކޮމިޝަނުން ބަލައިނުގަތުމަށް ނިންމިއިރު އެ ނިންމުމަށް މިއަދު ސުޕްރީމް ކޯޓުން ވެސް ވަނީ ތާއިދުކޮށްފަ އެވެ.

ޑިމޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓަކު ނެރެ ފޯމް ހުށަހަޅާފައިވާއިރު އެ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލިކުރަން ގިނަ ސިޔާސީ ޕާޓީތަކަކާ އެކު މަޝްވަރާކޮށްފަ އެވެ. ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ ވިސްނުން ކުރިއަށް ނެރެ، އެކަމުގައި ވެސް ޑިމޮކްރެޓުން މަސައްކަތްތަކެއް ކުރި އެވެ.

ޑިމޮކްރެޓްސް އިން އެކި ޕާޓީތަކާ ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް އިއްޔެއާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ. އެންމެފަހުން އިއްޔެ ވެސް ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ވަނީ ޖުމްހޫރީ ޕާޓީއާ އެކު މަޝްވަރާ ކޮށްފަ އެވެ. އެކަމަކު ޖުމްހޫރީ ޕާޓީން ވެސް ދަނީ އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް އިބްރާހިމް ނެރެން ތައްޔާރުވަމުންނެވެ.

"ދަ ޑިމޮކްރެޓްސް" އަކީ އެމްޑީޕީގެ ތެރެއިން ރައީސްއާ ހިޔާލު ތަފާތު ވަކި ފެކްޝަނެއްގެ ގޮތުގައި ހިންގުމަށްފަހު އުފެއްދި ޕާޓީއެކެވެ. އެމްޑީޕީން ވަކިވެ އާ ޕާޓީ އުފެއްދުމުގައި ހަރަކާތްތެރިވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ގާތް ބޭފުޅުންނެވެ.

ނަޝީދުގެ ސިޔާސީ މަސައްކަތުގެ އާ ފެށުމަކަށް އުފެއްދެވި ޑިމޮކްރެޓްސް އިން އިންތިހާބުގައި ވާދަކުރައްވާނީ، އެ ޕާޓީގެ ގިނަ ބަޔަކަށް ވެސް ކުރިން ބެލެވިފައި އޮތް ގޮތުގައި އެމަނިކުފާނެވެ. އެކަމަކު، އެމަނިކުފާނުގެ ބަދަލުގައި އެހެން ކެންޑިޑޭޓެއް ނެރެފައިވާއިރު ޑިމޮކްރެޓްސްގެ ކެމްޕޭންގައި، ވެރިކަން ލިބިއްޖެ ނަމަ ނިޒާމީ ވޯޓު ނަގާނެ ކަމަށް އަންނަނީ ބުނަމުންނެވެ.