06 އޯގަސްޓް 2023 - 13:41

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަހްމޫދު ޝައުގީ ޖުމްހޫރީ ޕާޓީ އަށް މިއަދު ސޮއިކުރައްވައިފި އެވެ.

ޝައުގީ، އެ ޕާޓީ އަށް ސޮއިކުރެއްވީ ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ޖޭޕީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ގާސިމް ވިދާޅުވީ ޝައުގީ އަކީ އޭނާ އަށް އެންމެ އިހުލާސްތެރި މީހުންގެ ތެރެއިން ލާމަސީލު ބޭފުޅެއް ކަމަށެވެ. ޝައުގީ އަކީ އަބަދުވެސް ވަރަށް ގާތް އެކުވެރިއެއް ކަމަށާއި އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޖޭޕީން ކުރާ މަސައްކަތުގައި އޭނާ ބައިވެރިވެވަޑައިގަތުމުން އުފާކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ހަވާލުކުރެއްވި ކޮންމެ ޓާސްކެއް ފުރިހަމަ އަށް އަދާކުރައްވައި، އަޅުގަނޑުމެންނާ އަތާ އަތް ގުޅާލައިގެން އަބަދުވެސް، ދިވެހި ރައްޔިތުންނާ އެކީގައި މަސައްކަތް ކުރައްވާ ބޭފުޅެއް،" ގާސިމް ވިދާޅުވި އެވެ.
ޝައުގީ ވިދާޅުވީ ސިޔާސީ ދާއިރާއާ ދުރުގައި އޭނާ ހުންނަވާތާ ވަރަށް ދުވަސްވެއްޖެ ކަމަށެވެ. މިއަދު ޖޭޕީއަށް ވެސް ސޮއިކުރެއްވީ "މުޅިން ސިޔާސީ މީހަކަށް" ވުމުގެ ބޭނުމުގައި ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަކީ ފަންނީ މީހެއް. އަޅުގަނޑު ގަސްދު ކުރަނީ ވެސް މައިގަނޑު ގޮތެއްގައި ފަންނީ މީހެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދިއުމަށް،" ތައުމީލީ ދާއިރާގައި ވެސް މަސައްކަތް ކުރެއްވި ޝައުގީ ވިދާޅުވި އެވެ.
ޖޭޕީ އަށް ސޮއިކުރެއްވީ ގާސިމާ އޮންނަ ގާތް ގުޅުމުގެ ސަބަބުންނާއި ރާއްޖެ މިހާރު އޮތް ހާލަތު ބަދަލުކުރުުމުގެ ގާބިލުކަން ހުރި ހަމައެކަނި ބޭފުޅަކީ ވެސް ގާސިމް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް ޝައުގީ ވިދާޅުވި އެވެ.
ޝައުގީ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އޭނާ ސިޔާސީ ހަޔާތް ފެއްޓެވީ މައުމޫން ވެރިކަމުގައި އުފެއްދެވި ޑީއާރުޕީންނެވެ.