ބައެއް ސްކޫލުތަކަށް އަދިވެސް ޓީޗަރުން ބޭނުން
ބައެއް ސްކޫލުތަކަށް އަދިވެސް ޓީޗަރުން ބޭނުން

ދޮޅުމަސް ފަހުން މިއަދު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު ރާއްޖޭގެ ހުރިހާ ސްކޫލަކަށް ޓީޗަރުން ހަމަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނި ނަމަވެސް ސްކޫލުތަކަށް ޓީޗަރުން ހަމަ ނުވާކަން އެނގިއްޖެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު، ހުރިހާ ސްކޫލަކަށް ބޭނުންވާ އަދަދަށް ޓީޗަރުން ހަމަވާނެ ކަމަށެވެ.

އެކަމަކު މިއަދު ވެސް ބައެއް ސްކޫލުތަކަށް ޓީޗަރުން ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.

ޖަމާލުއްދީން ސްކޫލަށް ދިވެހި ޓީޗަރަކު ހޯދަން އިއުލާން ކޮށްފައި ވަނީ މީގެ ދެ ގަޑިއިރު ކުރިންނެވެ. އިއްޔެ އެ ސްކޫލަށް އިސްލާމް ޓީޗަރުން ހޯދަން ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެ ސްކޫލުން ބުނީ ޓީޗަރުން ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މާލެ ސަރަހައްދުގެ ބޮޑެތި ސްކޫލުތަކަށް ވެސް ޓީޗަރުން ހޯދަން ވަނީ އިއުލާން ކޮށްފަ އެވެ. އެގޮތުން ސަލާހުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލާއި ހުރަވީ ސްކޫލަށް ވެސް ޓީޗަރުން ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.

އަތޮޅު ތެރޭގެ ބައެއް ސްކޫލުތަކަށް ވެސް ޓީޗަރުން ހޯދަން އިއުލާން ކޮށްފައިވާއިރު ބައެއް ސްކޫލުތަކަށް ޕްރިންސިޕަލުން ވެސް ހަމަނުވާކަން އެނގިފައިވެ އެވެ.

މިކަމާ ގުޅޭގޮތުން އެޑިޔުކޭޝަންގެ ބަހެެއް ނުލިބުނެވެ.

މިނިސްޓްރީން މިއަދު ބުނީ މިއަދު ފެށި ކިޔެވުމާ އެކު 6،516 ދިވެހި ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން ސްކޫލްތަކުގައި މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.