06 އޯގަސްޓް 2023 - 11:39

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފި އެވެ.

ނާޒިމްއާ އެކު ފޯމު ހުށަހަޅުއްވަން އޭނާގެ ރަނިންމޭޓް ޑރ. އަހްމަދު އަދީލް ނަސީރު ވަޑައިގަތެވެ. ކެންޑިޑެސީ ފޯމާ ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.
ކުރިން ޑިފެންސް މިނިސްޓަރަކަށް ހުންނެވި ނާޒިމް، ޕާޓީ އުފައްދައި އިންތިހާބުގެ މަސައްކަތް ފެށީ ކާމިޔާބުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. އޭނާ ވިދާޅުވަމުން ގެންދެވީ، ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ފިކުރު، ޕީޕީއެމާއި އެމްޑީޕީގެ މައްޗަށް އެ ޕާޓީއަށް ކުރި ހޯދޭނެ ކަމަށެވެ.
ނާޒިމްއާ އެކު މަޖިލީހުގެ ތިން މެމްބަރަކު ހިމެނިވަޑައިގަންނަވާ ޕާޓީން މި އިންތިހާބުގައި ވާދަކުރަން ނިންމާފައި ވަނީ ކޯލިޝަނަކާ ނުލައި ވަކިންނެވެ.
މި ފަހަރުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމުނާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވާދަކުރައްވަން ވަނީ ނިންމަވައިފަ އެވެ.
ޕީޕީއެމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ނެރެން ނިންމާފައިވާ ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ހުކުމް ކުރީ ޔާމީންގެ މައްޗަށް އޮތް ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނުގެ ރިޔާސީ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމީ ރަނގަޅަށް ކަމަށެވެ.