އަނިޔާ ލިބުނު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް
އަނިޔާ ލިބުނު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް

ކ. ގުޅީގައި ކުޑަ ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ކޮށްފައި ހުރުމުން އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ގެންގޮސްފި އެވެ.

ޖެންޑާ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އާމިނަތު ހުސެއިން ޝަރީފް (އައިންތު) ވިދާޅުވީ އަނިޔާތަކެއް ކޮށްފައި ހުރިކަމުގެ ތުހުމަތުކުރެވޭތީ ހަ އަހަރުގެ ފިރިހެން ކުއްޖަކު ރޭ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަމުން ދާތީ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

އެނގިފައިވާގޮތުގައި އެ ކުއްޖާ އަށް އަނިޔާކުރިކަމުގެ ތުހުމަތު ކުރަނީ އެ ކުއްޖާގެ އާއިލާ މީހެކެވެ. އެ ކުއްޖާގެ ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެ އެވެ.

"ކަންފަތާއި އަތާއި ފައި ތަންތަން ފިހިފައި ހުރި ކަހަލަ ގޮތަކަށް ހުރީ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.