ފުލުހުންނަށް ބޮޑުކުރި އެލަވަންސް ނުދީ، މުސާރަ ޝީޓް އަނބުރާ ފޮނުވާލައިފި
ފުލުހުންނަށް ބޮޑުކުރި އެލަވަންސް ނުދީ، މުސާރަ ޝީޓް އަނބުރާ ފޮނުވާލައިފި

ފުލުހުންނަށް ދޭ އެލަވަންސްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބޮޑުކުރި އެލަވަންސާ އެކު މުސާރަ ޖަމާކޮށްދޭން އެދުމުން އެ މުސާރަ ޝީޓް، ފިނޭންސް މިނިސްޓްރީން އަނބުރާ ފުލުހުންނަށް ފޮނުވާލައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ފުލުހުންގެ މުސާރަ ޝީޓް ފިނޭންސަށް ފޮނުވީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް ބޮޑުކުރި މުސާރަ ހިމަނައިގެންނެވެ. އެކަމަކު އެ ބަދަލުތަކާއެކު މުސާރަ ޖަމާކޮށް ނުދީ ދެ ފަހަރަށް މުސާރަ ޝީޓް އަނބުރާ ފޮނުވާލާއި ކުރީގެ މުސާރަ ޝީޓް ފޮނުވަން އެދިފައިވާ ކަން އެނގިފައިވެ އެވެ.

ކުރިން މަހުގެ ފަހުކޮޅު މުސާރަ ޖަމާވިއަސް، ފިނޭންސުން ފުލުހުންނަށް އަންގާފައިވާ ގޮތުގައި، މި ފަހަރު މުސާރަ ޖަމާވާނީ މާދަމާ އެވެ.

ފުލުހުންގެ ބޮޑު ކުރި މުސާރަ ދިނުމަށް ފިނޭންސުން ދެކޮޅު ހެދި އިރު، އެ އެލަވަންސްތައް ވަނީ މިއަހަރުގެ ބަޖެޓާ އެކު ރައްޔިތުންގެ މަޖިލީހުން ފާސް ވެސް ކޮށްފަ އެވެ.

ބޮޑުކުރި އެލަވަންސްތަކާ އެކު ފުލުހުންނަށް މުސާރަ ޖަމާކޮށްނުދިން ސަބަބެއް ފިނޭންސް މިނިސްޓްރީން އަދި ސާފެއް ނުވެ އެވެ. މިކަމުގައި ފުލުހުން ވެސް ވަކި އެއްޗެއް ނުބުންޏެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި މުސާރައިގެ އޮނިގަނޑު އަލުން އެކުލަވާލާފައި ވަނީ ކުރިން ދެމުން އަައި ބައެއް އެލަވަންސްތައް މުރާޖައާކޮށް، އަދި ހައުސިން އެލަވަންސާއި ޔުނިފޯމް އެލަވަންސް އަދި ފެރީ އެލަވަންސް އެއްކޮށްލައިގެން ލިވިން އެލަވަންސްގެ ގޮތުގަ އެވެ.

އަލަށް ގެނައި ބަދަލާ ގުޅިގެން ފްރަންޓް ލައިންގައި މަސައްކަތްކުރާ ފުލުހުންނަށާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންނަށް ހާއްސަ އެލަވަންސްތަކެއް ލިބޭނެ ކަމަށް ވެސް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.

އެލަވަންސްތަކަށް ބަދަލު ގެނައީ، ފުލުހުން ބުނެފައިވާ ގޮތުގައި، މި އަހަރުގެ ބަޖެޓްގައި ހިމަނައިގެންނެވެ. އެއީ، އެއް ކަހަލަ މަސައްކަތްކުރާ ދައުލަތުގެ އެހެން މުއައްސަސާތަކުގެ މުސާރަ އާއި އެލަވަންސްތަކަށް ވުރެ ފުލުހުންގެ އެލަވަންސްތައް ކުޑަކަމަށް ފެންނާތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވެފައިވެ އެވެ.