06 އޯގަސްޓް 2023 - 12:46

މާޗް 2020 ގައި ދެކުނު ކޮރެއާގެ ސްކައި ވިންޑް ގްލޯބަލް ކުންފުންޏާ އެކު، އެފްއޭއެމުން 17 މިލިއަން ޑޮލަރުގެ އަގުބޮޑު އެއްބަސްވުމެއްގައި ސޮއި ކުރި އެވެ. ހުޅު މާލޭގައި ހަދަމުންދާ ފްލެޓްތަކުގެ ތެރެއިން މައްސަލަ ޖެހިފައިވާ ކޭ-ޕާކް ރެޒިޑެންސް ޕްރޮޖެކްޓް ހިންގި ކުންފުނީގެ ވެރިންގެ ހިއްސާ އޮންނަ އެހެން ކުންފުންޏެއް ކަމަށްވާ، ސްކައި ވިންޑް ގްލޯބަލް ކުންފުންޏާ އެކު ހެދި އެއްބަސްވުމުގައި ހިމޭނޭ ތިން ޕްރޮޖެކްޓްގެ ތެރެއިން އެންމެ ބޮޑު ޕްރޮޖެކްޓަކީ އެފްއޭއެމްގެ މިހާރުގެ އޮފީސް ހުރި ބިމުގައި ހަދަން އިއުލާން ކުރި 20 ބުރީގެ އިމާރާތެވެ.

އަނެއް ދެ ޕްރޮޖެކްޓަކީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ހަތަރު ބުރިއަށް ހަދާ އިންޑޯ ފުޓްސަލް އެރީނާ އެވެ. އަދި ރާއްޖޭގެ 20 ސަރަހައްދެއްގައި ހަދާ 20 ދަނޑެވެ.

މި ހުރިހާ ޕްރޮޖެކްޓެއް މިހާރު ވަނީ ފުނޑުފުނޑު ވެފަ އެވެ. މާލޭގައި ހަދާ ދެވަނަ އަށް އެންމެ އުސް އިމާރާތުގެ ކުރެހުންތައް ވެސް ނިންމައި އާންމު ވެސް ކުރި އެވެ. އެ ޕްރޮޖެކްޓް ހިންގަން މަގުފަހި ކުރުމުގެ ގޮތުން މިހާރު ހުރި އިމާރާތް ހުސްކޮށް، އަމިއްލަ މީހެއްގެ އިމާރާތަށް އެފްއޭއެމްގެ އޮފީސް ވެސް ބަދަލު ކުރި އެވެ.
އެކަމަކު އެ ޕްރޮޖެކްޓް ނުފަށަ އެވެ. މިހާރު އަނެއްކާ ވެސް އެފްއޭއެމުން ކުރީގެ އިމާރާތަށް ވަދެ އެތަން ރަސްމީ އޮފީހެއްގެ ގޮތުގައި ބޭނުން ކުރަން ފަށައިފި އެވެ.
ސްކައި ވިންޑް ގްލޯބަލްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ މަސައްކަތް ނިންމާނީ 20 ބުރީގެ އުސް އިމާރާތެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ހަދާ 20 ދަނޑު ހަދަން ބޭނުންވާ ފައިސާ ހޯދަން ހަމަޖެހިފައި ވަނީ 20 ބުރީގެ އިމާރާތް ހެދުމަށް ފަހު އެތަނުން ލިބޭ އާންމުދަނީން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އޭރު އިއުލާން ކުރި އެވެ.
އެކަމަކު އެ ޕްރޮޖެކްޓް ފުނޑުފުނޑުވެގެން ދިޔަ ގޮތަށް، އިންޑޯ ފުޓްސަލް އެރީނާ އާއި އެކި ރަށްރަށުގައި އަޅަން ބުނި ދަނޑުތަކުގެ ޕްރޮޖެކްޓް ވެސް މިހާރު ވުޖޫދުގައެއް ނެތެވެ. އެއަށް ވުރެ އެފްއޭއެމު ވެސް އޮތީ މާލީ ގޮތުން ބޮޑު އަޑިގަނޑަކަށް ވެއްޓިފަ އެވެ.
ވިހި ބުރިއަށް އޮފީސް އިމާރާތް ހެދުމުގެ ހިޔާލު އެފްއޭއެމުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް ހަވާލު ކުރި ކުންފުންޏަށް ވެގެން ދިޔަ ގޮތުން ވެސް ދެން އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށެވެ.
"ވަރަށް ބޮޑު ޕްލޭނެއްގެ ދަށުން ބަޔަކާ އެކު އެއްބަސްވެގެން އެފްއޭއެމް ހައުސް 20 ބުރިއަށް ހަދަން އެއްބަސްވެގެން ދިޔައީ. ވަރަށް ބޮޑު ޕްރެސް ކޮންފަރެންސެއް އަޅުގަނޑުމެން ބޭއްވިން. ވަރުވަރުން ކޯޓްލައިގެން އައިސް އެކަން ވެސް ކުރިން އަޅުގަނޑުމެން. އެހެންނަމަވެސް މިއަދު އެ ކުންފުނި އޮތް ހާލު ހަމަ ތިބޭފުޅުން [ނޫސްވެރިން] ގެ ނޫސްތަކުން އަޅުގަނޑުމެންނަށް ފެނިފައި އޮތީ. އެހެންވީމަ އެ މަޝްރޫ އޮތީ މަޑުޖެހިފަ،" ކޭ-ޕާކްގެ ސިސްޓާ ކުންފުނި ސްކައިވިންޑް ގްލޯބަލް ކުންފުންޏާ އެކު ހެދި އެއްބަސްވުމާ ބެހޭގޮތުން ބައްސާމް ވިދާޅުވި އެވެ.
މިހާރު އެފްއޭއެމްގެ ވިސްނުން ހުރީ އެ އެސޯސިއޭޝަންގެ ބެލުމުގެ ދަށުން ހަ ބުރި އަށް އެފްއޭއެމް އޮފީސް އިމާރާތް ހެދުމަށެވެ.
"މި ވަގުތު މި ވިސްނަނީ 5 ނުވަތަ އަށް ވަރަކަށް ބުރިއަށް ނެގުމަށްޓަކައި. މިހާރު އަޅުގަނޑުމެން ބޭނުމީ ފީފާގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ލިބޭ އެހީން އެ ޕްރޮޖެކްޓް ހިންގުމަށް،" ބައްސާމް މިދިޔަ މަހު ވިދާޅުވި އެވެ.
އެކަމަކު އެ މަސައްކަތް ފަށާނެ ތާރީހެއް ބައްސާމް ވިދާޅެއް ނުވެ އެވެ. އެފްއޭއެމުން ހަދަން ބުނީ ދަނޑުތަކުގެ ތެރެއިން 17 ރަށެއްގެ ނަން މެއި 2021 ގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާން ކުރި އެވެ. އެކަމަކު އެ ރަށްރަށުގައި މަސައްކަތް ނުހިންގާތީ ސަރުކާރުގެ ހަރަދުގައި ބައެއް ރަށްރަށުގައި ދަނޑުތައް އެޅުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.